ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ކުރާ ދުޢާގެތެރެއިން ބައެއް ދުޢާ ޢިޖާބަ ނުކުރައްވަވައި އާޚިރަތަށް ބަހައްޓަވަތެވެ. އެއީ އަހަރެމެންނަށް ރަޙްމަތަކަށްޓައެވެ. އެ ދުޢާ ޢިޖާބަކުރައްވަވައިފިނަމަ ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރެއްވެވުމަށެވެ.
ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު އެދުޢާއެއްކޮށްފިނަމަ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ދުޢާއެއް އެއޮތެވެ. އެކަން ޔަޤީންވަނީ މިއާޔަތުންނެވެ.
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ
"ތިމަންރަސްކަލާނގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްޞާން ތެރިންނާ އެކުގައިކަން ކަށަވަރެވެ." (އަލް ޢަންކަބޫތު: 69)
މިއާޔަތުގެ މާނައަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެ އިޚްލާޞްތެރިކަމާއިއެކު ހިދާޔަތު ދެއްކެވުން އެދި ދުޢާކޮށްފިނަމަ އެކަން ހިންމަވައިދެއްވަވާނެ ކަމެވެ. ވަކި ކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ނަމަވެސް ކުރިއަށްދާން މަގު ބަންދުވެއްޖެނަމަ ނުވަތަ ދަތި އުނދަގޫކަން ކުރިމަތިވެއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރާށެވެ. ކުރިއަށް ދެވޭނެ މަގެއް ދައްކަވާނެތެވެ.
ހިތާމަތައް ކުރިމަތިވެ ހާސްވެ ކަންބޮޑުވެ، ހަތަރު އުދަރެސް ފެނުޖެހިފައިވީނަމަވެސް ދުޢާކުރާށެވެ. އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ
ޝަރުޠަކީ ތިބާ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރުމެވެ. އިޚްލާޞްތެރިވުމެވެ. ޔަޤީންކަމާއިއެކުގައި ދުޢާކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން