މައިންބަފައިންގެ އެންމެ ބޮޑު ފަޚުރަކަށްވާނީ ލިބިފައިތިބޭ ދަރިންނެވެ. ސުވާލަކީ ތިބާއަށް ލިބިފައިވަނީ ފަޚުރުވެރިވެވޭނެ ފަދަ ދަރިއެއް ހެއްޔެވެ؟ ނޫންނަމަ ލަދުވެތިވާންޖެހޭ ދަރިއެއް ހެއްޔެވެ؟ އެދަރިއަކު ލިބުނީތީ ހިތާމަކުރަންޖެހޭނެ ދަރިއެއް ހެއްޔެވެ؟ ޖަވާބު ހޯދަން ވިސްނާލަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ
ކައިވެނިކޮށް ދަރިން ހޯދުމާއި ބެހޭގޮތުން ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވަނީ ތިމަން ރަސޫލާގެ އުންމަތް ބޮޑުވެ މީހުން ގިނަވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާނައަކީ އސްލާމީ އުންމަތުގެ މީހުންގެ ޢަދަދު ގިނަވުމަށް އެދިވަޑައިގަންނަވާ ކަމެވެ. އެހެންކަމުން ވީހައި ގިނަ ދަރިން ހޯދުމަށް މިވަނީ ހިތްވަރުދެއްވަވައިފައެވެ. ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ގިނައިން ދަރިންވިހާ ޒާތުގެ އަންހެނުންނާއި ކައިވެނިކުރުމަށެވެ."
ތިބާ 10 ދަރިންވިހައިފިއެވެ. ބޮޑުވެ މީހުންނަށް ވެއްޖެއެވެ. ތަޝައްރަފްފުދިއްޖެއެވެ. އެއިގެތެރެއިން އެންމެ ދަރިއަކުވެސް ރަސޫލް (ﷺ) އެދިވަޑައިގަންނަވާ އެއްވެސް ކަމެއް ނުކުރެއެވެ. ﷲ ތަޢާލާޢަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލެއް ނުކުރެއެވެ. ﷲ ތައާލާގެ ދީން މަތިވެރިކުރަން އެއްވެސް ކަމެއް ނުކުރެއެވެ.
އެހެންކަމަށްވާނަމަ ތިބާއަށް ލިބިފައި ތިއަތިބީ ރަސޫލް (ﷺ) އެ ޙަދީޘްކުރެއްވެވި ފަދަ ދަރިންކަމުގައިވާނީ ކިހިނަކުންހެއްޔެވެ؟ ރަސޫލް ﷺ އެ ޙަދީޘްކުރެއްވެވިފަދަ ދަރިންކަމުގައިވާނީ އެ ދަރިންނަކީ ފުރިހަމަ މުސްލިމުން ކަމުގައިވެ، ﷲ ތަޢާލާ އެންގެވިފަދައިން އަޅުކަންކޮށް ރަސޫލް (ﷺ)ގެ ސުންތަށް އަމަލުކުރާ ބައަކު ކަމުގައިވެގެންނެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދަރިން ލިބުމުން ދެމަފިރިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށެވެ. އެ ދަރިންނަކީ އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރާނެ ދަރިން ކަމުގައި ހެދުމަށެވެ.
އެކަމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އެކަންކަމުގައި މައިންބަފައިން ދަރިންނަށް ނަމޫނާދެއްކުމެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ނުބައި ބަސްތައް ބުނާނަމަ އެކުދިންވެސް ނުބައިބަސްތައް ބުނާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިނުވާނަމަ އެކުދިންގެ ހިތުގައިވެސް އޯގާތެރިކަން ކުޑަވާނެއެވެ. އަޅުކަންކުރުމުގައި ނަމޫނާ ނުދައްކާނަމަ އެކުދިންނަށްވެސް ދަސްވާނީ އެގޮތެވެ!
ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ! އުންމަތުގެ ކިބައިން ރަސޫލް (ﷺ) އެދިވަޑައިގެންފައިވާފަދަ ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އެކަމުގެ ޖަޒާ މައިންބަފައިންނަށް ދެ ދުނިޔޭގައިވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން