ދެމާނަ ލާފަ ވާހަކަ ދައްކާ މީހުން ބުނާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ދެމާނަ ލާފަ ވާހަކަ ދައްކާ މީހުން ބުނާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ!: މުފްތީ މެންކް

މިހާރަކަށްއައިސް ދެމާނަ ލާފައި ވާހަކަ ދައްކާ މީހުން ވަރަށް ގިނަ ވެއްޖެއެވެ. އެމީހުން ބޭނުންކުރާ މުހިންމު ބަސްތައް ބޭނުންކުރަނީ ގިނަ މާނަތަކެއް ލައިފައެވެ. އެގޮތަށް ވާހަކަ ދެއްކުމުން ބުނާ ވާހަކަ ސާފު ނުވުމުގެ ސަބަބުން މުޖުތަކުގައި ބޮޑެތި މައްސަލަތައް އެބަ އުފެދެއެވެ. ސަޕޯޓަރުން މާނަކުރާ ގޮތް ތަފާތުވެ ބޮޑެތި ޒުވާބުތައް އުފެދި ބައެއް ފަހަރު ހަމަނުޖެހުން ހިނގަންވެސް އެބަ މެދުވެރިވެއެވެ. އެގޮތަށް ވާހަކަ ދެއްކުމުން ދީނުގެ ކަންކަމާއި ގުޅިގެންވެސް ހަމަ މިބުނި ފަދައިން މައްސަލަތައް އެބް ކުރިމަތިވެއެވެ.

ދީނުގެ ކަމެއްގައިވެސް އަދި ދުނިޔަވީ ކަމެއްގައިވެސް ބުނާ ބަސްތަކުގައި ދެމާނަލާފައި، ނުވަތަ ބުނި ބަސް އެހެން ގޮތަކަށް ފުރޮޅައިލެވޭ ގޮތަށް ވާހަކަދައްކާ މީހުންގެ ވާހަކަ އެއްގޮތަކަށްވެސް އަޑުނުއަހާށެވެ! ޤަބޫލުނުކުރާށެވެ! އަދި އެއީ ކިތަންމެ ގާތް މީހަކުނަމަވެސް ނުވަތަ ޙަޔާތުގެ ބައިވެރިޔާ ނަމަވެސްމެއެވެ.

ދެމާނަލާފައި ވާހަކަ ދެއްކުމަކީ އެއްވެސް މޮޅުކަމެއް ނޫނެވެ. އަދި އެއީ ވަރަށް ނުބައި ކަމެކެވެ. ބަސް ބުނަންވާނީ ބުނި ބަސް ވަރަށް ސާފުކޮށް އެނގޭ ގޮތަށެވެ. ގިނަ މާނަތަކެއް ނުލައެވެ. ގިނަ މާނަތައްލާފައި ވާހަކަ ދައްކަނީ މަކަރުވެރިންނެވެ. އެމީހުން ބޭނުންވަނީ އެމީހުން ދޭން ބޭނުންވާ ނުރަނގަޅު މެސެޖު ކޮންމެވެސް ގޮތަކުން މީސްތަކުންނަށް ފޯރުކޮށްދޭށެވެ. އެކަމުން ފިތުނަ އުފެދުމުން ތިމާ އެހެން ބުނީ މިވެނި މާނައެއްގައި ކަމަށްބުނެ ރެކުމުގެ ބޭނުމުގައެވެ.

އެފަދަ މީހުން އެ މަސައްކަތް ކުރަނީ ރަނގަޅު ނޫން ކަންކަން ރަނގަޅުކަމުގެ މެސެޖްދޭށެވެ. މީސްތަކުންގެ ހިތުގައި ޝައްކުތައް އުފައްދުވާށެވެ. ބައެއް ފަހަރު ދީނުގެ ކަންކަން އޮޅުވައިލުމަށްވެސް އެފަދަ ގޮތްތަކަށް ވާހަކަ ދައްކައެވެ. އަދި އެހެން މަޤްޞަދުތައް ޙާޞިލުކުރުމަށްވެސް އެފަދަ ގޮތްގޮތަށް ވާހަކަ ދައްކައެވެ.

އެއްވެސް ކަމެއްގައި ދެމާނަލާފައި ވާހަކަދައްކާ މީހުންގެ ވާހަކަތައް އެއްގޮތަކަށްވެސް އަޑު ނުއަހާށެވެ! އަޑު އިވުނު ނަމަވެސް އެއްވެސް ސަމާލުކަމެއް ނުދޭށެވެ. އަހަރެމެން ކޮންމެ މީހަކީ މިހާރުވެސް ވިސްނަން ޖެހޭ އެތައް ބައިވަރު މައްސަލަތައް ހުރި މީހެކެވެ. ވީމާ އިތުރު މައްސަލަތަކެއް ބޮލުގައި އަޅަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ އެޢާއިއެކު އިސްލާމް ދީނުގައި ހުރިހާ ކަމެއް ވަރަށް ސާފުކޮށް އެނގެން އޮތްއިރު މީހަކު ދައްކާ ބޭކާރު ވާހަކަތައް އަޑުއަހައި ބޭކާރު ޝައްކުތައް ހިތުގައި އުފައްދުވަންވީ ކީއްކުރަން ހެއްޔެވެ؟ ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުން ދައްކާ އެއްވެސް ވާހަކަ އަޑު ނުއެހުމެވެ. އެއްވެސް ވަރަކަށް ސަމާލުކަންވެސް ނުދިނުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން