ނަރަކައިން ގިނައިން ފެނިވަޑައިގަތީ އަންހެނުންކަމަށް ކުރެއްވެވި ޙަދީޘްފުޅުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. އެކަނބަލުންނަށް ﷲ ތައާލާގެ ޙަޟްރަތުން ހުރި މަތިވެރި ދަރަޖަތަކާއި ކަނބަލުންނަށް ސުވަރުގެއިން ލިބެންހުރި މަތިވެރިކަމުގެ ދެކެވެނީ ވަރަށް މަދުންނެވެ. އެހެންވެ ބައަކަށް ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި މައްސަލަތަކެއް އެބަ ހުއްޓެވެ.
ލޮބުވެތިކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ދަރަޖަ ﷲ ތައާލާގެ ޙަޟްރަތުގައި އުފުލައިލަން ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. ފުރަތަމަ ކަމެއްގެ ގޮތުންވެސް ފޭރާންލުން އިޞްލާޙްކޮށްލައިބަލާށެވެ. ގިނަ ބައެއްގެ ސަމާލުކަން ހޯދަން ހެދުން އެޅުމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެންދާނެ ގޮތަށް ނިކަން ހެދުންލައިބަލާށެވެ!
ހަމައެއާއިއެކު ގެއިން ބޭރަށް ދިއުމުގައިވެސް ބޭރުގައި އުޅޭއިރު ތިމާއަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެ ގޮތަށް ޢަމަލުކޮށްބަލާށެވެ. ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިގެން ލިބިގެން ނޫނީ ގެއިން ނުނުކުމެބަލާށެވެ! އެއިރުން އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠީނުންނަކަށްވެސް އެހެން ޝައިޠޯނަކަށްވެސް ތިބާގެ މައްޗަށް ގަދަވެއެއް ނުގަނެވޭނެތެވެ.
މިހެން ބުނީމާ ފިރިން ރުޅިން ރުޅި ނުއަންނާށެވެ! މިއީ ބުނަންޖެހޭ ވާހަކައެކެވެ. ފިރިމީހާ އާއިއެކު ބޭރަށް ދިއަ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން އަނބިންނަށް ޖެހެއެވެ. ސަބަބަކީ އަނބިން ހިމާޔަތްކޮށްދީ ބަލަހައްޓަންޖެހޭ ފިރިންގެ ފަރާތުންވެސް އަނބިންނަށް ނުރައްކައުތެރި ކަންކަން މެދުވެރިވެއެވެ. އެފަދަ ގޮތެއް މެދުވެރިނުވާނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
ދެން ބުނެލަން އޮތީ ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކަންކަމުގައި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްގެންވެސް އަނބިންނަށް ސުވަރުގެ ވަދެވެން އެބައޮތެވެ. ދެމަފިރިންނަށް އެކުގައި ނުއުޅެވޭ ޙާލަތުގައި ވަރިވުމަކީ އަނބިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. އެކުގައި އުޅެވެން ނެތިއްޖެނަމަ ރިވެތިގޮތުގައި ވަކިވާށެވެ. އެހެނެއްކަމަކު އަންބެއްގެ ގޮތުގައި އިންނަނަމަ އިންނަންވާނީ ފިސާރި ކިޔަމަންތެރިކަމާއިއެކުގައެވެ.
މިބަޔާންކުރީ 3 ކަމެކެވެ. އެއީ ﷲ ތަޢާލާ އަނގަވާފައި ގޮތަށް ފޭރާންލުމާއި ގެއިން ބޭރަސްދާނަމަ ﷲ ތަޢާލާގެ ރައްކައުތެރިކަން ހޯދަން ކުރަންޖެހޭ ކަންކަންކޮށްގެން ގެއިން ބޭރަށް ދިއުމާއި އަދި ފިރިންނަށް ކިޔަމަންތެރިވުމެވެ. ތިބާ ﷲ ތަޢާލާގެ ފަރުޟްތައް އަދާކުރަމުން މި 3 ކަންތަކަށް ސަމާލުކަންދީފިނަމަ ތިބާއަށް ދުނިޔެއާއި އާޚިރަތުގައިވެސް އުފާވެރިކަން ލިބިގެންދާނެއެވެ! އިން ޝާ ﷲ
އަދި އެއްވާހަކަ ބުނެލާނަމެވެ. އެއީ ގެއިން ބޭރަށްދާނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދުން މިހައި މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހުނު ސަބަބެވެ. އެއީ ގިނަ އަންހެނުން ހަލާކުގެ ތެރެއަށް ވެއްޓިގެންދަނީ ގެއިން ބޭރުގައި ހޭދަކުރާ ވަޤުތުތަކުގައިކަމަށްވާތީއެވެ. ވީމާ ގެއިން ބޭރުގައި އުޅޭއިރު ޝައިޠޯނާއަށް ތިއަ ކަނބަލުންނާއި ކައިރިވެސް ނުވެވޭނެ ގޮތަށް ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ.
ގޭތެރޭގައި ހޭދަކުރާ ވަޤުތުތަކުގެ ވާހަކަ އެހެން ދަރުސެއްގައި ދައްކާނަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން