ސުވަރުގެއަށް ދަހިވެތިކަން ބޮޑުވުމުން ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވަޑައިގެންނެވޭނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި އުކާސާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ސުވަރުގެއަށް ދަހިވެތިކަން ބޮޑުވުމުން ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވަޑައިގެންނެވޭނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި އުކާސާގެ ވާހަކަ!

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވާން ބޭނުންވާ މީހެކެވެ. ނަމަވެސް އެކަމަށް އެދިގެން ޢަމަލުކުރުމުގައި އަވަސްވެގަނެވެނީ ވަރަށް މަދު މީހަކަށެވެ. ދަރުސްތައް އަޑުއެހިނަމަވެސް ޢަމަލުކުރަންވުމުން އޮންނަނީ ކަންނެތްވެވިފައެވެ. އެހެންކަމުން މިގެނެސްދެނީ ހެޔޮ ކަންކަމަށް އެދުމާއި ޢަމަލުކުރުމާއި ފުރުޞަތުގެ ބޭނުން ހިފުމުގައި އަވަސްވެގަތުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގިގެންދާ ވާހަކައެވެ.

ވިސްނިންތެރިކަމާއިއެކު ކިޔައިލާށެވެ! 

ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބިގަތުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ އެއް ކަންތަކެވެ. އަދި އެއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. ބޭނުންވަނީ ޢަޒުމާއި ހިތްވަރެވެ. އިޚްލާޞްތެރި ނިޔަތާއި އެކަމަށް މަސައްކަތްކުރުމެވެ. 

ޞަހާބީން ނާއި ތާބިޢީންގެ ތެރޭގައިވެސް ހުރިހާ ބޭކަލުން އަޅުކަންކުރެއްވެވީ އެއްވަރަކަށް ނޫނެވެ. އެކަން ބޭކަލުންނަށްވެސް އެނގިވަޑައިގަންނަވައެވެ. އެހެންވެ މަދުން އަޅުކަން ކުރެއްވޭ ބޭކަލުން އަބަދުވެސް މަސައްކަތްކުރެއްވެވީ ގިނައިން އަޅުކަން ކުރައްވާ ބޭކަލުންނާއި އެއްވަރުކުރެއްވެވުމަށެވެ. ނުވަތަ އަޅުކަން ކުރެއްވެވޭ މިންވަރު ގިނަކުރެއްވެވުމަށެވެ. އެއީ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް ވާޞިލުވެވަޑައިގަތުމުގެ ދަހިވެތިކަން އޮތް ބޮޑުކަމުންނެވެ. 

"ތިމަން ރަސޫލާ () ގެ އުންމަތުގެ ތެރެއިން 70000 މީހުން ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވި ދުވަހު ކަންތައް ހިނގައިދިއަގޮތަށް ވިސްނާށެވެ!  

އެތަނުގައި އިންނެވި އެއް ޞަޙާބީއަކީ އުކާސާއެވެ. އުކާސާއަކީ އަޅުކަން ކުރެއްވެވުމުގައި އެހައި ކުރީގައި ހުންނެވި ބޭކަލެއްވެސް ނޫނެވެ. ނަމަވެސް ސުވަރުގޭގެ މަތިވެރި ދަރަޖަ ބޭނުންފުޅުވެވަޑައިގަންނަވާލެއް ބޮޑުކަމުން ވަގުތުން ރަސޫލް () އަރިހުގައި އެދވަޑައިގަތީ އޭނާއަކީ އެ 70000 މީހުންގެ ތެރެއިން ހިމެނޭ ބޭކަލަކުކަމުގައި ލައްވަވަވައިދެއްވުން އެދި ދުޢާކުރައްވަވައި ދެއްވެވުމަށެވެ. ރަސޫލް () އުކާސާއަށް އެދުޢާކޮށްދެއްވެވިއެވެ. 

ދެވަނަ ބޭކަލަކު އެކަމަށް އެދިވަޑައިގަތުމުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އުކާސާ ފުރުސަތުގެ ބޭނުން ހިއްޕަވައިފިކަމަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނަންވީ ކަމަކީ އަޅުކަންކުރުމުގައި ފަހަތުގައި ހުރެވުނު ނަމަވެސް އަޅުކަންކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަސައްކަތްކުރަންޖެހޭނެ ކަމެވެ. ލިބޭ ފުރުޞަތުގެ ބޭނޫން ވީހައި އަވަހަކަށް ހިފަން މަސައްކަތްކުރަންވާނެ ކަމެވެ. މިގޮތުން މިއަދު ވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ! 

މިސާލަކަށް ތިމާއަށް ޢާންމުކޮށް ނުކުރެވޭ ހެޔޮ ޢަމަލެއްގެ މައުލޫމާތު ދަރުސަކުން އިވުނީއެވެ. ނުވަތަ ފޮތަކުން އެނގުނީއެވެ. އެކަން ފަހުން ކުރަން ނުބާއްވާށެވެ! އެކަމެއް ކުރަން އަވަހަށް ފަށައިގަންނާށެވެ! ފަހުން ކުރަން ހުއްޓައި ދުނިޔެ ދޫކުރަންޖެހިއްޖެ ނަމަ ފުރުޞަތު އޮންނާނީ ގެއްލިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން