ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލުމަކީ އެތައް ސަތޭކަ ބައަކު ނިކަމެތިކޮށްލުމަށްވުރެ ނުބައިކަންބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލުމަކީ އެތައް ސަތޭކަ ބައަކު ނިކަމެތިކޮށްލުމަށްވުރެ ނުބައިކަންބޮޑު ފާފައެއް!: މުފްތީ މެންކް

ދަރިން ލިބުމުން އަނބިމީހާ ވަރިކޮށްލައި ދަރިންގެ ޚަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އަރައިގަނެގެންނެވެ. އަމިއްލަ ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލުމަކީ އެތައް ސަތޭކަބައަކު ނިކަމެތިކޮށްލުމަށްވުރެ ނުބައިކަންބޮޑު ފާފައެކެވެ. އެ ޢަމަލުގެ ޒިންމާ އުފުލަންޖެހޭނެ ދުވަސް އަންނާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ.

މިކަންކަމުގެ އިތުރުން ޢިއްދައިގައި އިންނަ މުއްދަތުގައި ހެޔޮކޮށްހިތައި އަންތބަކު ފަދައިން ބަލަހައްޓައިދީ އެހީތެރިވެދޭންޖެހޭނެއެވެ. އެއީވެސް ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އެ ޙައްޤު އަދާނުކޮށްފިނަމަ ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ މިބުނި ކަންކަން ނުކުރާނަމަ އެކަމުން އެނގެނީ އެމީހާގެ ކިބައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ނެތްކަމެވެ. ތަޤްވާވެރިކަން ނެތް ކަމެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށްވެސް މިކަންކަން ކުރަންޖެހެއެވެ.

މިޒަމާނަށް ބަލައިފިނަމަ ކުރެވޭ ކައިވެނީގެ 50 އިންސައްތަ ކައިވެނި ދާދިކުރުމުއްދަތެއްގައި ރޫޅޭ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. ރަނގަޅަށް ބަލައިފިނަމަ މި ޢަދަދު މިއަށްވުރެ މާމަތިވެސްވާނެކަމަށް ޤަބޫލުކުރެވެއެވެ.

ކޮންމެއަކަސް ކައިވެނީގެ މުހިންމުކަން އެނގިތިބެ ނުހަނު ހޭލުންތެރިކަމާއިއެކު ކައިވެނިކުރަމުން ގެންދާއިއރު މިހައި ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުން ދިއުމަށް މެދުވެރިވާ ސަބަބުތަކެއް އޮންނާނެއެވެ. މިރޭ ދައްކަން މިއުޅެނީ އެ ސަބަބުތަކުގެ ވާހަކަތަކެއް ނޫނެވެ. މިރޭ ބަހެއް ބުނަން ބޭނުންވަނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނުފެނިގެން ވަކިވާންޖެހިއްޖެ ޙާލަތުގައި ދެ މީހުން ވެސް ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަމުގެ ވާހަކައެވެ.

ފުރަތަމަ ކަމަކީ ކޮންމެފަދަ ކަމެއް މެދުވެރިވެގެން ވަކިވިނަމަވެސް ދެމީހުންނަކީ ދެ ހަތުރުން ކަމުގައި ނުވުމެވެ. އެކަކު އަނެކަކަށް އެނގޭ ސިއްރުތައް ހާމަކޮށް ފަޟީޙަތް ނުކުރުމެވެ. ދަރިން ތިބިނަމަ އެ ދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. އެދަރިން ނިކަމެތިކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއްފާފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން