ކޮންމެ އަޅުކަމެއް ކުރެއްވެވުމަށްވެސް ރަސޫލް (ﷺ) އަވަސްވެވަޑައިގަންނަނަވައެވެ. ނަމަވެސް ޢައިޝަތުގެފާނު ރިވާކުރެއްވެވި ޙަދީޘްފުޅަކުން ރަސޫލް ﷺ އެންމެ ބޮޑަށް އަވަސްވެވަޑައިގަންނަވަނީ ކޮން އަޅުކަމެއް ކުރެއްވެވުމަށްކަން އެނގެން އެބައޮތެވެ.
ޢައިޝަތުގެފާނު ވިދާޅުވެފައިވެއެވެ. "ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއްވެވުމަށް ރަސޫލް (ﷺ) އަވަސްވެވަޑައިގަންނަވާހައި ބޮޑަށް އެހެން އެއްވެސް އަޅުކަމަކަށް އަވަސްވެގަންނަވަނިކޮށް ތިމަންކަމަނާއަށް ފެނިވަޑައިގެންފައެއް ނުވެއެވެ. ޣަނީމާ މުދާ އެއްކުރަން ޞަޙާބީން އަވަސްވެގަންނަވަރަށްވުރެ މާބޮޑަށް ރަސޫލް (ﷺ) އެކަމަށް އަވަސްވެވަޑައިގަންނަވައެވެ."
ރަސޫލް (ﷺ)ގެ ޙަދީޘްބަސްފުޅަކުން މިކަމުގެ ސަބަބުވެސް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. "ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ފަތިސްނަމާދުގެ އިހުސުންނަތުގެ އަގު ނުވަތަ މަތިވެރިކަންމާބޮޑެވެ!" އޮތް ޙަދީޘްފުޅުންނެވެ.
މިޙަދީޘްފުޅުން އެނގިގެން މިދަނީ ދުނިޔޭގެ އެންމެންގެ އަތުގައާއި ބޭންކްތަކުގައި ހުރި ހުރިހާ ފައިސާތަކާއި ރަނާއި އަގުބޮޑުޖަވާހިރުތަކާއި އަދި މީސްތަކުންނަށް ނުފެނި ދުނިޔޭގައި ހުރި ޚަޒާނާތަކާއި ރަންތަކާއި މަޢްދަންތަކާއި ތެޔޮވަޅުތަކާއި ގޭސްވަޅުތަކާއި މިހެން ގޮސް ދުނިޔޭގައި ހުރި ހުރިހާތަކެއްޗަކާއި މުޅި ދުނިޔެއަށްވުރެވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތުގެ އަގުމާބޮޑުކަމެވެ.
ވިސްނައިލާށެވެ! ތިބާއަކީ ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތްކުރަމުން ގެންދާ މީހަކު ނަމަ އެމަތިވެރިކަން ދުނިޔޭގައިވެސް ތިބާއާއިއެކުގައިވާނެއެވެ. ކައްވަޅުގައިވެސްވާނެއެވެ. އަދި ކީއްހެއްޔެވެ؟ ޤިޔާމަތްދުވަހު މީޒާނުގައި ތިބާގެ އަމަލުތައް ކިރައިލެވޭއިރު ހެޔޮކަމުގެކޮޅަށް ބުރަވެގެންދާނެ މިންވަރު ހިތްމައްޗަށް ގެންނާށެވެ!
ނިކަން ބުނެބަލާށެވެ! މީޒާނުގައި ތިބާގެ ޢަމަލުތައް ހެޔޮކަމުގެ ކޮޅަށް ބުރަކުރަން ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތް ކުރުމަށްވުރެ ވަކިން އިތުރުކަންބޮޑުކަމަކީ ކޮބައިހެއްޔެވެ؟ މިކަމަކީ ހަމަކޮންމެ ދުވަހަކުވެސްކޮށް ތިލަފަތް ބަރުކުރެވެން އޮތް ކަމެކެވެ.
ދަތުރުމަތިގައި އުޅޭއިރު ނަމާދުކުރުކުރެވެއެވެ. ރަވާތިބު ސުންނަތް ދޫކުރެވެއެވެ. ނަމަވެސް ދަތުރުފުޅުތަކުގައިވެސް ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތް ނުކުރައްވަވާ ދުލެއް ނުކުރައްވަވައެވެ.
ފަހަރެއްގައި މިސްކިތަށް ވަގުތަށް ނުދެވިގެން ފަތިސްނމާދުގެ އިހު ސުންނަތުގެ ދެރަކްޢަތް ނުކުރެވި ޖަމާޢަތުގައި ބައިވެރިވާން ޖެހިއްޖެ ނަމަ ޤަޟާއަށްވެސް ކުރާށެވެ! ނުކޮށްދުކޮށްނުލާށެވެ! އިރު ވަކިހިސާބަކަށް އަރާފަހުންވެސް ކުރެވޭނެއެވެ. މެންދުރު ނަމާދާއި ހަމައަށްވެސް ކުރެވޭނެއެވެ.
ފަތިސްނމާދުގެ އިހު ސުންނަތުގެ ދެރަކްޢަތުގައި ކިޔަންވީ ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތެވެ! މި ދެ ސޫރަތުގައިވެސް ވަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަން މަތިވެރިކުރުމެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން