ތައުބާނަމާދު: ކުރަންޖެހޭ ކަމާއި ކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ތައުބާނަމާދު: ކުރަންޖެހޭ ކަމާއި ކުރާނެ ގޮތް-

މިނަމާދުގެ ވާހަކަ ދައްކަން ފެށުމުގެ ކުރިން އެއްކަމެއް ހަނދާންކޮށްލައިދޭނަމަވެ. އެއީ ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަ ކުރެވޭނެ މީހަކުކަމަށް އޮތް ބަސްފުޅާއި ﷲ ތަޢާލާއަށް ޝަރީކު ނުކުރާ މީހަކަށް މުޅި ކައުނު ފުރެންދެން ފާފަތައް ކުރެވިފައިވީނަމަވެސް ތައުބާވެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދި ދަންނަވައިފިނަމަ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާނެ ކަމަށް އޮތް ﷲ ތަޢާލާގެ ބަސްފުޅެވެ. އަދި ޝަރީކުރެވުނު މީހާވެސް ތައުބާވުމުން ފާފަ ފުއްސަވައިދޭނެކަމަށް އޮތް ބަސްފުޅެވެ. 

މީސްތަކުންނޭވެ! އަހަރެމެން އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަޤުތެއް ނުއެނގޭނެއެވެ. މިއަދުވެސް މިރޭވެސް މިވަޤުތުވެސް މަރުވެދާނެއެވެ. ވީމާ އަވަހަށް ތައުބާވާށެވެ! 

ކިތަންމެ ބޮޑު ފާފައެއް ކުރެވުނުކަމުގައިވީނަމަވެސް އަދި ކުޑަ ފާފައެއް ކުރެވުނު ކައުމުގައިވީނަމަވެސް ވީހައި އަވަހަކަށް 2 ރަކްޢަތް ނަމާދެއް ކޮށްލާށެވެ. ކޮންމެ ވަޤުތަކުވެސް އެނަމާދުކުރެވޭނެއެވެ. ސުންނަތް ނަމާދުކުރުން ހުއްދަނޫން ވަޤުތުތަކުގައިވެސް އެނަމާދުކުރެވޭނެއެވެ. އަދި އެނަމާދުގައި ކިޔަވާނެ ވަކި ޚާއްޞަ ސޫރަތެއްވެސް ނެތެވެ. އަދި ކުރަން ޚާޢްޞަވެގެންވާ ވަކި ދުޢާއެއްވެސް ނެތެވެ. ކުރެވިފައިވާ ފާފަތައް، ކުރެވުނު ފާފަ ފުިއްސަވައިދެއްވެވުން އެދި އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމުން ފުދޭނެއެވެ. 

މިނަމާދަށް ކިޔަނީ ތައުބާ ނަމާދެވެ. 

ފާފަތަކެއް ކުރެވި ތައުބާ ނުވެވި ހުރެވުނީތީވެސް މާޔޫސް ނުވާށެވެ. މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގެން ލޮލަށް ފެނުމާއި ހަމައަށް ތައުބާވުމުގެ ދިރު ވަނީ ހުޅުވިގެންނެވެ. ތައުބާވުމުގެ ފުރުޞަތު އެބައޮތެވެ. 

ތައުބާނަމާދަކީ ކުރަން އޮތް ނަމާދެއްކަން އެނގެނީ އަބޫބަކުރުގެފާނި ރިވާކުރައްވާފައިވާ ޙަދީޘްފުޅަކުންނެވެ. އެއީ ފާފައެއް ކުރެވުމުން ވުޟޫކޮށް (ޠޯހިރުވެ) 2 ރަކްޢަތް ނަމާދެއްކޮށް ފާފަފުއްސަވައި ދެއްވެވުމަށް އެދި ދުޢާކޮށްފިނަމަ އެފާފައެއް ފުއްސަވައި ދެއްވަވާނެކަމަށް އޮތް ޙަދީޘްފުޅެވެ. އަދި އެޙަދީޘްފުޅު ޙަދީޘްކުރެއްވެވުމަށްފަހު އަންނަނިވި އާޔަތް ވިދާޅުވިކަމަށްވެސް އެބައޮތެވެ. 

وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ 

"އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފުސް ތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ." (އާލް ޢިމްރާން: 135) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

އިތުރު މަޢްލޫމާތު: އިސްލާމްކިޔޫއޭ އިން:

https://islamqa.info/en/answers/98030/salat-al-tawbah-prayer-of-repentance#how-to-offer-the-prayer-of-repentance

 

 

މިއަދު އޮންލައިން