ޑރ. ޔާސިރު ޤާޟީ ކީރިތިކުރައްވަމުން ކުރެއްވި ސުވާލު: "މައިންބަފައިން ރޮއްވާފަ ސުވަރުގެވަދެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ޑރ. ޔާސިރު ޤާޟީ ކީރިތިކުރައްވަމުން ކުރެއްވި ސުވާލު: "މައިންބަފައިން ރޮއްވާފަ ސުވަރުގެވަދެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟

ޙަދީޘްފުޅުގައި ވަނީ "ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ މައިންބަފައިންގެ ރުހުން ހޯދިގެންނެވެ. މައިންބަފައިންގެ ނުރުހުން އޮތް މީހަކަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެތެވެ." އެހެންވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށް އެދޭމީހާ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުންގެ ރުހުން ހޯދަން އެބަޖެހެއެވެ. ހަމައެފަދައިން ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހާ އެމީހެއްގެ މައިންބަފައިންގެ ނުރުހުމަށް ކަންބޮޑުވާންޖެހޭނެއެވެ.  

މިކަންކަން އެނގިގެންދަނީ ރަސޫލް ގެ އަރިއަހުގައިވުމަށް ޔަމަނުން އައި ޒުވާނާއަށް ކުރެއްވެވި ޙަދީޘްފުޅުންނެވެ. އެޒުވާނާއައީ ޞަޙާބީއަކަށްވެގެން ރަސޫލް ގެ އަރިއަހުގައި ހުރެ އިސްލާމް ދީނަށް ނަޞްރުދީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށެވެ. އޭނާ ދެންނެވީ އެކަންކަމަށް އެދޭވަރުން އޭނާ އައީ އޭނާގެ މައިންބަފައިން ރޮއިރޮއިތިއްބައި ދޫކޮށްލާފައި ކަމަށެވެ.  

ޙަދީޘްފުޅު ކުރެއްވެވީ ކީކޭކަމަށް ހެއްޔެވެ؟ "ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންނަމަ އެމީހުންގެ ގާތަށް އެނބުރިދާށެވެ! އެމީހުންގެ ހިތުގައި ޖައްސުވައި ރޮއްވާފައި އައިފަދައިން އެމީހުންނަށް އުފާވެރިކަން ހޯދައިދީ އެމީހުން ހިނިތުންކުރުވާށެވެ."  

ރަސޫލް އޭނާއަށް ބަޔާންކޮށްދެއްވެވީ މައިންބަފައިން ރޮއްވާފައި އައިސްގެން ސުވަރުގެ ނުލިބޭނެކަމެވެ. ހަމައެއާއިއެކު ޙަދީޘްފުޅުގައި އޮތީ ސުވަރުގެ ވަނުމަށް އެންމެ ފަސޭހަ މަގަކީ މައިންބަފައިންގެ ރުހުން ލިބުން ކަމަށެވެ. (އެމީހުންނަށް ހެޔޮކޮށް ހިތައިގެން އެމީހުން ލޯބިވާދަރިއަކަސްވުން ކަމަށެވެ.)

މަޝްހޫރު ޞަޙާބީ ޢަބްދުﷲ އިބްނަ ޒުބައިރުގެ ބައްޕާފުޅު އަވަހާރަވުމުން ވިދާޅުވިއެވެ. "ތިމަން ކީރިތި މިކުރައްވަވަނީ ބައްޕާފުޅު އަވަހާރަވެގެނެއް ނޫނެވެ. އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް މަގު ބަންދުވުމުންނެވެ."  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ހެޔޮކޮށްހިތާށެވެ. އެމީހުން ނިޔާވެފައިވާނަމަވެސް ކުރެވެންހުރި ކަންކަން އެބަހުއްޓެވެ. ޞަޙާބީ ބޭކަލެއްގެ މަންމާފުޅު އަވަހާރަވުމުން ވަޑައިގެން މަންމައަށްތަކައި ކުރެއްވެވޭނެ ހެޔޮކަންކަމަކީ ކޮބައިތޯ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.  

"މަންމައަށްޓަކައި ހެޔޮދުޢާކުރާށެވެ! މަންމަގެ ފާފަފުއްސަވައިދެއްވެވުމަށް އެދޭށެވެ! އޭނާގެ ފަރާތުން ޞަދަޤާތްކުރާށެވެ. އޭނާގެ ފަރާތުން އުޟްޙިޔާ ކަތިލާށެވެ. ޙައްޖުވެ ޢުމުރާވާށެވެ. އޭނާގެ ތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކުރާށެވެ." މިހިރީ އަހަރެމެންނަސް ކުރެވެންހުރި ކަންކަމެވެ.  

ޒުވާނުންނޭވެ! މިއަދު މައިންބަފައިން ހިތުގައި ޖެއްސުވިދާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ! އެކަން އައިސް ތިބާ ޢާއި ބައްދަލުކުރާނެއެވެ. މުޅި ޢުމުރުގައި ހިތާމަކުރަންޖެހޭނެއެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން