ކޮރޯނާގެ މުޞީބާތަށްފަހު ލުއިކަމެއް ލިބުމުން ޢިބްރަތެއް ޙާޞިލު ކުރެވުނުނަމަ އެއިރު ދަތިޙާލުގައި ތިމާއާއިއެކު ހުރި ބައިވެރިޔާ ދޫކުރީސް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ކޮރޯނާގެ މުޞީބާތަށްފަހު ލުއިކަމެއް ލިބުމުން ޢިބްރަތެއް ޙާޞިލު ކުރެވުނުނަމަ އެއިރު ދަތިޙާލުގައި ތިމާއާއިއެކު ހުރި ބައިވެރިޔާ ދޫކުރީސް ހެއްޔެވެ؟

މިތަނުގައި އެތައް ހާސް އަންހެނުންނާއި ފިރިހެނުން ތިބީމާ ފުރަތަމަވެސް ސުވާލެއް ކޮށްލާނަމެވެ. ކޮރޯނާގެ ދަތިދުވަސްވަރު އެކަކު އަނެކަކަށްޓަކައި ނުކައި ނުބޮއި ކެތްތެރިވި ދެމަފރިންތަކުގެ ތެރެއިން ކިތައް ކައިވެނި މިހާރު ރޫޅިއްޖެކަން އެނގޭހެއްޔެވެ؟ ގެއަށް ގޮސް ދަންނަ ޢާއިލާތަކުގެ ޙާލަތު ނިކަން ބަލައިލަބަލާށެވެ! ޝުކުރުވެރިވުމަކީ އެއީ ހެއްޔެވެ؟ 

އަދިވެސް ހަމަ ސުވާލު ތަކުރާރުކޮށްލާނަމެވެ. ކޮރޯނާގެ މުޞީބާތަށްފަހު ލުއިކަމެއް ލިބުމުން ޢިބްރަތެއް ޙާޞިލުކުރެވުނުނަމަ އެއިރު ދަތިޙާލުގައި ތިމާއާއިއެކު ހުރި ބައިވެރިޔާ ދޫކުރީސް ހެއްޔެވެ؟ އެކަނިވެރިކޮށް ނިކަމެތިކުރީސްހެއްޔެވެ؟ 

ވަކި މީހެއް ނޫނެވެ. މުޅި ދުނިޔޭގެ އެންމެން ސިއްސުވައިލި ކޮރޯނާގެ ބޮޑު މުޞީބާތަށްފަހު ދުނިޔޭގެ އިޤްޠިޞޯދަށް މިދަނީ ކުރިއެރުން ލިބެމުންނެވެ. ގެއްލުނު ވަޒީފާތަކުން ބޮޑު ބައެއް އަނބުރާ ލިބިއްޖެއެވެ. އެއިރު ނުކައި ނުބޮއި ނިކަމެތި ޙާލުގައި ތިބެނެޖެހުނު އެތައް ބައަކަށް މިހާރު ކާނެއެތިކޮޅު ލިބެން ފަށައިފިއެވެ. އެހެން ބޭނުންތައްވެސް ފުދެން ފަށައިފިއެވެ. ވިޔަފާރިތައް ހުޅުވި ކުރިއަރަން ފަށައިފިއެވެ. 

އަހުރެން މިއަދު ކުރަން ބޭނުންވާ ސުވާލަކީ މިކަންކަމުން ޢިބްރަތެއް ޙާޞިލުކުރެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޢަމަލުތައް އިޞްލާޙްކުރެވުނު ހެއްޔެވެ؟ ބަންދުކުރެވުނު ނައިޓްކްލަބްތަކާއި ކެސިނޯތައް އަލުން ހުޅުވުނީމާ އެތަންތަނަށް މިތިބީ ނުވަދެހެއްޔެވެ؟ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި މިސުވާލު ނިކަން ކޮށްބަލާށެވެ! 

މީސްތަކުންނޭވެ! މުޞީބާތެއް ކުރިމަތިކުރައްވަވަން އިރާދަކުރައްވަވައިފިނަމަ ކޮންމެހެން ވައިރަސް އެއް ނުފޮނުއްވެވި ނަމަވެސް ކޮންމެ ފަދަ ބޮޑު މުޞީބާތެއްވެސް ހަމަ ކުރިމަތިވެދާނެއެވެ. އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ބިރުވެތިވާން މަސައްކަތްކުރާށެވެ! 

ޝައިޚުގެ ކުރީގެ ދަރުސަކުން: 

ދުނިޔޭގެ އެންމެންވެސް ކަންބޮޑުވެގެން މިއުޅެނީ ކުރިން ދިރިއުޅުނު ގޮތަށްވުރެ ދަތިޙާލުގައި އުޅެންޖެހުމުންނެވެ. ކުރިން ނެތް މައްސަލަތަކެއް ކުރިމަތިވުމުންނެވެ. ކުރިން އުފުލަން ނުޖެހޭ ތަކްލީފްތަކެއް އުފުލަންޖެހުމުންނެވެ. ވީމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަން އެބަޖެހެއެވެ. ވެގެން މިއުޅެނީ ކިހިނަކުންކަން ދެނެގަންނަން މަސައްކަތްކުރަން އެބަޖެހެއެވެ. 

ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. ދަތިއުނދަގޫ އެތައްކަމަކާއި މިއަދު މިވަނީ ކުރިމަތިލާންޖެހިފައެވެ. ވީމާ ވިސްނައިލަން މަސައްކަތްކުރަމާހެއްޔެވެ؟ 

ﷲ ތައާލާ ވަޙީކުރައްވަވާފަ އެއްވެސް އިންސާނަކަށް ނުވަތަ އިންސާނުންނަށް ނިޢްމަތެއް މިންވަރުކުރެއްވެވުމަށްފަހު ސަބަބަކާއި ނުލައި އެ ނިޢްމަތް އަނބުރާ ނުގެންދަވާ ކަމަށެވެ. ވީމާ ﷲ ތައާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެކަމަށް ސަބަބެއް ނުވަތަ ސބަބުތަކެއް ހުންނާނެއެވެ.  

ﷲ ތަޢާލާ އަހަރެމެންނަށް އަންގަވައިދެއްވަވަނީ އަހަރެމެންގެ ނިކަމެތިކަމެވެ. ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން ކިތަންމެވަރަކަށް ކުރިއަރައިދިއަ ނަމަވެސް އެއްވެސް ކަމެއް ނުއެނގޭކަމެވެ. އެއްވެސް އާރެއް ބާރެއް ނެތްކަމެވެ. މުޅި ދުނިޔެ މިޙާލަތަށް ވެއްޓިގެން މިދިއައީ ލޮލަށް ވެސް ނުފެންނަ ކުޑަކުޑަ ވަރިރަސްއެއްގެ ސަބަބުންނެވެ! އެވައިރަސްގެ ސަބަބުން މުޅި ދުނިޔެ ދަތުރުކުރަމުން މިދަނީ ހައިހޫނުކަމާއިދިމާއަށެވެ! ނުހުއްޓުވުނެވެ. ފަރުވާއެއްވެސް ހޯދުނު ކަމަކަށް އަދިވެސް ނުވެއެވެ! 

ނިކަންބުނެބަލާށެވެ! މިވަރުގެ ޢިބްރަތްތެރި ފިލާވަޅެއް ދެއްވެވުމުންވެސް އެއްވެސް ކަމެއް ދަސްވިކަމަށްވެއްޖެހެއްޔެވެ؟ ﷲ ތަޢާލާގެ މަގަށް އެބަ އެނބުރެވޭހެއްޔެވެ؟ ބަލިން ތިމާއަށް ސަލާމަތްކަން ލިބުނީތީ ނުވަތަ ތިމާގެ ފުރާނަ ނުގެންދަވާތީ އެއްވެސް ވަރަކަށް އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟ 

ދުނިޔޭގެ އެންމެ ލޮލަށް ކަންތައްތަކެއް ދައްކަވައިފިއެވެ. ވޭންތަކެއް އުފުލަން އެންމެންނަށްވެސް ޖެހިއްޖެއެވެ. ބަނޑަށް އަސަރުތަކެއްވެސްކޮށްފިއެވެ. ހައިހޫުކަންވެސް އިޙްޞާޞްކުރަން ޖެހިއްޖެއެވެ. މިހުރިހާ ކަންކަން އަމިއްލައަށް ތަޖުރިބާކުރެވެމުންދާއިރުވެސް ކަމެއް ވިސްނި ޢިބްރަތެއް ޙާޞިލުކުރެވުނީ ކިތައް މީހުންނަށްބާވައެވެ! ތައުބާވެވުނީ ކިތައް މީހުންނަށްބާވައެވެ! ނަމާދު ފުރިހަމައަށް އަދާކޮށް އަޅުކަންކުރުން އިތުރުކުރެވުނީ ކިތައް މީހުންނަށްހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ! ދުނިޔޭގެ ފަހުގެ ފެންނަން އޮތް ތާރީޚަށް ބެލިނަމަވެސް އެންމެ ގިނަ ބައަކަށް އެކަމުގެ އަސަރުކުރި ކަންކަން ހިނގައިދިއުމުންވެސް ﷲ ތަޢލާގެ މަގަށް ރުޖޫޢަ ނުވެވިގެން، ތައުުބާނުވެވިގެން ތިއައުޅެނީ ތާޅަފިލީގެ އަޑު ނުއިވޭތީ ހެއްޔެވެ؟ ވިސްނާށެވެ! އަދިވެސް ވަގުތު އެބައޮތެވެ! ޙލަތު ބަދަލުކުރުން އޮތީ ހަމަ އިންސާނުންގެ އަތްމަތީގައެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން