މީސްތަކުންނޭވެ! މަރުވުމުގެ ކުރިން ލޮލަށް ފެންނަ ކަންކަމުގެ ވާހަކަ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު ބުނެވިފައިވަނީ މާކުރީ ޒަމާނުގައެއް ނޫނެވެ. މިހާރުވެސް އިރާދަކުރެއްވެވި އަޅަކަށް އެވާހަކަ ބުނެވެއެވެ.
ދާދިފަހުން ރަމަޟާން މަހެއްގައި މަރުވި މީހަކު މަރުވި ވަޤުތު އޭނާގެ ދަރިންގެ ގާތުން އެދުނީ އިހަށް ދުރަށް ޖެހިލުމަށާއި މެހްމާނުންނަށް ޖާގަދިނުމަށެވެ. އެތަނުގައި މެހްމާނަކު ނެތްކަމަށް ދަރިންބުނި ވަޤުތަކީ ޝަހާދަތްކިޔުންމަތީގައި އޭނާ މަރުވި ވަޤުތެވެ.
މީސްތަކުންނޭވެ! މަރަކީ ވާނެއެއްޗެއްކަން ޔަޤީނެވެ. ހަމައެކަނި ނުއެނގެނީ މަރުވާނެ ވަޤުތެކެވެ. ދުނިޔެ ނިމި ޤިޔާމަތްވާނެކަން އެއީވެސް ޔަޤީންވާ ކަމެކެވެ. ނުއެނގިގެން މިއުޅެނީ ޤިޔާމަތްވާނެ ވަޤުތެވެ. އެކަމަކުވެސް މީގެ 1400 އަަހރު ކުރިން ބާވައިލެއްވެވި ޤުރްއާނުން ޔަޤީންވާ ކަމެއް އެބައޮތެވެ. އެއީ ދުނިޔެ ނިމި ޤިޔާމަތްވުމުގެ ވަޤުތު ދާދިގާތްވެއްޖެ ކަމެވެ.
2003 ވަނަ އަހަރުގެ މާރިޗްމަހުގެ 16 ވަނަ ދުވަހުގެ ބީބީސީގެ ޚަބަރުތައް ނިކަންބަލައިލަބަލާށެވެ! އެމެރިކާގެ މާރުކޭޓެއްގައި ދުނިޔޭގެ ނިމުން ގާތްވެއްޖެކަމަށާ އެމީހަކު ކުރިކަމަކަށް ޖަވާބުދާރީވާން އެމީހަކަށް ޖެހޭނެ ކަމަށްބުނި މަހުގެ ވާހަކަ އަދިވެސް އެއޮތީ ފެންނާށެވެ!
ޤުރްއާން ޤަބޫލުނުކުރާ އެތައް މިލިއަން ބައަކުވެސް ބީބީސީ ޤަބޫލުކުރެއެވެ. ބަލައިގެން ކިޔަންވީ ނޫންނެއްޔެވެ؟ ބިރުވެތިވާން މަސައްކަތްކުރަންވީ ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! މަރަށް ބިރުވެތިވާށެވެ. ޤިޔާމަތްދުވަހަށް ބިރުވެތިވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ! ދުނިޔޭގައި ކުރިވާންހުރި ދަތިތަކާއި ކައްވަޅާއި ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ!
ބިރުގަންނަވީ މަސް އެހެން ބުނެގެނެއް ނޫނެވެ. މަސް އެހެން ބުނުމަށް އިޛުނަ ދެއްވެވީ ދުނިޔެއާއި ޤިޔާމަތް ދުވަހުގެ ވެރި ﷲ ތަޢާލާއެވެ. ބިރުގަންނަންވީ ﷲ ތަޢާލާ ބާވައިލެއްވެވި ޤުރްއާނުގައި އެހެން އޮތުމުންނެވެ. "ޤިޔާމަތް ދުވަސް ދާދި ގާތްވެއްޖެއެވެ. އެމީހަކު ކުރިކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ."
- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން
ގުޅުންހުރި ބީބީސީގެ ލިޔުން ބައްލަވާލައްވަން:
http://news.bbc.co.uk/2/hi/americas/2854189.stm