ބިރުވެތިވޭ! މީހަކު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ސިފަހުރި މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބިރުވެތިވޭ! މީހަކު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ސިފަހުރި މީހުން ގިނަވެއްޖެ!

ކިބުރުވެރިވެ ބޮޑާވުމަކީވެސް ކައްވަޅުގައި ޢަޛާބު ދެއްވަވާ ކަމެކެވެ. ވީމާ ތިމާއަށް ލިބިފައިވާ ތަނަވަސްކަމާއި ލައިގެންހުރި އަގުބޮޑުހެދުމާއި އަޅައިގެންހުރި އަގުބޮޑު ގަހަނާއާއިމެދު ބޮޑާނުވާށެވެ. އެފަދަ ނިޢްމަތްތައް ތިމާއަށް ލިބިފައިވުމުން ތިމާއަކީ އެހެންމީހުންނަށްވުރެ މޮޅު މީހެއްކަމަށް ހީނުކުރާށެވެ. 

ކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. ބޮޑާކަމާއި ކިބުރުވެރިކަންމަތީގައި ހިނގާފައި ދިއަ މީހަކު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ކަމާއި ޤިޔާމަތާއި ޖެހެންދެން އެމީހާ ހުންނާނީ އެޙާލުގައިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ކޮންމެ މީހަކަށްވެސް ނިޢްމަތްތައް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހެއްގެ މޮޅުކަމުން އަމިއްލައަށް ލިބިގަނެވޭ ކަމެއް ނޫނެވެ. ލިބޭނީ އެކަމެއް ﷲ ތަޢާލާ ދެއްވެވި އަޅަކަށް އަދި ދެއްވެވި މިންވަރަކަށެވެ. 

މައްސަލައަކީ މިބުނި މަގުން ވިސްނައި ނުލެވޭކަމެވެ. ތިމާ ކުރަން އުޅުނު ކަމެއް ޙާޞިލުވުމުން އެއީ ތިމާގެ މޮޅުކަމުން ޙާޞިލްކުރެވުނު ކަމެއް ކަމަށް ޤަބޫލުކުރެވުމަކީވެސް މިބުނި ގޮޅިއަށް ފެތިދާނެ ނުބައިކަމެކެވެ. ނުބައި ވިސްނުމެކެވެ. 

އަހަރެމެންނަށް އޮތީ ކޮންމެ ޙާލެއްގައިވެސް އަހަރެމެންނަކީ އެއްވެސް މޮޅުކަމެއް، އަދި އެއްވެސް ބާރެއް ނެތް ބައަކު ކަމާއި ހުރިހާ މަތިވެރިކަމަކާއި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ޤަބޫލުކުރުމެވެ. ޙަޤީޤަތަކީ އެއީކަމަށްވާތީއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން