ފާފައެއް ކުރެވުމުން މާޔޫސްވެ ދަންޖެހެން އެލުވި ވައުގަނޑުގައި އެލިގަތުމުގެ ބަދަލުގަ ވައުގަނޑުގަ ހިފާއަރައި އުފާވެރި ދިރިއުޅުމެއް ހޯދި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފާފައެއް ކުރެވުމުން މާޔޫސްވެ ދަންޖެހެން އެލުވި ވައުގަނޑުގައި އެލިގަތުމުގެ ބަދަލުގަ ވައުގަނޑުގަ ހިފާއަރައި އުފާވެރި ދިރިއުޅުމެއް ހޯދި ޒުވާނެއްގެ ވާހަކަ-

ކިތަންމެ ފުން، ކިތަންމެ ބިރުވެރި، ދަތި އުނދަގޫ އަދަވަޅަކަށް މީހާ ވެއްޓުނު ކަމުގައިވީނަމަވެސް އަރައިގަނެވޭނެ ވައުގަނޑެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިނުލުމެވެ. ދުޢާކުރިވަރަކަށް ދާނީ އަރަން މަގުފަހިވަމުންނެވެ. 

އެއްރޭ ދަންވަރު އަހަރެންނަށް ޒުވާނަކު ގުޅިއެވެ. ގުޅާފައި ބުނީ ޒިނޭކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ލިބުނު މާޔޫސްކަމުގެ ސަބަބުން ދުނިޔޭގައި އުޅެން ބޭނުން ނޫން ކަމަށެވެ. އެއިރު އޭނާ ހުރީ ދަންޖެހެން ވައުގަނޑެއްވެސް އެލުވައިގެންނެވެ. 

އަހުރެން ވިސްނައިދިނީމެވެ. ތިއަވައުގަނޑަކީ މަރުވަން އެލިގަންނަ ވައުގަނޑަކަށް ނުހަދައި ތިބާއަށް ކުރެވުނު ފާފަތަކުން އަރައިގަނެ ދެން ފާފަނުކުރަން ހިފާ ވައުގަނޑެއް ކަމުގައި ހަދާށެވެ. އަހުރެން ހަނދާންކޮށްދިނީމެވެ. ފާފައެއް ކުރެވިގެން ތައުބާވުމަށް އެދޭއިރަށް އެމީހެއްގެ ފާފަ ވަޤުތުން ފުއްސަވައި ދެއްވަވާނެ ކަމަށާއި ގިނަގިނައިން ތައުބާވާ މީހުންގެ ދަރަޖަ މަތިވެރިކުރައްވަވާނެކަމަށް ކީރިތި ޤުރްއާނުގައި އޮތް ބަސްފުޅެވެ. 

އޭނާ އަހުރެންގެ ނަޞޭޙަތް ޤަބޫލުކުރިއެވެ. މިއަދު އޭނާއަކީ އަނބިދަރިންނާއިއެކު އުފާވެރި އުފާވެރިދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. 

މިވާގޮތަކީ ފާފަކުރުވަންވީމާ އިބިލީސް ބުނާނެއެވެ. "އެންމެ ފަހަރަކަށް ނޫންހެއްޔެވެ؟ އުފާކޮށްލާށެވެ! ތައުބާވީމާ ފާފަ ފުއްސަވައިދެއްވަވާނެތެވެ." ފާފަކުރެވޭއިރަށް ބުނާނެއެވެ. "ކަލޭ ތިއަކުރީ ބޮޑުފާފައެކެވެ. ކަލޭގެ ފާފަ ނުފުއްސަވާނެތެވެ." އިބިލީހުގެ މިމަޅީގައި އަހަރެމެންނަށް ޖެހެވެނީއެވެ. 

ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ކުރެވުނު ފާފައިގެ ބޮޑުކުޑަމިނަކަށް ނޫނެވެ. ތައުބާވުމަށެވެ. ފާފަފުއްސަވައިދެއްވެވުން އެދި ދަންނަވާއިރަށް ފާފަފުއްސަވައި ދެއްވަވާނެތެވެ. މުޅި ކައުނު ފުރޭހައި ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް ތައުބާވެ ﷲ ތަޢާޅާގެ މަގަށް އެނބުރި ރުޖޫޢަވުމުން ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް ވަޙީކުރައްވަވާފައި އެއޮތީ އެހެންވެގެންނެވެ. 

އެހެންވީމާ އަހުރެންގެ ނަޞޭޙަތަކީ ކިތަންމެ ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް އަވަހަށް ތައުބާވުމެވެ. ކުރެވުނު ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުމެވެ. އެމަގުން ޢަމަލުކުރި ހަމަ އެކަކުވެސް މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން