އިމާމް އަޙްމަދަށް ބޮޑެތި އަނިޔާތައްކޮށް ހަށިކޮޅުން ހަންނެގި މީހުންވެސް ހިމެނޭގޮތަށް އަނޔާކުރި އެންމެންނަށް މާފުކުރެއްވެވި ސަބަބުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އިމާމް އަޙްމަދަށް ބޮޑެތި އަނިޔާތައްކޮށް ހަށިކޮޅުން ހަންނެގި މީހުންވެސް ހިމެނޭގޮތަށް  އަނޔާކުރި އެންމެންނަށް މާފުކުރެއްވެވި ސަބަބުގެ ވާހަކަ!

އަޅުގަނޑަށްވަނީ މީހަކަށް އަނިޔާއެއް ކުރެވިފައެވެ. އެހެންވެ އޭނާގެ ކިބައިން މާފަށް އެދެންވެގެން އޭނާ ޢާއި ބައްދަލުކުރަން އުޅެއުޅެ ބައްދަލެއް ނުކުރިއެވެ. ފޯނުންވެސް އަޅުގަނޑުގެ އަޑުކަން އެނގޭއިރަށް ފީނުކަނޑައިލަނީއެވެ. މީހުން ފޮނުވައިގެން ވާހަކަދައްކަން އުޅެގެން އެކަމެއްވެސް ނުވިއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނާނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަޔާންކުރަން ވަރަށް އުނދަގުލެވެ. ކޮންމެ ކަމަކަށްވެސް އޮތީ ދުޢާކުރުމެވެ. ދުޢާކުރަމުން ގެންދާށެވެ. އަދި ވާގޮތެއް ބަލައިލަން ތިރީގައިވާ ލިޔުން އެމީހާއަށް ޙިއްޞާކޮށްލައިބަލާށެވެ. ވިސްނުން ބަދަލުވުން ވަރަށް ގާތެވެ. އިން ޝާ ﷲ 

މުސްލިމުންގެ 4 އިމާމުންގެތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް އަޙްމަދު ބުނި ޙަންބަލް ގެ ޙަޔާތްޕުޅަށްބަލައިފިނަމަ ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރައްވަވަން ޖެހިވަޑައިގަތީ ވަރަށް ބޮޑެތި އަނިޔާ ލިބިވަޑައިގަތުމުގައެވެ. ބަންދުކޮށް ނުދޭ އަދަބެއް ނެތެވެ. އަވަހާރަކޮށްލަން ނުކުރާ ކަމެއް ނެތެވެ. ތަޢްޒީރުކޮށް ބުރިން ހަން ނެގިއެވެ. 

އެހުރިހާ ކަންކަމުން ﷲ ތައާލާ އިމާމް އަޙްމަދު ސަލާމަތްކުރެއްވެވިއެވެ. އަދި ޢުމުރުގެ ފަހު ދުވަސްތައް ހޭދަކުރެއްވެވީ އަމާން ދުވަސްތަކެއްގެ ގޮތުގައެވެ. އެދުވަސްތަކުގައި ކުރިން އިމާމް އަޙްމަދަށް އިހާނެތި ގޮތްތައް ހަދައި، އަނިޔާކުރި ގިނަ ބައަކު އިމާމްގެ އަރިއަހަށް ގޮސް އެމީހުންނަށް ކުރެވުނު ނުބައި އަމަލުތަކަށް މާފަށް އެދުނެވެ. އަދި މާފަށް އެދިގެން ދިއަ ކޮންމެ މީހަކަށް މާފުވެސް ދެއްވެވިއެވެ. 

އެތަން ފެނިވަނައިގަންނަވާތީ ދަރިކަލުން ޞާލިޙް ސުވާލުކުރެއްވެވިއެވެ! "ބައްޕާފުޅަށް ކިތަންމެ ބޮޑު އަނިޔާއެއްކުރި މީހަކު އައިސް މާފަށް އެދުނު ނަމަވެސް އެބަ މާފު ދެއްވަވަމުއެވެ. ވީއިރު ބައްޕާފުޅާއި ހަމައަށް މާފުހޯދަން ނާދެވެނީސް މަރުވެފައިވާ މީހުންނާއިމެދު އޮތީ ކޮންގޮތެއްތޯއެވެ" 

ޖަވާބުގައި އިމާމް އަޙްމަދު ވިދާޅުވިއެވެ. "ބައްޕައަށް ކިތަންމެ ބޮޑު އަނިޔާއެއްކޮށްފައިވީނަމަވެސް، ކިތަންމެ ބޮޑު ގެއްލުމެއް ދީފައިވީނަމަވެސް މަރުވެފައިވާ އެންމެންނަށް މާފުކޮށްފީމެވެ." 

ދެން ވިދާޅުވީ ސޫރަތުއްޝޫރާގެ 40 ވަނަ އާޔަތެވެ. "ނުބައިކަމެއްގެ ޖަޒާއަކީ އެއާއި އެއްފަދަ ނުބައިކަމެކެވެ. ފަހު، (ނުބައިކަމެއްކޮށްފި މީހާއަށް) ޢަފޫކޮށް، ޞުލްޙަވެގަތްމީހާގެ ޘަވާބުވަނީ، ﷲ ގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން އެކަލާނގެ، އަނިޔާވެރިން ދެކެ ލޯބިވެވޮޑިގެނެއް ނުވެއެވެ." 

މިއާޔަތުގައި މީސްތަކުންނަށް މާފުކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބު ބަޔާން ކުރައްވަވާފައި ނުވެއެވެ. އެނގެން އޮތީ މާފުކުރާމީހާއަށް ޚާއްޞަ އަޖުރެއް ދެއްވަވާނެ ކަމެވެ. އެއީ މީސްތަކުންނަށް މާފުކުރި މީހުންގެ ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ލދެއްވެވުން ކަމަށް އުންމީދުކުރަމާހެއްޔެވެ! 

އިމާމް އަޙްމަދު ބޭނުންފުޅުވެވަޑައިގަތީ އަނިޔާވެރިވާ މީހުންނަށް މާފުކުރާމީހާއަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވާނެ ޘަވާބު ލިބިވަޑައިގަތުމަށެވެ. އެއެންމެންނަށް އެހައި ދީލަތިގޮތެއްގައި މާފުކުރެއްވެވީ އެކަމުގެ ދަހިވެތިކަމުގައެވެ. 

މައްކާ ފަތަޙަ ކުރެއްވެވި ދުވަހު މައްކާގެ މުޝްރިކުންނަށް ރަސޫލް () ދެއްވެވި ދީލަތި މާފު ހިތަށް ގެންނާށެވެ! އަދި ޠާއިފަށް ވަޑައިގަތުމުން ހަށިކޮޅުން ލޭއޮހޮރުވައިލި ނުބައި ނުލަފާ އަމަލުކުރުވި މީހުްނނަށް ދެއްވެވި މާފުވެސް ހިތަށް ގެންނާށެވެ! އެއިރުން ކިތަންމެ ބޮޑު އަނިޔާއެއް މީހަކު ކުރި ނަމަވެސް މާފުނުކުރެވިގެން އުޅޭކަށް ނުޖެހޭނެއެވެ!   

- މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން