ބަލިކަށިވުމުގެ ސަބަބުން ޙާލުގައިވާ މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެވެން ނެތް މީހާ ޢަމަލުކުރަންވީ ގޮތް!- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބަލިކަށިވުމުގެ ސަބަބުން ޙާލުގައިވާ މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ދެވެން ނެތް މީހާ ޢަމަލުކުރަންވީ ގޮތް!- ޙަދީޘުން

ކާފަ މިހާރު ވަރަށް މުސްކުޅިއެވެ. އެކަމަކު ހިނގައި އުޅެވެއެވެ. ނަމާދަށްވެސް ދެއެވެ. ކާފަ އެންމެ ބޮޑަށް ކަންބޮޑުވަނީ ޒުވާންއިރުފަދައިން އެހެން މީހުންނަށް އެހީތެރިނުވެވޭތީއެވެ. ސުވާލު މިކުރަނީ ކާފަ އަބަދު އެކަމުގެ ވާހަކަ ދައްކާތީއެވެ. މިޙާލަތުގަ ކާފަ ޢަމަލުކުރަންޖެހޭނީ ކިހިނަކުންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

މުސްލިމުންނަކީ އެމީހަކަށް ވެވެން އޮތް މިންވަރަކުން އެހެން މީހުންނަށް (ހާލުގައިވާ މީހަކަށް) އެހީތެރިވާން ޖެހޭ މީހެކެވެ. އެހެންކަމުން މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުންނަމަވެސް އަދި އެނޫން ސަބަބެއް މެދުވެރިވެގެން ނަމަވެސް އެހެން މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ޙާލަތުގައިވެސް ދުނިޔޭގައި ބައަކު އުޅެއެވެ. އެހެންކަމުން އަބޫޛައްރުގެފާނު ވަނީ އެފަދަ މީހުން އެހެން މީހުންނަށް އެހީތެރިވެދޭނީ ކޮންގޮތަކަށްތޯ؟ ނުވަތަ އެފަދަ ހާލެއްގައި ހުރި މީހަކަށް އެހެން މީހަކަށް އެހީތެރިވާން ކުރެވޭނީ ކޮންކަމެއްތޯ؟ ރަސޫލް (ﷺ)ގެ އަރިއަހުން ސުވާލު ދަންނަވައިފައެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެފަދަ މީހަކު ނަމަ އެހެން މީހުންނަށް އުނދަގޫވާނެ، ގެއްލުންލިބޭނެ ކަންކަން ނުކޮށް ހުރުމަށެވެ.

މިއަދު އަހަރެމެންގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ ކިތަންމެ މުސްކުޅިވީނަމަވެސް އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ ނުބައިބަސްތައް ބުނުން މިވަނީ ޢާންމުކަމަކަށްވެފައެވެ. ދޮގުވާހަކަތައް ދެއްކުމާއި ދެބައުޑުވުމާއި ޣީބަ ބުނުން މިވަނީ ޢާންމުވެފައެވެ. މީހަކަށް ހެޔޮކަމެއް ކޮށްދިނުމުގެ ޤާބިލުކަން ތިމާގެ ކިބައި ނެތްއިރު ތިމާގެ ދުލުގެ ނުބައިކަމުން މީސްތަކުން އެބަ ސަލާމަތްކުރެވޭ ހެއްޔެވެ؟

މައުޟޫޢު ފެށިގެން އައި ގޮތުން މުސްކުޅިވެ ގައިބާރުދެރަވެފައިވާ މީހުންގެ މިގޮތަށް ފާހަގަކުރިނަމަވެސް ގައިބާރުހުރި މީހުންނާއި ޒުވާނުންވެސް މިކަންކަމަށް ވިސްނާށެވެ! ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ނަރަކައަށް ވެއްޓިގަންނަ މީހަކު ކަމުގައި ނުވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން