ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ބޮޑެތި ފާފަތަކަށް އަރައިނުގަންނާށެވެ! އެކަމުގެ ސަބަބުން ތިބާކުރާ ހެޔޮކަންތައްތައް ފުހެވިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ. އަދި މިވެނި ފާފައަކީ ކުޑަ ފާފައެއް ކަމަށް ހީކޮށް އެއްވެސް ފާފައެއް ނުކުރާށެވެ! ކުޑަފާފަކަމަށް ހީކޮށް ކުރާ ފާފައިގެ ސަބަބުން ބީވެގެންދާނީ ކިތައް ހެޔޮޢަމަލުކަމެއް ނުއެނގޭނެއެވެ!
ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރެވުމުން ބިރުވެތިވެ ހިތާމަ ނުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނޫނެވެ! އެމީހަކަށް ﷲ ތަޢާލާއަށް ބިރުވެތި ނުވެވެނީއެވެ! ކިތަންމެ ކުޑަކުޑަ ނަމަވެސް ފާފައެއް ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ!
ދުނިޔޭގެ ދިރިއުޅުމުގެ ނިޒާމަށް ބަލައިފިނަމަ ޓެކްސް ދެއްކުމަށާއި އެހެނިހެން ކަންކަމަށްޓަކައި ަބލަހައްޓަން ޖެހޭ ހިސާބުތައް ކޮންމެ މީހަކުވެސް ވަރަށް ފުރިހަމައަށް ބަލަހައްޓައެވެ. ހިސާބުތައް ނިންނަން ޖެހޭ ތާރީޚުތަކަށް ކޮންމެ ގޮތަކުންވެސް ނިންމައެވެ. އެ ހިސާބުތަކުގައި ކިތަންމެ ކުޑަ ނަމަވެސް ކުށެއް ނެތްކަން ޔަޤީންކުރެއެވެ.
ނަމަވެސް ޢުމަރުގެފާނު އެންމެ ގިނައިން އިންޒާރުދެއްވެވި ހިސާބު ބެލެހެއްޓުމުގައި މިވަނީ ވަރަށް ބޮޑަށް ފޭލްވެފައެވެ. ޢުމަރުގެފާނު ގަދައަޅައި ވަޞިއްޔަތްކުރައްވަވާފައިވަނީ އެމީހާގެ އަމަލުތަކުގެ ފަތް ބަންދުކުރެއްވެވުމުގެ ކުރިން، ﷲ ތަޢާލާ އެމީހާގެ ހިސާބުތައް ބެއްލެވުމުގެކުރިން އެމީހަކު އަމިއްލައަށް އެމީހެއްގެ ކަންކަން ހިސާބުކުރުމަށެވެ. ގިނަބައަކު މިއަދު މިވަނީ އެކަންމަތިން ހަމަ ހަނދާންވެސް ނެތިފައެވެ.
--މުފްތީ މެންކުގެ ދަރުސަކުން