ސިހުރުވެރިން ސިހުރުހެދި މީހާކަމަށް ބުނެ ދައްކާނީ އޭނާ ދައްކަން ބޭނުންވާ މީހާގެ ސޫރައިގަ ސިހުރުވެރިޔާގެ ޖިންނި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސިހުރުވެރިން ސިހުރުހެދި މީހާކަމަށް ބުނެ ދައްކާނީ އޭނާ ދައްކަން ބޭނުންވާ މީހާގެ ސޫރައިގަ ސިހުރުވެރިޔާގެ ޖިންނި!: މުފްތީ މެންކް

ސިޙުރުހަދާ މީހުން ބުނާ ކަންކަންކުރީމާ ހުވަފެނުގަ އެފެންނަނީ ހަމަ ސިޙުރުހެދިމީހާތޯ؟ 

މިސުވާލު މިކުރީ އަޅުގަނޑަކީ ދުވަހަކުވެސް އެއްވެސް މީހަކަށް އެއްވެސް ބާވަތެއް ސިޙުރެއް ހެދިމީހެއް އަދި އެބާވަތުގެ ކަމެއް ކުރަން އެނގޭ މީހެއްވެސް ނޫނެވެ. އަދި ސިޙުރު ހަދާ މީހެއްގެ ގާތަށް އެއްވެސްކަމަކު ދުވަހަކުވެސް ދިއަ މީހެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ފަހަރިއަށް ސިޙުރުހެދީ އަޅުގަނޑުކަމަށް އޭނާއަށް ހުވަފެނުގަ ފެނިގެން ގޭތެރޭގައި މިއުޅެނީ މައްސަލަ ހޫނުވެގެން ކަމަށްވާތީއެވެ. 

ކިޔުންތެރިޔާގެ ތިއަ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

ސިހުރުހަދާ މީހުންގެ ގާތަށް ގޮސް އެމީހާއަށް ސިހުރުހެދީ ކާކުކަން ހޯދައިދިނުމަށް އެދުމުން ބައެއް ފަހަރު އެމީހާއަށް ކޮންމެވެސް މީހަކު ދައްކައިފާނެއެވެ. ހަމަ ސޫރައިގައިވެސް ދައްކައިފާނެއެވެ. އެމީހުން ކުރާކަމަކުން ހުވަފެނުގައިވެސް ފެނިދާނެއެވެ. 

ސިހުރު ހަދާމީހުން އެދައްކާ މީހާ އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ! އެއީ އެކަންކުރި މީހާއެއް ނޫނެވެ. ދައްކާނީ ޢާއިލާގެ ނުވަތަ އެނޫންވެސް ގޮތަކުން އެންމެ ގާތް މީހެކެވެ. ބޭނުމަކީ ތުހުމަތުތައްކޮށް ފިތުނަ އުފެއްދުމެވެ. ސިހުރުހަދާމީހުން ކުރާ ކަންކަމުން އެފެންނަނީ މީހެއް ނޫނެވެ. މީހެއްގެ ސފައިގައި އެފެންނަނީ ސިހުރުވެރިޔާ ގުޅިފައި ހުންނަ ޖިންނިއެވެ. 

މިގޮތަށް މިކަންތައްކޮށް ފިތުނަ އުފެއްދުމަށްފަހު ތިބާ ގާތު ޤުރްއާނުން ކޮންމެވެސް ތަނެއް ކިޔަވަންވެސް ބުނެފާނެއެވެ. ނަމާދުކުރަންވެސް ނަޞޭޙަތްދީފާނެއެވެ. ނަމަވެސް މީހަކާއި ހަސަދަލައިގެން ހުރެ ކުރާ އަޅުކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އެކަންކަން ކުރަން އެބުނަނީ އޭނާކުރާ އަމަލުތަކަކީ ރަނގަޅޫ ޢަމަލުތަކެއްކަމަށް ދެއްކުމަށެވެ. ސިހުރުވެރިޔާ ހުރީ ދީނުގައިކަން ވިސްނައިދިނުމަށެވެ. ނަމަވެސް ސިހުރުވެރިޔާ ހުންނާނީ ދީނަކު ނޫނެވެ. ދީނުގައި ހުރެގެން ސިހުރެއް ނުހަދާނެއެވެ! 

ސިހުރުވެރިން ބުނާ ކަންކަން ކުރުމުން ގުޅިފައި ތިބޭ ޝައިޠޯނުން ﷲ ތަޢާލާއަށް މަލާމާތުގެ ބަސްތައްވެސް ރައްދުކުރެއެވެ. ބުނެއެވެ! "އެންގެވީ ﷲ އަށް ސަޖިދަކުރުމަށާއި ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ! ނިކަން ދެކިބަލާށެވެ! މިވެނި އެވެނި މީހާ މިހާރު އެކުރަނީ އަހަރެން ބުނާކަންތަކެވެ. ކަންކަމަށް އެއެދެނީ އަހަރެންގެކިބައިންނެވެ."

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ސިހުރުވެރިންގެ މިބާވަތުގެ އަމަލުތައް ޤަބޫލުކުރުމުން އުފެދޭ ފިތުނަ މުޅި އުމުރަށް ދެމިގެންދެއެވެ. ޢާއިލާތައްވެސް ރޫޅި ބައިބައިވެއެވެ! މަރުދުވަހާއި ހަމައަށް އަނގައިން ވެސް ނުބުނެ އެބަތިބެއެވެ. އެއީ ތިމާއަށް ސިހުރުހަދއި ގެއްލުން ދިނީ އެމީހަކު ކަމަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް ޙަޤީޤަތަކީ ސިހުރުވެރިޔާ ހެދީ ބޮޑު ދޮގެއްކަމެވެ!  ވީމާ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން  

މިއަދު އޮންލައިން