ނަމާދު މިކުރަނީ އެކަނިހުރެ ކަމަށް ހީކޮށް ފަރުވާކުޑަނުކުރާށެވެ! ވަގުތުން ފާފަ ފުއްސެވުމުގެ ފުރުޞަތު އެބައޮތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދު މިކުރަނީ އެކަނިހުރެ ކަމަށް ހީކޮށް ފަރުވާކުޑަނުކުރާށެވެ! ވަގުތުން ފާފަ ފުއްސެވުމުގެ ފުރުޞަތު އެބައޮތެވެ!

އެކަނި ގޭގައި ހުރެ ނަމާދުކުރާނަމަ ބައެއް މީހުން އަވަސް އަރުވާލައެވެ. ޢާންމުކޮށް ކުރާވަރަށްވުރެ ކުރުކޮށްލައެވެ. އަދި ޤުރްއާންކިޔަވާއިރުވެސް ފަރުވާކުޑަކުރެއެވެ. މިއީ ވަރަށް ދެރަކޮށް ކުރާކަންކަމެވެ. 

އެހެނީ އެއްވެސް މީހަކު ނަމާދުކުރަނީ އެކަނިހުރެއެއް ނޫނެވެ! ނަމާދުކުރާއިރު އޭނާގެ ދެފަރާތުގައި މަލާއިކަތުން ތިއްބަވަތެވެ! ފަހަތުގައި ސަފުތަކަށް މަލާއިކަތުން ތިއްބަވަތެވެ. ވީމާ ނަމާދު މިކުރަނީ އެކަނިހުރެ ކަމަށް ހީކޮށް ނަމާދުކުރުމުގައި ފަރުވާކުޑަނުކުރާށެވެ! ތިބާ ނަމާދުކުރާގޮތާ ސަމާލުކަންދޭމިންވަރު ﷲ ތަޢާލާ ހަތް އުޑުމަތިން ބައްލަވައި ވޮޑިގެންވެއެވެ. އަދި ކީއްހެއްޔެވެ! ޤިޔާމަތް ދުވަހުން މަލާއިކަތުން ހެކިވެވަޑައިގަންނަވާނެއެވެ. 

ބަކަރިހުއިހައްޕާ މީހަކު ސަހަރުން ބޭރުގައި އެކަނި ހުއްޓައި ނަމާދުވަގުތު ޖެހުމުން އެމީހާ ބަންގިގޮވައި އިޚްލާޞްތެރިކަމާއިއެކު ނަމާދުކުރުމުން އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ ކަމާއި އަދި އެމީހާއަށް ފާފަފުއްސެވިކަން މަލާއިކަތުންނަށް ވަޙީކުރައްވަވާކަން ރަސޫލް () ޙަދީޘްފުޅުކުރައްވަވާފައިވެއެވެ. 

އެޒަމާނުގައި ސަހަރުން ބޭރުގައި ޢާންމުކޮށް ގިނަ ބައަކު އުޅެނީ ބަކަރިހުއިހެއްޕުން ފަދަ ކަންކަމުގައެވެ. ވީމާ މިޙަދީޘްފުޅުން އެނގިގެންދަނީ އެކަނި ހުންނަންޖެހޭ ޙާލަތުގައި އެކަނި ހުރެ ކޮންމެ ތަނެއްގައި ނަމަވެސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ ފައިދާއެވެ. ވީމާ ފިރިހެނުން ޖަމާއަތަށް ނުދެވި ގޭގައި ނަމާދުކުރާއިރުވެސް އަދި އަންހެނުން ގޭގައި ތިބެ އެކަނި ނަމާދުކުރާއިރުވެސް އެހެން ބައަކަށް ނުފެންނާނެ ކަމަށް ބަލައި ނަމާދަށް ފަރުވާކުޑަނުކުރާށެވެ! ވީހައި ފަރުވާތެރިކަމާއިއެކު ނަމާދުކުރާށެވެ! 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން