އިންތިޒާރުކުރުމުން ވަރުބަލިވެ އަނބިންނަށް ނިދެންދެން ބޭރުގަ އުޅުމަކީ ބިރުގަންނަން ޖެހޭ ނުބައި ޢަމަލެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
އިންތިޒާރުކުރުމުން ވަރުބަލިވެ އަނބިންނަށް ނިދެންދެން ބޭރުގަ އުޅުމަކީ ބިރުގަންނަން ޖެހޭ ނުބައި ޢަމަލެއް!: މުފްތީ މެންކް

ރޭގަނޑު ކައިގެން ބޭރަށް ދިއުމަށްފަހު އަޅުގަނޑު ނިދުމުގެ ކުރިން ފިރިމީހާ އަޅުގަނޑުގެ ލޮލަށް ނުފެންނަތާ އެތައް މަހެއް ފާއިތުވެއްޖެއެވެ. އެއީ ހަމަ ދީނުގައި ހުއްދަގޮތްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއިއެކު ނުބައި ޢަމަލުތައް ކުރެވެނީ މިކުރެވެނީ ނުބައި ޢަމަލެއްކަން ޤަބޫލުވެސް ނުކުރެވިއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ޢަމަލަކީ އަނބިން ދޫކޮށް ބޭކާރުގޮތުގައި ފިރިހެނުން ޜޭގަނޑު ބޭކާރުގޮތުގައި ވަގުތުތައް ހޭދަކުރުމެވެ. އެއީ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައަކަށްވެފައިވާއިރު އިސްލާމް ދީން ވެސް އެކަން ހުއްދައެއް ނުކުރެއެވެ! 

އެއްވެސް މީހަކު ރޭގަނޑު ހަތަރުދަމު ރޭ އަޅުކަން ކުރުން މަތީގައި ނުހުރުމަށް ރަސޫލް () ވަނީ ވަޞިއްޔަތް ކުރައްވަވައިފައެވެ. އަދި އެކަމަށް ހާމަ ކުރެއްވެވި 2 ސަބަބަކީ އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އޮތުމާއި ޞިއްޙަތަށް ލިބިދާނެ ގެއްލުމެވެ. 

މިދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ރޭއަޅުކަމުގެ ވާހަކައެވެ. ދަމުނަމާދު ކުރުމުގެ ވާހަކައެވެ. އެކަންވެސް ކުރުން މިއޮތީ އަނބިންގެ ހައްޤުތައް އަދާކޮށްދިނުމަށްފަހުގައެވެ. ފިރިން އަނބިންނަށް ބޭނުންވާ ފަދައިން އަނބިން ވެސް ފިރިންނަށް ބޭނުންވާނެއެވެ. އެހެންކަމުން ރޭގަނޑުގެ ފުރަތަމަ ދެބައި ޚާއްޞަ ކުރެވިފައި މިވަނީ ނިދައި އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރުމަށެވެ. އަނބިންނާއިއެކު ނިދުމަށެވެ. އަނބިންގެ ހައްޤުތައް އަދާކުރުމަށެވެ. 

މިހާރަކަށް އައިސް ދިރިއުޅުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ޢިޝާ ނަމާދަށް ފަހު އަނބިންނާއިއެކު ވަގުތު ހޭދަކޮށް ނުނިދޭނެ ބައަކުވެސް އުޅޭނެއެވެ. ނަމަވެސް މައްސަލައަކީ އެފަދަ މަޖުބޫރު ކަމެއް ނެތި އަނބިންގެ ޙައްޤުތައް އަދާ ނުކުރާކަމެވެ. ނައިޓް ކަލަބްތަކަށް ދާ މީހުންގެ ވާހަކަ ދެއްކުމެއްނެތެވެ. އެއީ މުޅިން އެހެން ދުނިޔެއެއްގައި އުޅޭ ބައެކެވެ. މައްސަލަ އަކީ ހަމަ ޢިޝާ ނަމާދުވެސް ކުރާ، ޢިޝާ ނަމާދަށްފަހު ގެއިން ކައިބޮއި ހަދައިގެން ނުކުމެގެން ގޮސް ކޮފީ މޭޒުތަކުގައި ރޭގަނޑުގެ 3 ބައިން 2 ބައި ހޭދަކުރާ މީހުންނެވެ. ރެސްޓޯރަންޓްތަކުގަ ޢާއި ކުޅިވަރު ކުޅުމުގައި ވަގުތުތައް ހޭދަކުރާ މީހުންނެވެ. 

މިފަދަ މީހުން ޢާންމުކޮށް ގެއަށް ދާނީ 12 ޖަހާފަހުންނެވެ. ނިދަން އޮށޯންނާނީ 1، 2 ޖެހުމުންނެވެ. ރޭގަނޑު ނިދުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަގުތު ފާއިތުވުމުންނެވެ. މިފަދަ މީހުންގެ ތެރެއިން 99.99 މީހުންނަކީ ފަތިސް ނަމާދަށް ހޭލާ ބައެއްވެސް ނޫނެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީނުގައި އިޖްތިމާޢީ ގުޅުމަށް ދެއްވަވާފައިވާ ސަމާލުކަން މިފަދަ ކަންކަމުން ވެސް އެނގިގެންދެއެވެ. ނުއެނގެނީ ވިސްނައި ފިކުރު ނުކުރާތީއެވެ. ވިސްނައި ފިކުރު ކުރާނަމަ މިފަދަ ކަންކަން އެނގި އިސްލާމް ދީނަށް ލޯބި އިތުރުވާނެއެވެ! ވީމާ ޢާއިލީ ގުޅުން ބަދަހިކުރުމަށްވެސް އިސްލާމް ދީނުގައިވާ މަގުތައް އިޚްތިޔާރުކުރާށެވެ! 

ވަރަށް ލޯބިން އެކުގައި އުޅޭ ދެމަފިރިންނަށް ބުނެލަން އޮތް ބަހަކީ ބާޒާރުކޮށްލަން ނަމަވެސް، ހިތްހަމަ ޖައްސާލަން ނަމަވެސް ރޭގަނޑު ގެއިން ބޭރަށް ދާނަމަވެސް ވީހައި އަވަހަކަށް އެނބުރި އައިސް ނިދާށެވެ. ފަތިސް ވުމުގެ ގަޑިއެއްހައިއިރު ކުރިން ހޭލައި ދަމު ނަމާދާއި ފަތިސް ނަމާދު ކުރަން އާދަކުރާށެވެ! އެކަމުގެ ބަރަކާތް ލިބިގަންނާށެވެ! ޙަޔާތުގެ ހުރިހާ ކަމެއްވެސް ދާނީ ދުވަހުން ދުވަހަށް ވެސް ހަމަ ރަނގަޅުވަމުންނެވެ. ލިބޭ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ!

 

- މުފްތީ މެންކުގެ ދަރުސަކުން 

މިއަދު އޮންލައިން