އާސިޔަތުގެފާނު އެދިވަޑައިގެންނެވި ފަދައިން ސުވަރުގެއިން ގަނޑުވަރެއް ދެއްވެވި ސަބަބުތަކާ ހަމައެފަދައިން ތިބާއަށްވެސް އެނިޢްމަތްތައް ހޯދިދާނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އާސިޔަތުގެފާނު އެދިވަޑައިގެންނެވި ފަދައިން ސުވަރުގެއިން ގަނޑުވަރެއް ދެއްވެވި ސަބަބުތަކާ  ހަމައެފަދައިން ތިބާއަށްވެސް އެނިޢްމަތްތައް ހޯދިދާނެ މަގު-

ދުނިޔޭގައި އުޅުނު އެންމެ ބޮޑެތި ޖައްބާރުންގެ ތެރޭގައި ހިމެނުނު ފިރުއަޢުނުގެ އަނބިކަމަނާ، އާސިޔަތުގެފާނަށް އެކަމަނާ އެދިވަޑައިގެންނެވިފަދައިން ސުވަރުގެއިން ގަނޑުވަރެއް ދެއްވެވީ ކީއްވެގެން ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އަހުރެންނަށް އެނގިގެން ސުވަރުގެއިން ﷲ ތަޢާލާ ގަނޑުވަރު ދެއްވަވާނެ އެއްވެސް ބޭކަނބަލަކަށް ނުދެއްވަވާ މަތިވެރި ޝަރަފެއް އާސިޔަތުގެފާނަށް ދެއްވެވިއެވެ. އެއީ ދުނިޔޭގައި ހުންނަވަނިކޮށް އެކަމަނާގެ ލޯފުޅަށް އެގަނޑުވަރު ދެއްކެވުމެވެ. 

އެހައި މަތިވެރި ޝަރަފެއް އާސިޔަތުގެފާނަށް ދެއްވެވި ސަބަބާއިމެދު ވިސްނާލަމާ ހިނގާށެވެ. އަހުރެންނަށް ވިސްނޭ ގޮތުން ފިރުއަޢުނުގެ ވެރިކަމަކީ އެއިރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ބާރުގަދަ ވެރިކަމެވެ. ފިރުއަޢުނަކީ އެއިރު ދުނިޔޭގައި ހުރި އެންމެ ބާރުގަދަ ވެރިމީހާއެވެ. އަދި އާސިޔަތުގެފާނަށް އިންނަވަން ލިބިވަޑައިގެންފައިވަނީ ދުނިޔޭގައި އެއިރުހުރި އެންމެ ފުރިހަމަ ގަނޑުވަރުތަކުގެތެރެއިން ގަނޑުވަރެކެވެ. 

ވީމާ ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ތަނަވަސް އެންމެ ފުރިހަމަ ނިޢްމަތްތައް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އެހެންކަމާއިއެކުގައިވެސް އެހުރިހާ މޮޅުކަމަކާއި އަރާމާއި އެފުރިހަމަ ގަނޑުވަރު އެކަމަނާ ﷲ ތަޢާލާއަށްޓަކައި ދޫކޮށްލެއްވެވީއެވެ. ދުނިޔެއިން ލިބިވަޑައިގެންފައިވާ ޢިއްޒަތާއި ޝަރަފާއި އަރާމުގަނޑުވަރު ދޫކޮށްލައްވަވައި ﷲ ތަޢާލާގެ ޙަޟްރަތުން ލިބިވަޑައިގަންނަވާނެ ނިޢްމަތްތަކަށް އެދިވަޑައިގަތީއެވެ. އެހެންވެ އެކަމަނާ އެދިވަޑައިގެންނެވިފަދައިން، އެދިވަޑައިގެންނެވިވަރަށްވުރެވެސް މާފުރިހަމައަށް ﷲ ތަޢާލާ، އެކަލާނގެ ނިޢްމަތްތައް އެކަމަނާއަށް މިންވަރުކުރެއްވެވީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކިޔައިދިނީ އާދައިގެ ވާހަކައެއް ނޫނެވެ. ވަރަށް މުހިންމުކަންބޮޑު، އެހައިމެ ފައިދާހުރި، ޢިބްރަތުން ފުރިގެންވާ ފިލާވަޅެއްގެ ވާހަކައެވެ. ދުނިޔޭގައި ކޮންމެހެން ނިކަމެތިވެގަނެގެން އުޅުމެއްވެސް ނެތެވެ. ﷲ ތަޢާލާ ދެއްވެވި މިންވަރަކުން ނިޢްމަތްތަކުގެ ބޭނުންކޮށްގެން އުފަލުގައި ހަމައުޅެންވީއެވެ. 

ނަމަވެސް ﷲ ތަޢާލާއަށް އުރެދުމެއްވާކަމެއް ކުރަންޖެހިއްޖެނަމަ ދުނިޔެއިން ލިބިފައިވާ ހުރިހާ ނިޢްމަތްތަކެއް ވަޤުތުން ދޫކޮށްލާށެވެ. އެނިޢްމަތްތައް މިންވަރުކުރެއްވެވި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވީއެވެ. އެކަމުގެ ސަބަބުން ތަނަވަސް ބިލިއަނަރު ބައިވެރިޔާ އާއި ވަކިވާންޖެހުނަސް، ލިބިފައިވާ ކިތަންމެ މަތިވެރި މަޤާމާއި ޢިއްޒަތް ދޫކޮށްލަން ޖެހުނަސް އަދި ކިތަންމެ ބޮޑު ޤުރްބާނީއެއްވާން ޖެހުނަސް އެއިން ކަމަކަށް ފަސްނުޖެހޭށެވެ. 

ހިތުގައި ޔަޤީންކަން ބާއްވާށެވެ! ﷲ ތަޢާލާއަށްޓަކައި ތިބާ ދޫކޮށްލި ކަންކަމަށްވުރެ މާބޮޑު މަތިވެރިކަމެއް ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ. އެއީ ހަމައެކަނި އާސިޔަތުގެފާނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. އާސިޔަތުގެފާނު ފަދައިން ޢަމަލުކުރަންކެރުނު ކޮންމެ މީހަކަށްވެސް ހަމަ އެ ނިޢްމަތްތައް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން