އަހަރެމެންނަށް ޝައިޠޯނުން ފައްސައި ނުލެވިދާނެއެވެ. ނަމަވެސް އެކަމުގެ ބާރު ﷲ ތަޢާލާ ވަނީ މަލާއިކަތުންނަށް ދެއްވަވައިފައެވެ. ވީމާ މަލާއިކަތުން މެދުވެރިކޮށް ޝައިޠޯނުންތައް ފައްސުވާލާށެވެ!
މީސްތަކުންގެ އަމަލުތަކަށް އަންނަމުންދާ ނުބައި އަމަލުތަކާއިއެކު ފިތުނަވެރިކަން މިދަނީ އިތުރުވަމުންނެވެ. ފިތުނަވެރިކަން މިވަނީ ޢާއިލާތަކުގައި ވެސް ވަކިހިއްޕާލައިފައެވެ. ދިރިއުޅޭ ގެތަކުގައި ހާލިހަދައިފައެވެ.
މިޙާލަތުގައި ކުރުން އެންމެ މުހިންމުކަމަކީ ޝައިޠޯނާއަށް އެކަންކުރަން ގެއަށް ނުވަދެވޭނެ ގޮތް ހެދުމެވެ. އެކަންކުރުމަށް އެންމެ ފަސޭހަ މަގަކީ ވީހައި ގިނަ މަލާއިކަތުން ގެއަށް ވެއްދުމެވެ. ދައުވަތުދީގެން ގެއަށް ގެނައުމެވެ.
އެކަމަށް އެދިގެން ކުރަން ކުރަންވީ ކަންތައްތައްވެސް އެނގެން އެބައޮތެވެ! ފުރަތަމަކަމަކީ ގޭގައި ޤަވާއިދުން ނަމާދުކުރުމެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރި ނަމަވެސް ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. ގޭގައި ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. އެކަންކަން ކުރާއިރު އަބަދުވެސް ގޭގައި މަލާއިކަތުން ތިއްބަވާނެތެވެ!
އެއްވެސް މީހަކު ނަމާދުކުރަނީ އެކަނިހުރެއެއް ނޫނެވެ! ނަމާދުކުރާއިރު އޭނާގެ ދެފަރާތުގައި މަލާއިކަތުން ތިއްބަވަތެވެ! ފަހަތުގައި ސަފުތަކަށް މަލާއިކަތުން ތިއްބަވަތެވެ. އަދި ޤުރްއާން ކިޔަވާ އަޑު އައްސަވަންވެސް މަލާއިކަތުންގެ ފައުޖުތައް ތިއްބަވަތެވެ.
ގޭގައި ލަވަޖެހުމާއި ހުއްދަނުކުރާ މަންޒަރުތައް ޓީވީން ބެލުން ފަދަ ކަންކަން ނުކުރާށެވެ. އެފަދަ ގޭގެއަށް ރަޙަމަތުގެ މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއެވެ. މިހެން ބުނީމާ ތިމަންނަމެން ބަލަނީ ލަވައެއް ކަމަށް ބުނެފާނެއެވެ. ލަވައިން ފެންނަ މީހުން ހެދުންއަޅައިގެން ތިބެނީ ﷲ އަންގަވާފައިވާ ގޮތަށް ހެއްޔެވެ؟
އެގެއަކަށް ގިނަގިނައިން މަލާއިކަތުން ވަދެވަޑައިގަންނަވާނަމަ އެގެއަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެކަމަށް އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ! އަދި އެފަދަ ގެއަކަށް ޝައިޠޯނުންނަކަށް ނުވަދެވޭނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން