ﷲ ތަޢާލާ އެކަންކަމަށް އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ކަންތައްތަކުގެ ތެރެއިން 3 ކަންތައް ވަރަށް ބޮޑަށް ޢާންމުވެ ދެވިހިފައިފި! ހޭލުންތެރިވެ ސަމާލުކަންދޭން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ﷲ ތަޢާލާ އެކަންކަމަށް އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ކަންތައްތަކުގެ ތެރެއިން 3 ކަންތައް ވަރަށް ބޮޑަށް ޢާންމުވެ ދެވިހިފައިފި! ހޭލުންތެރިވެ ސަމާލުކަންދޭން އެބަޖެހޭ!

ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައްތަކުގެ ތެރެއިން 3 ކަމެއް ރަސޫލް ވަނީ އެއް ޙަދީޘްފުޅެއްގައި ބަޔާންކުރައްވަވައިފައެވެ. އެއީ އެއްވެސް ފައިދާއެއް ނުކުރާނެ ބޭކާރު ވާހަކަދެއްކުމާއި އިސްރާފްކުރުމާއި އަދި ބޭކާރު ގޮތުގައި ސުވާލުކުރުން ގިނަވުމެވެ.

ފުރަތަމަ މިއޮތީ ފައިދާއެއް ނުކުރާނެ ބޭކާރު ވާހަކަދެއްކުމެވެ. މިހާރަކަށް އައިސް ދެމީހަކު ބައްދަލުވިނަމަވެސް ޢާއިލާ ބައްދަލުވިނަމަވެސް އަދި ރަޙްމަތްތެރިންތަކެއް ބައްދަލުވިނަމަވެސް ގިނައިން ދައްކާނީ އެމީހުންނަށް ފައިދާކުރާނެ ކަންކަމުގެ ވާހަކަތަކެއް ނޫނެވެ. "އެވެނިމީހަކު މިހެން ބުނި އެވެނި މީހަކު މިހެންބުނި މިވެނިކަމެއް އެވެނިކަމެއް ކުރި" ކަމުގެ ވާހަކަތަކެވެ.

ނިކަން ބުނެބަލާށެވެ. އެމީހަކު އެކުރިކަމަކުން ތިބާއަށް ގެއްލުމެއް ނުވާނަމަ، އެކަމަކާއި ތިބާއާއި ގުޅުމެއް ނުވާނަމަ އެވާހަކަ ދެއްކުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ޣީބަބުނުމުގެ ފާފަ އިތުރުވުން ނޫން ދެވަނަ ކަމެއްވާނެހެއްޔެވެ؟

ދެން މިއޮތީ އިސްރާފްކުރުމުގެ ވާހަކައެވެ. އިސްރާފްކުރުންކަމަށް ބުނެވެނީ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތައް ކުރުމެވެ. މިހެން ބުނީމާ ތިމާ ޚަރަދުކުރަނީ ތިމާގެ އަމިއްލަ ފައިސާކަމަށް ބުނެފާއެވެ. އެހެން ބުނުމަކުން އަދި ނުފުދެއެވެ. ތިބާއަށް ލިބޭ ފައިސާ ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއިގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނުހިފާނަމަ އެކުރެވެނީ ފާފައެކެވެ. އަދި ކީއްހެއްޔެވެ؟ އިސްރާފްކުރާ މީހުންނަކީ ޝައިޠޯނާގެ އަޚުންނެވެ.

ދެން އޮތީ ބޭކާރު ސުވާލުތައް ގިނަކުރުމެވެ. ސުވާލުކުރަންޖެހޭނީ އެކަމެއް ތިމާއަށް އެނގުމުން ތިމާއަށް ފައިދާއެއްކުރާނެ ކަންކަމުގައެވެ. ދުނިޔަވީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް އެކަން އޮތީ އެގޮތަށެވެ. ތިމާ އާއި ނުވެސް ބެހޭ ދެމީހަކު ރުޅި އައިސްގެން އުލެނީ ކީއްވެގެންކަން އެނގުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އާދަމްގެފާނާއި ޙައްވާގެފާނު ފަރިއްކުޅުއްވެވީ އާފަލެއްކަން ނުވަތަ އެހެން މޭވާއެއްކަން އެނގުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ވީމާ ބޭކާރު ސުވާލުތައްކޮށް އެހެން މީހުންގެ ވަޤުތުތައް ބޭކާރުކުރަން މަސައްކަތްނުކުރާށެވެ.

ނިންމާލަމުން އެއްކަމެއް ހަނދުމަކޮށްލައިދޭނަމެވެ. އެއީ މުސްލިމުންނަކީ ސްމާޓް ބައަކަށްވުމަށް އޮތް ޙަދީޘްފުޅެވެ. ސްމާޓް މީހަކު ބޭކާރު ވާހަކަތަކެއް ނުދައްކާނެއެވެ. އަދި އިސްރާފެއްވެސް ނުކުރާނެއެވެ. އަދި ބޭކާރު ސުވާލުތަކެއްވެސް ނުކުރާނެއެވެ.

މިބަޔާންކުރި 3 ކަންތައްވެސް މިއަދު މިވަނީ ވަރަށް ބޮޑަށް ޢާންމުވެ މީސްތަކުންގެ މެދުގައި ފެތުރިފައެވެ. ވީމާ ހޭލުންތެރިވެ އިޞްލާޙްކުރަން އެބަޖެހެއެވެ. ދެން ނަޞޭޙަތުގެ ގޮތުން ބުނެލަން އޮތީ މިބަޔާންކުރި ޙަދީޘްފުޅަށް ޢަމަލުކޮށްފިނަމަ އެކަމުގެ ފައިދާ އެމީހެއްގެ އަމިއްލަ ދިރިއުޅުމަށްވެސް ކުރާނެއެވެ. އަދި އާޚިރަތުގައިވެސް ފައިދާކުރާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން