ކައްވަޅުގެ ޢަޒާބުގެ މިޙަޤީޤަތްތައް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ކައްވަޅުގެ ޢަޒާބުގެ މިޙަޤީޤަތްތައް އެނގޭހެއްޔެވެ؟

ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ކަމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއި ޚިލާފަށް ދުނިޔޭގައި އުޅޭ މީހުންނަށް އެމީހުން މަރުވުމާއި ހަމައިން ގަދަފަދަ އަޒާބު ލިބޭނެކަން ނުއެނގެނީ ކާކަށް ހެއްޔެވެ؟ ކީރިތި ޤްރްއާނުގައި އެކަމުގެ ވާހަކަތައް ނެތީ ހެއްޔެވެ؟ ރަސޫލް () ބަޔާންކޮށް ނުދެއްވަވަނީ ހެއްޔެވެ؟ ކޮންމެ ހަފްތާއެއްގެ ހުކުރު ޚުޠުބާގައި އެކަންކަން ހަނދާންކޮށް ނުދެނީ ހެއްޔެވެ؟ ހުކުރަށް ގޮސް ޚުޠުބާ އަޑުއަހަން ﷲ ތަޢާލާ އަންގަވާފައި ނުވަނީ ހެއްޔެވެ؟ 

މިފަދަ ހުރިހާ ކަންކަމަށް ފުރަގަސްދީގެން ދުނިޔޭގައި އުޅޭނެހައި ގޮތަކަށް އުޅެމުން ދަނިކޮށް މަރުވެ ގަދަފަދަ އަޒާބާއި ކުރިމަތިލާން ޖެހުމުން ދެން ރޮއި ހޭރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

މިއަދު ބާރަށް ލަވަކިޔައި ނަށައި ފާހިޝް ޢަމަލުތައްކޮށް، އަޢުރަ ނިވާނުކޮށް، އެހެންވެސް ނުބައި ޢަމަލުތައްކޮށް އުޅޭމީހުން ވިސްނައިލާށެވެ!  ﷲ ތަޢާލާގެ މަގުން އެއްވެސް މީހަކަށް އެއްކިބާވެވިފައިވާނަމަ އެކަމުގެ ރަހަ ދެކެން އެމީހާ ފަށާނީ މަރުވުމުގެ ކުރިންނެވެ. ދުނިޔޭގައި އޮވެއެވެ. އެހެނަސް ދޫބަންދުވެ އެންމެ ލަފުޒެއްވެސް ނުބުނެވޭ ޙާލަތުގައެވެ. 

އަޒާބު ލިބެންޖެހޭ މީހުންނަށް ކައްވަޅުގައި އަޒާބު ދެއްވަވަން ފޮނުއްވަވާނީ ބިރުވެރި ސިފައަކަށް ތިބޭ، ލޮލަށް ނުފެންނަ (ކަނު) އަދި ބީރު މީހެކެވެ. ނުވަތަ އެފަދައިން ތިބޭ ބައެކެވެ. އޭނާގެ ހަންމުށީގެ އެތިފަހަރުތައް ވަރުގަދަވާނެއެވެ. ހަށިގަނޑު ފިސްފިސްވެ ޗިސްޗިސްވެގެންދާނެއެވެ. އަނިޔާ ލިބޭ މީހާ ރޮއި ހޭރޭނެއެވެ. އާދޭސް ކުރާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ 

ކައްވަޅުގެ އަޒާބު ދިނުމަށް އައިސް އެހެރީ ލޮލަށް ނުފެންނަ ބީރު މީހެކެވެ. ބައެކެވެ. ވީމާ އޭނާޢަށް އެއްވެސް ތަނެއް ނުފެންނާނެއެވެ. އަދި ރުއިމުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޒާބު ދެއްވެވުމަށް ބީރު، ލޮލަށް ނުފެންނަ މީހަކު އެ ފޮނުއްވަވަނީ ތިބާގެ އާދޭހުގެ އަޑު އެމީހާއަށް އިވުނަ ނުދެއްވުމަށެވެ. ޤިޔާމަތް ވުމާއި ހަމައަށް ވެސް ގަދަފަދަ އަޒާބު ދެއްވެވުމަށެވެ. 

ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ ބައެއް މީހުންނަށް އަޒާބު ދެއްވެވުމަށް އެތައް ބައިވަރު އެފަދަ ބައަކު ފޮނުއްވަވާނެ ކަމަށާއި ޤިޔާމަތް ދުވަހާއި ހަމައަށް ކައްވަޅުގައި އޮންނަން ޖެހޭނީ އަޒާބު ލިބިލިބިކަމަށެވެ. އަދި ކައްވަޅުގައިވެސް އަޒާބު ލިބޭނީ އެކި މީހުންނަށް އެކި މިންވަރަށް ކަމަށާއި އަޒާބު ދެއްވަވާނީ އެމީހަކު ކުރި ފާފައިގެ ނިޞްބަތުން ކަމަށެވެ. ﷲ ތަޢާލާއަށް އުރެދުނު މިންވަރުން ކަމަށެވެ. 

ﷲ ތަޢަލާއަށް އުރެދި ދުނިޔޭގައި އުޅުނު މީހުން މަރުވެ ވަޅުލެވުމުން އެމީހުންނާއި ކުރެއްވޭ ސުވާލުތަކަށް ޖަވާބު ނުދެވި، ދާންޖެހޭނީ ނަރަކައަށްކަން އެނގުމުން ޤިޔާމަތް ދުވަސް މިންވަރު ނުކުރައްވަވާތޯ ދުޢާ ކުރާނެއެވެ. އެއީ ކައްވަޅުގައި ލިބޭ އަޒާބަށްވުރެ ނަރަކައިގެ އަޒާބު އެތައް މިލިއަން ގުނައަކަށް ގަދަފަދަވެގެންދާނެކަން އެނގޭތީއެވެ. އަދި އެއީ ނިމުމެއް ނެތް އަޒާބެއް ކަމާއި ނަރަކައިގައި އޮންނަ އިރުވެސް އަޒާބު ދާނީ ގަފަދަވަމުންކަން އެނގޭތީއެވެ. 

އެހާލަތުގައި އެންމެންވެސް ރޮއި ހޭރޭނެއެވެ. އާދޭސްވެސް ކުރާނެއެވެ. ނަމަވެސް އެއީ ތިމާ އަމިއްލައަށް ލިބިގަތް އަޒާބު ކަމަށްވުމުން ބުނެވެން އޮތީ ކީކޭ ހެއްޔެވެ؟ 

 

- ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

 

 

މިއަދު އޮންލައިން