ބޮޑެތި ބިޔަފަރުބަދަތައްހައި ގިނަ އަޅުކަން ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށްދާ އެތައްބައަކު މުފްލިސުންގެ ގޮތުގައި ނަރަކައަށް ވަންނަން ޖެހޭނެ ކަމުގެ ވާހަކަ ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވާކަން އަހަރެމެން އެންމެންނަށްވެސް އެބަ އެނގެއެވެ. ހިތާމައަކީ އެކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ. ފޫނެތް ޖާޑިއަކަށް ފެންއަޅައި ފުރާ ފަދައިން ޢަމަލުތައް ކުރެވެމުން އަންނަކަމެވެ.
މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ މާނައަކީ ހަމައެކަނި މީހެއްގެ މުދަލަށް އަރައިގަތުމެއް ނޫނެވެ. އެވެސް މީހަކަށް ލިބެން އޮންނަ އުފަލަކަށް ނުވަތަ ކުރިއެރުމަކަށް ނުވަތަ ކާމިޔާބީއަކަށް ހުރަސްއެޅުމަކީވެސް ހަމަ އެހެން މީހެއްގެ ޙައްޤުތަކަށް އަރައިގަތުމެވެ. މީހުންގެ ޒާތީ ކަންކަމާއިބެހި ފަޟީހަތްކުރުމަކީވެސް ހަމަ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމެވެ! ވީމާ އާޚިރަތް ލިބެން އެދޭމީހާ މިކަންކަމަށް ސަމާލުކަން ދިނުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.
އެކުވެރިއަކަށް ލިބެން އުޅޭ ބައިވެރިޔާ ލިބުމަށް ހުރަސް އެޅުމަކީ ގިނަ ބައަކު ކުރާ ކަމެކެވެ. އެގޮތުން އޭނާ އާއިމެދު ދޮގު މަޢުލޫމާތުދީ ނަފްރަތުކުރުވަން މަސައްކަތްކުރެއެވެ. ހަމަ ޔަޤީންކަމާއިއެކު ބުނަމެވެ. އެފަދަ ދޮގު މަޢުލޫމާތު ދިނުމަކީ ބޮޑު ފާފައެކެވެ. އެކަން ވާނީ އޭނާއަށް ލިބެން އުޅޭ އުފަލަކަށް އަރައިގަތުން ފަދަ ކުށަކަށެވެ.
މިސާލަކަށް ތިބާއާއި ސުވާލެއް ކުރެވިއްޖެނަމަ ތެދު މަޢުލޫމާތުދޭށެވެ. އެގޮތަށް މަޢުލޫމާތުދޭއިރުވެސް ކިޔައިދޭންޖެހޭނީ ހަމަ އެކަނި އޭނާގެ ކިބައިގައި ހުންނަ އުނިސިފަތަކެއް ނޫނެވެ. ރަނގަޅު ސިފަތައްވެސް ކިޔައިދޭންޖެހޭނެއެވެ. ދެބައި އަޅުވައި ބެލުމަކީ މަޢުލޫމާތު ހޯދާ މީހަކު ކުރަންޖެހޭނެ ކަމެކެވެ.
ފައިސާއަށް ދަހިވެތިމީހުންނަކީ ސުވަރުގެ ލިބުން އެހައި ފަސޭހަބައެއް ނޫނެވެ! ދީލަތިވުމަކީ ސުވަރުގެ ވަނުމަށް ލިބޭ ތަޅުދަނޑިއެކެވެ. ތިބާއަށް ﷲ ތަޢާލާ ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރަށް ހަމަ ކޮންމެ ދުވަހަކުވެސް ލިބޭނެއެވެ. ވީމާ ކުޑަތަންކޮޅެއް އިތުރުކުރުމުގެ ދަހިވެތިކަމުގައި ވައްކަންކޮށް ނޫނީ މަކަރުހަދައިގެން މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ކަންކަން ނުކުރާށެވެ!
ދުނިޔޭގައި އުޅެންޖެހޭ ނިކަމެތިޙާލަތަކީ އެކަމުގެ ސަބަބުން ތިމާ ކުރާ ހެޔޮ ޢަމަލުތަކުން އުނިވާނެ ސަބަބެއް ނޫނެވެ! ނަމަވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ ވައްކަންކުރުން ފަދަ ކަންކަން ކުރާމީހާ ކިތަންމެ ގިނައިން ހެޔޮޢަމަލުކުރިނަމަވެސް އެއިން ބަދަލުދީ ނިންމުމުން ބާކީ ތިމާއަށް އެއްވެސް މިންވަރެއް ނެތުމަކީ ވަރަށް ގާތްކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން