ރަމަޟާންމަހަށްޓަކާ ހިތްތައްޔާރުކުރުމުގެ މަސައްކަތް އަވަހަށް ފަށަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަމަޟާންމަހަށްޓަކާ ހިތްތައްޔާރުކުރުމުގެ މަސައްކަތް އަވަހަށް ފަށަން އެބަޖެހޭ!

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގެއަށް ގަންނަންޖެހޭ ތަކެތި ޝަޢްބާން މަހުގެ އެންމެ ފަހު ދުވަހުވެސް ގަނެވިދާނެއެވެ. އަދި ރޯދަ ހިފައިގެންތިބެވެސް ގަނެވިދާނެއެވެ. ނަމަވެސް ކުރިއާލައި މަސައްކަތްކުރުމުން ނޫނީ ތައްޔާރު ނުކުރެވޭނެ ކަމެއް އެބައޮތެވެ. އެއީ ތިބާގެ ހިތް ޠޯހިރު ކުރުމެވެ. އީމާންކަން ވަރުގަދަކުރުމެވެ. 

މިހެން ބުނީމާ ޝައިޚް މިހާކުރިން ތިއަ ދައްކަނީ ކޮންޒާތެއްގެ ވާހަކަތަކެއްތޯ ސުވާލު އުފައްދާނެއެވެ. އެފަދަ މީހުންނަށް އަހުރެން ސުވާލެއް ކޮށްލާނަމެވެ. ފުރަތަމަ ކަމަކަށް އަހުރެން މިބަޔާންކުރާ އާޔަތް އަޑުއަހާށެވެ! 

"މުއުމިނުން ވާކަން ކަށަވަރީ، ﷲ  ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) އާޔަތް ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ އީމާން ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ވަކީލް ކުރާ މީހުން ކަމުގައެވެ." (އަލް އަންފާލް: 2) 

އަހުރެންގެ ސުވާލަކީ ކީރިތި ޤުރްއާނުގެ އަޑު އިވުމުން މިއާޔަތުގައި ބަޔާންކުރައްވަވާފައިވާ ކަންކަން ތިބާގެ ހިތަށްވޭހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވޭ ހެއްޔެވެ؟ ހިތުގައި އީމާންކަން އިތުރުވެގެންދޭހެއްޔެވެ؟ ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން ﷲ ތަޢާލާއަށް ވަކީލްކުރެވޭ ހެއްޔެވެ؟ އެކަންކަން ނުވާނަމަ މިވާހަކަ ނުދައްކައި ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިހާރުވެސް މިތިބީ ހާސްވެ ކަންބޮޑުވުމުގައެވެ. ރަމަމާން މަސް މީސްތަކުންނާއި ބައްދަލުކުރާނެއެވެ. ނަމަވެސް އަހަރެމެން އެއްވެސް މީހަކަށް ރަމަޟާން މަހާއި ބައްދަލުވެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް މީހެއް ނޫނެވެ. އޮތީ ހަމައެކަނި ކުރެވޭ އުންމީދެކެވެ. އަދި މިއީ އެމީހަކާއި ބައްދަލުވާ އެންމެ ފަހުގެ ރަމަޟާން މަސް ކަމުގައިވެސް ވެދާނެއެވެ. 

ވީމާ މިހާރުންސުރެ ރަމަޟާން މަހަށް ތައްޔާރުވުމުގެ މަސައްކަތް ފަށަން އެބަޖެހެއެވެ. އެކުވެރިންނާއި ޢާއިލާގެ މީހުންނަށް ހަނދާންކޮށްދޭންވެސް އެބަޖެހެއެވެ. އާޚިރަތުގައި ފައިދާކުރާނެ ވާހަކައަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން