ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ބަޔާންވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު އެއް ފާފައަކީ އަންހެނަކާއި ކައިވެނިކޮށް އޭނާގެ ކިބައިން ބޭނުންވާ ކަންތައް ޙާޞިލުވުމުން އޭނާ ދޫކޮށްލާ އަދި އޭނާގެ ރަން އަދާނުކުރި މީހާއެވެ."
މިޙަދީޘްފުޅުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ރަން އަދާކުރުމުގެ މައްސަލައަކަށް ނޫނެވެ. އޭނާގެ ބޭނުންކޮށްފައި އެއްލައިލުމުގެ މައްސަލައަށެވެ. އެހެނީ ފައިސާއަކީ ހޯދިދާނެއެއްޗެކެވެ. ނަމަވެސް ޢިއްފަތްތެރިކަމަކީ އަނބުރައި ހޯދޭނެ އެއްޗެއް ނޫނެވެ. ބިކުރުވެރިކަމަކީ ގެއްލުމުން އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. އަންހެނާގެ އެންމެ އަގުހުރި މުދަލަކީ ނުވަތަ އެސެޓަކީ އޭނާގެ ބިކުރުވެރިކަމެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އަހުރެން ދެކޭ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑެތި ފާފަތައް ކުރާ މީހުންނާއި އޮތީ ދުރުހެލިވުމެވެ. އަހަރެމެންނަށް އޮތީ އެމީހުންނާއި ދުރުހެލިވުމެވެ.
ކައިވެނިކޮށް ދެމީހުން އެކުގައި ދިރިއުޅެމުންދަނިކޮށް ދިމާވާ ކަމެއްގެ ސަބަބުން އަނބިމީހާއަށް ޙާލަތެއް ދިމާވުމުން ވަރިކޮށް އެއްލައިލާ މީހުން ބިރުވެތިވާށެވެ. އޭނާ އާއިއެކު އުފަލުގައި ހޭދަކުރި ދުވަސްތައްމަތިން ހަނދާންކުރާށެވެ! އޭނާގެ ކިބައިން ލިބިގަތް އުފާތަކުގެ މަތިން ހަނދާންކުރާށެވެ.
އަދިވެސް ވިސްނައިލާށެވެ! އަނބިމީހާއަށް ބަދަލުތައް އައީ ވިހެއުމުންކަމަށްވާނަމަ އޭނާ ވިހެއީ ތިބާގެ ދަރިން ނޫންހެއްޔެވެ؟ ލިބުނު ގެއްލުމެއް ލިބުނީ ތިބާގެ ސަބަބުން ނޫންހެއްޔެވެ؟
އިސްލާމް ދީނުގައި ގިނަ އަނބިން ހުއްދަވެގެންވަނީ ހަމައެކަނި ފިރިމީހާ އުފާހޯދާކަށް ނޫނެވެ. މިބުނި ފަދަ ޙާލަތެއް ކުރިމަތިވެ އަނބިމީހާ ބަލިކަށިވީނަމަވެސް އޭނާ ނިކަމެތިކޮށް ދޫކޮށްނުލައި ބައިންދައިގެން އޭނާއަށާއި ފިރިމީހާއަށްވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. އެކަންނުކުރެވޭނަމަ އެއީ އިންސާނަކަށްނުވާނެއެވެ. އެމީހަކުވާނީ ވަލުޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ މީހަކަށެވެ.
ވީމާ މިއީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. މިވާހަކަ މިދައްކަނީ ހަމައެކަނި އަންހެނުންނަށް ކަންތައްތަކެއް ހޯދައިދިނުމަކަށް ނޫނެވެ. ފިރިންނަށް ކުރެވޭ މިބޮޑު ފާފައިން ސަލާމަތްކުރުމުގެވެސް ބޭނުމުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން