ކުރަން ބޭނުންވާ ވަރަށް އަޅުކަންކުރަން ހުރަސްއެޅޭތީ ކަންބޮޑުވާނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކުރަން ބޭނުންވާ ވަރަށް އަޅުކަންކުރަން ހުރަސްއެޅޭތީ ކަންބޮޑުވާނަމަ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

ފަށާނީ ކުޑަ ވާހަކައަކުންނެވެ. އޭނާއަކީ ޒުވާނެކެވެ. ކޮންމެ ރެއަކުވެސް ޢިޝާނަމާދަށްފަހު ވިތުރީގެ 2 ރަކްއަތް ކުރެއެވެ. 3 ވަނަ ރަކްޢަތް ބާއްވަނީ ފަހުން ކުރުމަށެވެ. ނިދަންވުމުން ނުވަތަ ދަންވަރު ހޭލައިގެން ކުރުމަށެވެ. 

ދެންވާގޮތަކީ ނިދިއަންނަނީއެވެ. ނިދިއައިމާ ހިތަށް އަރަނީ ކުޑަކޮށް ނިދާލާފައި ތެދުވެ ނޫނީ ފަތިސްނަމާދަށް ކުރިއާލައި ހޭލައިގެން އެ ރަކްއަތް ކޮށްލާނީއެވެ. އެވިސްނުމުގައި ނިދެނީއެވެ. ނަމަވެސް ވަރަށް މަދު ރެއަކު ނޫނީ ނިދުމަށްފަހު ނުހޭލެވެއެވެ. ފަތިސް ނަމާދަށްވެސް އޮންނަނީ ނުހޭލެވިފައެވެ. އެހެންވެ 3 ވަނަ ރަކްއަތް އޮންނަނީ ނުކުރެވިފައެވެ. 

މިއީ ޝައިޠޯނާގެ ކިބައިން މެދުވެރިވާ ގޮތެއްކަން އޭނާގެ ހިތަށްވަން ދުވަހުން ފެށިގެން ވިތުރީގެ 3 ރަކްއަތް ހަމަނުކޮށް އޭނާ ނުނިދައެވެ. ކޮންމެ ގޮތަކުން ނަމަވެސް ނިދުމުގެ ކުރިން ވިތުރިގެ 3 ރަކްޢަތް އޭނާ ހަމަކުރަން ފެށިއެވެ. 

އެހިސާބުން އޭނާގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިއަސް ދެވޭނެ މަގުތައް ފެންނަންފެށިއެވެ. ކުރާ މަސައްކަތުގައި ކުރިއެރުން ލިބި ތަނަވަސްކަން އިތުރުވާންފެށިއެވެ. ހިތްހަމަޖެހިގެން އުޅެވެން ފެށިއެވެ. 

ވިސްނާށެވެ! ޢަމަލުކުރަން މަސައްކަތްކުރާ މީހަކަށް އިސްލާމް ދީނަކީ ބުޔަ ދީނެއް ނޫނެވެ. ލުއި ދީނެކެވެ. އަހަރެމެންގެ އަމިއްލަ ކަންކަމަށް ހޭދަކުރާ ވަޤުތުތަކާއި އަޅައިބަލައިފިނަމަ އަޅުކަންކުރަން ހޭދަކުރަންޖެހެނީ މަދު ވަޤުތުކޮޅެކެވެ. ބޭނުންވަނީ ހަމައެކަނި ހީވާގިވެލުމެވެ. 

އެހީވާގިކަން ލިބިގަންނަން ބޭނުންވާ މީހާއަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ ވަޒީފާއަށް ދާންޖެހޭކަމާއި ވަޒީފާއަށް ގޮސް މަސައްކަތްކުރަންޖެހޭ ފަދައިން ﷲ ތަޢާލާ އަންގަވާފައިވާ މަގުން އަޅުކަންކުރަންޖެހޭނެކަން ޤަބޫލުކުރުމެވެ. 

ވިސްނައިލާށެވެ! އަހަރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. އަހަރެމެން ދުނިޔޭގައި މިތިބީ ﷲ ތަޢާލާގެ ވަޒީފާގައެވެ. އެވަޒިފާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެކަލާނގެ އަނގަވާފައިވާ މަގުން އަޅުކަންކުރުމެވެ. ވީމާ ފުރަތަމަ އަދާކުރަންޖެހޭ ވަޒީފާއަށް އިސްކަންދޭށެވެ. އެއިރުން ދުނިޔަވީ ވަޒިފާގައި ކުރިއަށްދިއުމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން