ރަޙްމަތުގެ ދޮރުކޮޅުތަކުގަ ހަމަ ތިބާއަށްވެސް ޓަކިޖެހޭނެ! ޓަކިޖެހުމުން ކާމިޔާބު ނުވާނެ ކަމެއް ވެސް ނެތް! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަޙްމަތުގެ ދޮރުކޮޅުތަކުގަ ހަމަ ތިބާއަށްވެސް ޓަކިޖެހޭނެ! ޓަކިޖެހުމުން ކާމިޔާބު ނުވާނެ ކަމެއް ވެސް ނެތް! އިން ޝާ ﷲ: މުފްތީ މެންކް

ﷲ ތަޢާލާ ކާފިރުންނަށްވެސް ތަނަވަސްކަން ދެއްވަވައެވެ. ތަނަވަސްކަން ދެއްވެވުމުން އެކަމާއިމެދު ވިސްނައި އިސްލާމްވާ މީހުންވެސް މަދެއްނޫނެވެ. ކާފިރުންނަށްވެސް ތަނަވަސްކަން ދެއްވަވަނީ އިމްތިޙާނަކަށްޓަކައެވެ. އަހަރެމެން މުސްލިމުންނަށްވެސްމެއެވެ.

އަހަރެމެން މުސްލިމުންނަށް ދޮރާށި މުޅިން ތަފާތެވެ! އަހަރެމެންނަށް ޑޮލަރު ނުވަތަ އެނޫން ނިޢްމަތެއްނަމަވެސް ލިބުމުގެ ދޮރާށްޓަކީ ﷲ ތަޢާލާއެވެ. ﷲ ތައާލާ އެކަލާނގެ ދޮރާށިކޮޅުތައް ހުޅުއްވަވައިލެއްވެވުމުން ކޮންމެވެސް މަގަކުން، ކޮންމެވެސް މީހަކު މެދުވެރިވެގެން ނުވަތަ އެނޫންވެސް ގޮތަކުން ހުރިހާ ނިޢްމަތްތަކެއްވެސް ލިބިގެންދާނެއެވެ!

ﷲ ތަޢާލާގެ ރަޙްމަތުގެ ދޮރުކޮޅުތަކުގައި ކޮންމެ މީހަކަށްވެސް ޓަކި ޖެހޭނެއެވެ! އެކަމަށްޓަކައި ޢަމަލުކުރަންވީގޮތް ﷲ ތަޢާލާ ވަނީ އަންގަވައި ބަޔާންކުރައްވަވައިފައެވެ. ޓަކި ޖެހުމާއި ނުޖެހުމަކީ އެމީހެއްގެ ކަމެކެވެ!"

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތކުރަންވީ ރިޒުޤުގެ ދޮރުކޮޅުތަކުގައާއި ސުވަރުގޭގެ ދޮރުކޮޅުތަކުގައި ޓަކިޖަހައިލެވޭނެ މީހަކު ކަމުގައިވުމަށެވެ!

ޓަކައިޖަހައިލެވޭނެ މީހަކަށް ވެވިއްޖެނަމަ އެމީހަކަށްޓަކައި ހުރިހާ ދޮރުކޮޅުތަކެއްވެސް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެތެވެ! ﷲ ތަޢާލާ ސުވަރުގެ ހައްދަވައި އިންސާނާއަށް ވިސްނަންވެސް ނުއެނގޭނެހައި ގިނަ ނިޢްމަތްތައް އެތަނުގައި ލައްވަވައި އެތަނަށް މީސްތަކުން ވެއްދެވުމަށް 8 ދޮރުކޮޅު ލައްވަވާފައި އެވަނީ މީސްތަކުން ސުވަރުގެ ވެއްދެވުމަށެވެ. މީސްތަކުންނަށް އެމީހުންގެ ހިތް ފުރޭހައި ނިޢްމަތްތައް މިންވަރު ކުރެއްވެވުމަށެވެ! އެކަންކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ!

ﷲ ތަޢާލާ ދެއްވަވާފައިވާ ދައުވަތު ޤަބޫލުކުރާށެވެ! ކިތަންމެ ބޮޑު ޤުރްބާނީއެއްވެގެން ނަމަވެސް ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެ ދައުވަތު ޤަބޫލުނުކުރާ މީހާއަށް ހުރީ ގަދަފަދަ ޢަޛާބުން ފުރިގެންވާ ނަރަކައެވެ! އެތަނަށް ކޮންމެ މީހަކުވެސް ވަންނާނީ އެމީހާ އެކަމަށް ބޭނުންވީތީއެވެ! ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ދަހިވެތިވެ ސުވަރުގެ ވަންނަން މަސައްކަތްނުކުރީތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން