ދިރިއުޅުމުގަ ދަތިއުނދަގޫ ގޮތްތައް މެދުވެރިވާނަމަ ފުރަތަމަ ކަމަކަށްވެސް މިއާޔަތަށް ޢަމަލުކުރެވޭ މިންވަރަށް ވިސްނާލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދިރިއުޅުމުގަ ދަތިއުނދަގޫ ގޮތްތައް މެދުވެރިވާނަމަ ފުރަތަމަ ކަމަކަށްވެސް މިއާޔަތަށް ޢަމަލުކުރެވޭ މިންވަރަށް ވިސްނާލަންޖެހޭނެ!

"އަހުރެންނަށް އަބަދުވެސް ދިރިއުޅެން ޖެހެނީ ވަރަށް ދަތިޙާޅުގައެވެ. ވޭނާއި ހިތާމަތަކުގައެވެ." މިހެން ބުނަންޖެހޭ މީހުން ހާދަގިނައެވެ. އެފަދަ މީހުން ގިނަކަމުން އެެހން ބުންނަ ނުޖެހޭ މީހަކު ނެތްކަމަށް ބުނަންޖެހޭ ވަރަށް އެފަދަ މީހުން މިވަނީ ގިނަވެފައެވެ. 

އެހެންކަމުން ކުރަންވީ ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ މިއާޔަތަށް ތިމާއަށް ޢަމަލުކުރެވޭ މިންވަރާއިމެދު ވިސްނައިލާށެވެ. 

"އަދި ތިމަންރަސްކަލާނގެ (ބާވައިލެއްވެވި) ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124) 

މިހެން ބުނީމާ ބައަކު ބުނެފާނެއެވެ. "އަހަރެމެން މިއުޅެނީ ވީހައި ރަނގަޅަށެވެ. ތަޤްވާވެރިކަންމަތީގައެވެ. އެކަމަކުވެސް އުޅެން ޖެހެނީ ދަތި އުނދަގޫ ޙާލަތުގައެވެ. ވޭނާއި ހިތާމައިގައެވެ." 

މިއީވެސް ހަމަ މެދުވެރިވެދާނެ ގޮތެކެވެ. އެހެންކަމަށްވާނަމަ ފުރަތަމަ ކަމަކަށް އަދިވެސް އިތުރަށް ތަޤްވާވެރިވާން މަސައްކަތްކުރާށެވެ. ހަމައެއާއިއެކު އަންނަނިވި އާޔަތްވެސް އެބައޮތްކަން ހިތްމައްޗަށް ގެންނާށެވެ. 

"މީސްތަކުން ތިމަންމެން އީމާންވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟" (އަލް ޢަންކަބޫތު: 2) 

ރަނގަޅަށް ވިސްނާށެވެ! ދުނިޔެއާއި އާޚިރަތަށްޓަކައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަން ކުރެވޭނީ ﷲ ގެ ވަޙީބަސްފުޅުތަކަށް ޢަމަލުކޮށްގެންނެވެ. ސުންނަތަށް ޢަމަލުކުރުމަކީވެސް ﷲ ގެ އަމުރުފުޅެކެވެ. ވީމާ އެކަންވެސް މިއަންނަނީ ހަމަ ޤުރްއާނަށް ޢަމަލުކުރުމުގެ ތެރެއިންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން