ހާދިސާއެއްގެ ހަނދާން އައުކޮށްލަމާހެއްޔެވެ؟ ރަސޫލް (ﷺ) ޞަޙާބީންނާއިއެކު މިސްކިތްކޮޅުގައި އިންނަވަނިކޮށް ބަދަވީންގެ މީހަކު އައިސް އިތުރު އެކަލޭގެފާނު (ﷺ) އެންމެ ލޯބިފުޅުވެވަޑައިގަންނަވަނީ ކާކުދެކެތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނު ކަމަށެވެ.
އެއިރު މިސްކިތްކޮޅުގައި ޢާއިޝަތުގެފާނު ވަޑައިގެން ނުވެސް ނެތެވެ. ކުރިފުޅުމަތީގައި ތިއްބެވީ ޞަހާބީންނެވެ. ނަމަވެސް އެންމެލޯބިފުޅާ މީހަކު ކަމުގައި އިޢުލާނުކުރެއްވެވީ އަނބިކަނބަލުން ޢައިޝަތުގެފާނުކަމެވެ. އެޚަބަރު އިސާހިތަކު މުޅި މަދީނާގައި ފެތުރިގެންދިއައެވެ. ޢާއިޝަތުގެފާނަށް ލިބިވަޑައިގަންނަވާނެ އުފާފުޅުގެ ބޮޑުކަން ހިތްމައްޗަށް ގެނެސްބަލާށެވެ!
އަދިކީއްހެއްޔެވެ؟ އެމީހާ ގަތްލަދުން އެންމެލޯބިފުޅުވެވަޑައިގަންނަވާ ފިރިހެނަކީ ކޮބައިތޯ ސުވާކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ ޢައިޝަތުގެފާނުގެ ބައްޕާފުޅު، އަބޫބަކުރުގެފާނު ކަމަށެވެ. މިތަނުގައިވެސް އަބޫބަކުރުގެފާނުގެ ނަންފުޅު އެގެންނެވީ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ނަންފުޅާއި ގުޅުއްވައިގެންނެވެ.
ބައެއް ފިރިހެނުން އެމީހުންގެ އަނބިން ދެކެ ނުހަނު ލޯބިވީނަމަވެސް އެކަން އަނބިންނަށް އަންގާކަށް ބޭނުމެއްނުވެއެވެ. އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އަނބިން ދެކެ ލޯބިވާމިންވަރު އަނބިންނަށް އެންގުމަކީ އެމީހުންގެ ދަރަޖަ ތިރިވެގެންދާނެ ކަމެއް ކަމަށެވެ. އެހެންވެ ލޯބިވީނަމަވެސް ހަރުކަށިކަމާއިއެކު މުޢާމަލާތުކޮށްވެސް ހަދައެވެ.
މިއީ ހަމަ ވަރަށް މޮޔަ ވިސްނުމެކެވެ! ﷲ ތައާލާ އަންގަވާފައިވާ ގޮތާއި މުޅިން ތަފާތު ވިސްނުމެވެ. ރަސޫލް (ﷺ) ގެ ސުންނަތާއި މުޅިން ޚިލާފް ވިސްނުމެއްވެސްމެއެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް ލޯބިދީގެން ދުނިޔޭގައި އުޅުމަށެވެ. އެކުވެރިކަމާއި ލޯތްބާއިއެކު ދުނިޔޭގައި އުޅުމަށެވެ. އަނބިންނަށް އެމީހުންނަށް ޙައްޤު މަޤާމް ދީގެން ދިރިއުޅުމަށެވެ. ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކާއި ބައިވެރިވެ އެހީތެރިވެދީގެން ހުރިހާ ކަންކަން ވެސް ކުރުމަށެވެ.
މިފަދަ ހުރިހާ ކަންކަމެއްގައި ރަސޫލް (ﷺ) ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. އަދިފަޚުރުވެރިވެވަޑައިގެންފައެވެ. "ތިއަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑުމީހަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮ މީހާއެވެ! އަދި އަދި ތިއަބައިމީހުންގެ ތެރެއިން ޢާއިލާއަށް އެންމެ ހެޔޮ މީހަކީ ތިމަން ކަލޭގެފާނެވެ!" ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން މިކަމުގެ ދަލީލަކަށް ފުދެއެވެ.
ދެން ނިކަން ބުނެބަލާށެވެ! އަނބިންދެކެވާ ލޯބި ސިއްރުކުރުމަކީ ފިރިންނަށް ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރަން އެދޭނަމަ އަނބިންދެކެވާލޯބި މުޅިދުނިޔެއަށް އިޢުލާނުކުރާށެވެ! އަނބިމީހާ ދެކެ ހިތުގެ އަޑިން ލޯބިވާކަން ޢަމަލުތަކުންވެސް ދައްކާށެވެ! އެއީ އެހެން މީހުންވެސް އެމީހާގެ ސާބިތުކަމަށް ޖެހިލުންވާނެ ކަމެކެވެ!
- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން