ހަސަދަވެރިންނަށް ބުނެވޭބަހާ ބަލައިލެވޭ ގޮތުންވެސް އެސްފީނާޖެހޭ! ލިބޭ އަނިޔާއާ ކުރި އެބޮޑުފާފައިގެ ޒިންމާ އުފުލަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ހަސަދަވެރިންނަށް ބުނެވޭބަހާ ބަލައިލެވޭ ގޮތުންވެސް އެސްފީނާޖެހޭ! ލިބޭ އަނިޔާއާ ކުރި އެބޮޑުފާފައިގެ ޒިންމާ އުފުލަން ޖެހޭނެ!

ޢާއިލާގެ ބައެއް މީހުން ނުވަތަ ގާތް ބައެއް މީހުން އެކިއެކި ބަސްތައް ބުނަނީ ޤަޞްދުގައި ދެރައެއްދިނުމުގައިކަމަށްނުވެދާނެއެވެ. ނަމަވެސް ހިތުގައި އޮންނަ ޙަސަދަވެރިކަމުގެ ސަބަބުން އެސްފީނާއަކަށްވަނީއެވެ. މިއީ ވަރަށް ބޮޑަށް ޢާންމުވެއްޖެ ކަމެކެވެ. ބިރުހުރި ނުރައްކައުތެރިކަމެކެވެ.

މީސްތަކުންނަށް މިއަދު ކުރިމަތިވަމުންދާ އެންމެ ބޮޑު އެއް މައްސަލައަކީ ޖިންނި ޝައިޠޯނުންގެ ނުބައިކަމުންނާއި ސިހުރާއި އެސްފީނާގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. އެ މައްސަލަ އެހައިބޮޑު މައްސަލައަކަށްވަނީ އެއިން ކަމަކުން ބައްޔެއް ޖެހުނު ނަމަވެސް އަދި އެހެންބާވަތެއްގެ އުނދަގޫތަކެއްފޯރިނަމަވެސް އެއްވެސް ޑޮކްޓަރީ ތަހްލީލަކުން އެކަންކަން ނުފެންނާތީ ކަމުގެ އަޞްލު ދެނެގަންނަން އުނދަގޫވާކަމެވެ.

ރުޤްޔާކުރުމާއި ހަމައަށް ގިނަބައަކު ކަންކަން ގެންދަނީ އެތައް ބޭސްފަރުވާއެއްކުރުމަށްފަހުގައެވެ. އެތައްބައިވަރުޚަރަދުތަކެއް ބޭސްކުރަން ކުރުމަށްފަހުގައެވެ. އަދި އެކަމުގައި އެތައް ބައިވަރު ދުވަސްތަކެއް ވޭތިކުރުމަށްފަހުގައިވެސްމެއެވެ.

އަދި މިހާރަކަށް އައިސް މިބާވަތުގެ އުނދަގޫތައް ގިނަބައަކަށް ފޯރަމުން މިދަނީ އެކަންކަމުން ސަލާމަތްވެގެން އުޅުމަށް ކުރަން ޖެހޭ ކަންކަން ނުކުރެވޭތީއެވެ. ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި އުޅެވޭތީއެވެ. އަޅުކަމާއި ދުރުވެވުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ޛިކުރުތައްވެސް ނުކިޔޭތީއެވެ! އަދި ގެއިން ބޭރަށް ނުކުމެ އުޅުމުގައާއި ގެއަށް ވަންނައިރު ކިޔަންޖެހޭ ޛިކުރުތައްވެސް ނުކިޔޭތިއެވެ. އަދި ފާޚާނާއަށް ވަދެ ނުކުމެވާއިރު ކިޔަންޖެހޭ ޛިކުރުތައްވެސް ނުކިޔޭތީއެވެ.

ހަމައެއާއިއެކު މީސްތަކުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރިވުން އިތުރުވާތީއެވެ. އެ ހަސަދައިގެ ސަބަބުން އެސްފީނާލެވެމުންދާތީއެވެ. ނިކަން ިސްނައިލަބަލާށެވެ! ބައެއް ފަހަރު އަނެކާއަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކަށް ޙަސަދަވެރިވާހާލު އެސްފީނާލުމުގެ ނިޔަތުގައި ނުވަތަ ޤަޞްދުނެތި ބުނެވޭ ބަސްތައްވެސް އެބަ އެސްފީނާއަށް ބަދަލުވެއެވެ. އެފަދަ ބަސްތަކުގެ ސަބަބުން އެބަ އެސްފީނާ ޖެހެއެވެ. އެއީ ހިތުގައި ހަސަދަވެރިކަން ފޮރުވައިގެންހުރެ ބަސްބުނެވޭތީއެވެ!

ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަންކަމެވެ. ހަސަދަވެރިވުމާއި މުޅިން ދުރުހެލިވާންޖެހެއެވެ. ތިމާގެ ފުށުން ބުނެވޭ ބަހަކުން ނަމަވެސް މީހަކަށް އެސްފީނާ ޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. މާނައަކީ ފާފަވެރިވާނެއެވެ! ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭނެއެވެ. އެއީ ކާކަށް ކުރަން ކުޅަދާނަވާނެ ކަމެއް ހެއްޔެވެ؟

އެހެންކަމުން އެއްވެސް މީހަކަށް ދެއްވަވާ އެއްވެސް ނިޢްމަތަކަށް ހަސަދަވެރިނުވާށެވެ! އެ ހަސަދަވެރިކަމުގެ ސަބަބުން އެސްފީނާލެވޭ ފަދަގޮތަކަށް ކަމެއް ކުރެވިދާނެއެވެ! ބުނެވޭ ބަހަކުންވެސް އެސްފީނާލެވިދާނެއެވެ. އަދި ބަލައިލެވޭ ގޮތަކުންވެސް އެސްފީނާލެވިދާނެއެވެ. މާނައަކީ ހިތުގައި ހަސަދަވެރިކަން އޮވެ ބުނެވޭ ބަހެއްވެސް ބަލައިލެވޭ ގޮތްވެސް އެސްފީނާއަކަށްވެދާނެ ކަމެވެ. މިބޮޑު ފާފައިން ސަލާމަތްވުމަށް އޮތް މަގަކީ ހަސަދަވެރިކަމުން ހިތް ސަލާމަތްކުރުމެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާ އެއްވެސް ނިޢްމަތަކަށް ޙަސަދަވެރި ނުވުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން