އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް އަދިވެސް އޮންނަނީ ޢުމުރުން ދުވަސްވީ މީހުންނާއި ގުޅުންބާއްވަންވީ މިންވަރު އޮޅިފައެވެ. އެމީހުންނަށް އެހީތެރިވުމަކީ ކިހައިމަތިވެރިކަމެއްކަން ނުއެނގިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވެއެވެ. "އަޅުގަނޑުމެންގެ މަންމަ އާއި ބައްޕައަކީވެސް ޢުމުރުން 70 އަހަރުން މަތިވެފައިވާ ދެމީހުންނެވެ. އެދެމީހުން ބެލުމުގައި އިސްކޮށް މިހުރީ އަޅުގަނޑެވެ. އެދެމީހުންގެ ކޭޝް ކާޑު ދުވަހަކުވެސް ނުދެކެމެވެ. ދެކޭކަށް ބޭނުމެއްވެސް ނެތެވެ. އެކާޑު ގެންގުޅެނީ ދޮންބެއެވެ. ދެމަފިރިން ޢުމުރާއަށް ފޮނުވުން ނޫން އެއްވެސްކަމަކަށް ދޮންބެވެސް އެއްވެސް ފައިސާއެއް އެކައުންޓަކުން ނުނަގައެވެ.
އަޅުގަނޑު ގާތުގައި ބުނެފައި އޮންނަނީ އެއްވެސް ކަމަކު ބޭނުންވެއްޖެނަމަ މެސެޖުކޮށްލުމަށެވެ. ދެމަފިރިން އެކުގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުން ފަދަ ޚާއްޞަ ޙާލަތެއްގައި ނޫނީ އެބާވަތުގެ އެހީތެރިކަމަކަށް އެދިވެސް ނުގުޅަމެވެ.
އެކަމަކުވެސް މަންމަ އާއި ބައްޕަގެ ލޮލަށް ފެނިއްޖެނަމަ އެއިން މީހަކު ކަމަކު ކިޔައިފާނެކަމަށް ހީވާތީ އަހަރުވާއިރުވެސް މަންމައާއި ބައްޕައަށް ފެނިވެސްނުލާ ދަރިން އެބައުޅެއެވެ. މިއީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟ އަޅުގަނޑާއި ދޮންބެ ހުރިހާ ކަމެއް ކުރާތީ ދުރުގަ ތިބެފަ އަދި މައިންބަފައިންނަށް ފެނިވެސް ނުލައި ތިބުން ދިނީ ގޮތުން ހުއްދަވާނެތޯއެވެ؟
ކިޔުންތެރިޔާ ތިއަ ވިދާޅުވި މައުޟޫއަކީ މިއަދުނޫހުގައި އެންމެ ގިނައިން ލިޔެވޭ އެއް މައްސަލަކަމަށްވުމުން ދަންނަވަން އޮތީ ހަމައެއް ވާހަކަތަކެކެވެ. ވީމާ ތަކުރުކުރުން ކުރުކޮށްލާނަމެވެ. ކުރިން ލިޔެވިފައި ހުރި ވާހަކަތަކާއި ތިރީގައި މިވާހަކައިން ޢިބްރަތްތެރި ފިލާވަޅެއް ލިބޭނެ ކަމަށް ހީކުރަމެވެ.
ތިބާއަށާއި ދޮންބެއަށްވެސް ހިތްވަރުގެ އިތުރުބަހެއް ބުނެލާނަމެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ ހިލޭ މީހުންގެ ތެރެއިން މުސްކުޅިންނަށް އެހީތެރިވުމުން އެހައި ބޮޑު ނިޢްމަތެއް ދެއްވެވިއިރު އަމިއްލަ މައިންބަފައިންނަށް ޚިދުމަތްކުރީމާ ދެއްވަވާނެ މިންވަރަށް އުންމީދުކުރާށެވެ! ދިރިތިބެ ސުވަރުގެ ހޯދަން ދެބައިން ތިއަކުރާ މަސައްކަތުގަ ބަރަކާތް ލައްވަވާށި! އާމީން
--ޝައިޚް ނަވައިދު ޢަބްދުލްޢަޒީޒް ވިދާޅުވެފައިވެއެވެ.
ދެވަނަ ޚުޠުބާގައި އަހަރެން މިކިޔައިދެނީ ﷲ ތަޢާލާއަށްޓަކައި މުސްކުޅި އަންހެނަކަށް އެހީތެރިވުމުން އޭނާކުރި ދުޢާއިން ޖެހިޖެހިގެން 20 އަހަރު އަމިއްލަ އަތުން އެއްވެސް ކަރަދެއް ނުކޮށް އެހެން މީހުންގެ އެހީގައި ޙައްޖަށް ދެވުނު މީހެއްގެ ވާހަކައެވެ.
އޭނާ ނިޞްބަތްވަނީ މިޞުރަށެވެ! ޙައްޖަށް އައިސް އުޅުމުގެ ތެރޭގައި މަދީނާއިން މައްކާއަށް އޭނާ ދަތުރުކުރީ ބަހެއްގައެވެ. ދަތުރުގެ ވަކިހިސާބަކުން އޭނާއަށް މަގުމަތިން ފެނުނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފައިމަގުގައި މައްކާއަށް ދިއަ އަންހެނެކެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެކަނި ޙާލަށް ހިނގަންވެސް އުނދަގޫ މިއަންހެންމީހާއަށް ފައިމަގުގައި މައްކާއަށް ދިއުން ވާނީ ވަރަށް ބޮޑު ތަކްލީފަކަށެވެ. އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަށް ފައިމަގުގައި ދެވިދާނެއެވެ.
ބަސްތައް ގިނަވެ މަގުމަތި ފުރިބާރުވެފައި އޮތުމުގެ ސަބަބުން ބަސް މަޑުކޮށްލި ވަގުތު ބަހުން ފުންމާލައިގެން ގޮސް އެ އަނހެން މީހާ ގާތު ޒުވާނާ ބުންޏެވެ. "މަންމާއެވެ! ބަހުގައި ހުރި އަހަރެންގެ ސީޓުގައި މަންމަ މައްކާއަށްދާށެވެ! އަހަރެން ހިނގާފައި ހިނގައިދާނަމެވެ!"
އެވަގުތު އެއަންހެންމީހާއަށް އުފަލުން ރޮވުނެވެ. ކާކުކަންވެސް ނުއެނގޭ ޒުވާނަކު އޭނާއަށް ރަޙުމްކުރީތީއެވެ! ޒުވާނާގެ އެހީތެރިކަމާއިއެކު ބަހަށް އަރަމުން އެއަންހެން މީހާ ދުޢާކުރިއެވެ! އެޒުވާނާއަށް އަންނަ އަަހރުވެސް ޙައްޖުވުމުގެ ފުރުޞަތު ދެއްވެވުން އެދިއެވެ. އަދި އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިއެވެ.
އެ ޒުވާނާ ދާދިފަހުން ބުނެފައިވެއެވެ. "އެއީ ކީއްވެގެންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަަހރެންނަށް އެނގޭ ކަމަކީ ފާއިއތުވި 20 އަހަރު ކޮންމެ އަހަރަކުވެސް ކޮންމެވެސް މީހަކު އަހަރެން ޙައްޖަށް ގެންދާ ކަމެވެ. އަހަރެން އެދިގެނެއް ނޫނެވެ. އެމީހުން އަމިއްލައަށް އެކަން ބޭނުންވެގެންނެވެ! އެމީހުންނަށް މަގުދައްކައި އެހީތެރިވާ މީހެއްގެ ގޮތުގައވެ!"
--ޝައިޚް ނަވައިދު ޢަބްދުލްޢަޒީޒް މީގެ 5 އަހަރުކުރިން ދެއްވާފައިވާ ހުކުރު ޚުޠުބާއަކުން