މިހަކު ތިބާއަށް ބޭނުންވާ ހުރިހާ ކަމެއްކޮށްދީ، ސަލާމަތާއި ރައްކައުތެރިކަމާ ޚަރަދުކުރާނެ ފައިސާވެސް ދޭނަމަ އެމީހާގެ ރުހުން ހޯދުމަށްޓަކައި އެމީހާ އެދޭ ކަންކަން ކުރަން ކިހައި ބޮޑަކަށް މަސައްކަތްކުރާނަން ހެއްޔެވެ؟ ވަކިކަމެއް ވަކިވަޤުތަކު ކުރަން ބުނެފިނަމަ އެވަޤުތު ޖެހުމުގެ ކުރިން އެކަމަކަށް ތައްޔާރުވެ އެކަމެއް ނުކުރާނަން ހެއްޔެވެ؟ ގަޑިއަކު އެއްފަހަރު ކަމެއްކުރިނަމަވެސް އެކަމެއް ނުކުރާނަންހެއްޔެވެ؟
ދެން ވިސްނައިލާށެވެ! ތިބާއަށް ބޭނުންވާ ހުރިހާ ކަމެއްކޮށްދެއްވަވަނީ ﷲ ނޫންހެއްޔެވެ؟ ސަލާމަތާއި ރައްކައުތެރިކަމާއި ޚަރަދުކުރާނެ ފައިސާގެ އިތުރުން ބަލިތަކަށް ޝިފާ ދެއްވަވަނީވެސް ﷲ ނޫންހެއްޔެވެ؟
އަދިވެސް ވިސްނައިލާށެވެ. ލޮލަށް ފެނުމާއި ކަންފަތަށް އަޑުއިވުމާއި މިހެންގޮސް ތިބާއަށް ބޭނުންވާނެ ހުރިހާ ކަންކަން މިންވަރު ކުރެއްވެވީ ﷲ އެވެ. މީހަކަށް ތިބާއަށް ފައިސާކޮޅެއް ދެވިދާނެއެވެ. ނަމަވެސް މިބުނި ފަދަ އެއްވެސް ނިޢްމަތެއް ހޯދައެއް ނުދެވޭނެއެވެ. އަދި އޭނާއަށް ތިބާގެ އަތަށް އެފައިސާކޮޅު ދެވެނީވެސް ހަމަ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ.
ވީއިރު ސުވާލަކީ ތިބާއަށް އެހައި މަދު ކަންކަން ކޮށްދޭ މީހާ ރުއްސަން އެމީހާ ބުނާހައިކަމެއް އެހައި ބޮޑަށް ސަމާލުކަންދީގެންކުރާއިރު ތިބާއަށް ބޭނުންވާނެ ހުރިހާ ކަމެއް މިންވަރުކޮށްދެއްވަވާ ﷲ އަންގަވާފައިވާ ފަދައިން ކޮންމެ ދުވަހަކު އެންމެ 5 ނަމާދުކުރަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟
ދީނުގެ ހަމަތަކުގެ ބޭރުން ބުއްދީގެ ހަމަތަކުން ބެލިނަމަވެސް ދެންމެ މިބުނެދިން މޭރުމުން ވިސްނައިފި މީހަކު ބަންގީގެ ކުރިއަށް މިސްކިތަށް ނުއަރާނަމަ، ޖަމާޢަތަށް ނުދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އަމިއްލައަށް ވިސްނައި ފިކުރުކޮށް ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާން މަސައްކަތް ކުރަމާ ހިނގާށެވެ! އާޚިރަތް ދުވަހުގެ ސަލާމަތްކަން ލިބުން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން