ދީނީ ނަޞޭޙަތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް! މިނިސްޓްރީގެ ހުއްދަ ބޭނުންވާނީ ދީނުގެ ޙުކުމްތައް ބަޔާންކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދީނީ ނަޞޭޙަތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް! މިނިސްޓްރީގެ ހުއްދަ ބޭނުންވާނީ ދީނުގެ ޙުކުމްތައް ބަޔާންކުރަން!

އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކުރަން މީސްތަކުންނަށް ހިތްވަރުދީ ބާރުއެޅުމަކީ އެކަންކަން ކުރަން ނަޞޭޙަތްދިނުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. 

މިސާލަކަށް ނަމާދުކުރުމާއި ރޯދަހިފުމާއި ސުންނަތް ރޯދަހިފުމާއި ސުންނަތް ނަމާދުތައް ކުރުމާއި ތެދުވެރިވުމާއި އަނިޔާވެރިނުވުން ފަދަ ކަންކަން ކުރަން މީސްތަކުންނަށް ޙަނދާންކޮށްދީ ބާރުއެޅުމަކީ ދީނީ ނަޞޭޙަތް ދިނުމެވެ. އެކަންކަން ކުރަން އެއްވެސް ފަރާތެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.  

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ބޭނުންވާނީ ދީނުގެ ޙުކުމްތައް ބަޔާންކުރުމަށެވެ. ދަރުސްދިނުން ފަދަ ކަންކަން ކުރުމަށެވެ. ސަބަބަކީ ދީނުގެ ޙުކުމްތައް ބަޔާންކުރަންޖެހޭނީ އެކަންކަން ރަނގަޅަށް އެނގިގެން ތިބި ދީނީ ޢިލްމުވެރިންކަމުގައިވާތީއެވެ. މީހާގެ ކިބައިގައި އެފެންވަރު ހުރިކަން ކަނޑައަޅާފަރާތަކީ އިސްލާމިކް މިނިސްޓްރީކަމަށްވާތީއެވެ. 

(މިއީ އިސްލާމީ މަރުކަޒުގެ އެންމެ އިސް އިމާމްވެސް ހިމެނިވަޑައިގަންނަވާގޮތަށް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 4 ޢިލްމުވެރިންގެ ބަސްފުޅެވެ.) 

ޣިޔާސުއްދީން ސްކޫލް އެޑިޔުކޭޝަން މިނިސްޓްރީން ހިންގި ދުވަސްވަރު އެސެމްބްލީގައި "ނިދުމުގެ ކުރިން ޝަހާދަތް ކިޔަން" ދަރިވަރުންގެ ގާތުގައި ބުނެގެން ހުއްދަނެތި ދީނީ ނެޞޭޙަތްދިންކަމަށް ހަދައި މަޤާމުން ސަސްޕެންޑްކުރިއެވެ. އެދުވަސް އަނބުރާ ގެންނަން ބައަކު މަސައްކަތް މިކުރަނީ މާތް ﷲ ގެ ވާގިފުޅާއިއެކު އިސްލާމް ދީނަށް ޢަމަލުކުރާ މީހުން ރާއްޖޭގައި ގިނަވަމުން އަންނާތީ ކަންބޮޑުވާ މީހުންކަން ފާހަގަކުރެވެއެވެ. 

ޢަލީ ރަމީޒް ދީނީ ނަޞޭޙަތްދޭ ކަމަށްބުނެ ކަންބޮޑުވާ މީހުން، މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކަނޑައެޅިގެން އިސްލާމް ދީނާއި ދެކޮޅަށް ވާހަކަދައްކާތީ ކަންބޮޑުނުވާކަން އެއީ ފާހަގަކުރަންޖެހޭ ކަމެއް ނޫންތޯއެވެ؟ މެންބަރުން ދައްކާ ވާހަކަތައް ލައިވްކުރާތީ ވަޤުތުން މުޅި ރާއްޖެއަށް ފެތުރި އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ޢާންމުވާކަން އެއީ މާބޮޑު މައްސަލައަކަށް ނުވަނީތޯއެވެ؟ 

ޔާ ﷲ! އެންމެހައި ދިވެހިންނީ މުސްލިމުންގެ ގޮތުގައި ޘާބިތުވެ ތިބޭ އަދި އިނބަ ﷲ ގެ ދީނަށް ޢަމަލުކުރާ ބައަކު ކަމުގައި ލައްވަވާށި! އިނބަ ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ އެންމެންނަށް ޘާބިތުކަން ދެއްވަވާށި! އާމީން.

މިއަދު އޮންލައިން