ދަރިންދެކެ ލޯބިވާނަމަ ސްކޫލުންދޭ ރިޕޯޓްފޯމަށްވުރެ އާޚިރަތް ދުވަހު ދަރިފުޅަށް ލިބޭނެ ރިޕޯޓްފޯމަށް ސަމާލުކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިންދެކެ ލޯބިވާނަމަ ސްކޫލުންދޭ ރިޕޯޓްފޯމަށްވުރެ އާޚިރަތް ދުވަހު ދަރިފުޅަށް ލިބޭނެ ރިޕޯޓްފޯމަށް ސަމާލުކަންދޭށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަ ބައްޕައިން ދަރިންގެ ރިޕޯޓްފޯމްތައް ވަރަށް ރަނގަޅަށް ބަލައެވެ. ކިރިޔާވެސް މާއްދާއަކުން ދަށްވެއްޖެ ނަމަ، ކްލާހުން 1 ވަނަ ނުލިބިއްޖެ ނަމަ ގަދައަށް ރުޅިއާދެއެވެ! އެކަމަކު ދަރިފުޅު ގޮވައިގެން މިސްކިތަކަށް ނުދެއެވެ. ގޭގައި ނުހުރެވޭ ވަޤުތުތަކުގައި ދަރިފުޅު ގޭގައި ނަމާދުކުރިތޯއެއް ނުބަލައެވެ. 

އެކަމުން އެނގެނީ ދަރިފުޅަށް އާޚިރަތް ހޯދައިދިނުމަކީ ބައްޕައަށް އެއްވެސް މުހިންމު ކަމެއް ނޫން ކަމާއި ދުނިޔެ ހޯދައިދެވިއްޖެނަމަ ބައްޕައަށް ފުދުނީކަމެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަކީ ހުރިހާ ގޮތަކުން އެންމެ މޮޅު ކުއްޖާކަމުގައިވުމަށެވެ! އެނޫން ގޮތަކަށް އެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ފުރަތަމަކަމަކީ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާކަމުގައިވުމަށް އެދޭމީހާ އެކަމަށް އެދިގެން މަސައްކަތްކުރާށެވެ! ކިޔަވައިދޭން މަސައްކަތްކުރާށެވެ! ދަރިފުޅަށްޓަކައި ހެޔޮދުޢާކުރާށެވެ! ދަރިފުޅު ކުރާ މަސައްކަތަށް ފާރަވެރިވެ ބަލަހައްޓަމުން ގެންދާށެވެ!

އެކަންކަން ކުރުމާއިއެކު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކުއްޖާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެއްދުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ކުއްޖާގެ ޢުމުރާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ނަމާދުކުރުވުމެވެ. މިވާޖިބުތައް އަދާނުކުރެވޭ މައިންބަފައިންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ މީހުންނެވެ. ނިޔާކަނޑައެޅުއްވެވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ!

ދަރިފުޅުގެ ކަންކަމުގެ ތެރެއިން ބަލަންވީ ހަމައެކަނި ކްލާހުން ހޯދާ މާކްސްއެއް ނޫނެވެ! އެހުރިހާ ކަމެއްގެ ކުރިއަށް ދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމާއި ނަމާދުކުރުވުން ކުރިއަށް ނެރޭށެވެ! ލިބޭ މާކްސްވެސް ގިނަވާނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން