ނިދުމުންވެސް ޘަވާބް ހޯދެން އޮއްވައި ޘަވާބުނުލިބޭ ގޮތަށް ނުނިދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ނިދުމުންވެސް ޘަވާބް ހޯދެން އޮއްވައި ޘަވާބުނުލިބޭ ގޮތަށް ނުނިދާށެވެ!

ރަސޫލް (ﷺ) ޙަދީޘްފޅުކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ޔާ ޢާއިޝާ! ތިމަންކަލޭގެފާނުގެ ދެލޯފުޅު އަވަހާރަފުޅު ލައްޕަވަތެވެ! ނަމަވެސް ތިމަންކަލޭގެފާނުގެ ހިތްޕުޅު އަވަހާރަފުޅު ނުލައްޕަވަތެވެ."

މިޙަދީޘްފުޅުން ދޭހަވާ މާނައަކީ ރަސޫލް (ﷺ) އަވަހާރަފުޅު ލައްޕަވާކަމާއި ނަމަވެސް އަވަހާރަފުޅު ލައްޕަވަނީ އެކަމުން ޢާޚިރަތުގައިވެސް ފައިދާކުރާނެ އަޅުކަމެއްގެ ގޮތުގައިކަމެވެ.

މީސްތަކުންނޭވެ! ނިދުމަކީ ވެސް ހަމަ އަޅުކަމެކެވެ. ނަމަވެސް އަޅުކަމަކަށްވާނީ އެކަން ކުރަންވާގޮތަށް ކުރުމުންނެވެ. ނިދުމުގެކުރިން ރަސޫލް (ﷺ) ގެ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުންނެވެ. ވުޟޫކޮށް ޛިކްރުތައް ކިޔައި ދެންވެސް ކުރަންހުރި ކަންކަން ކޮށްގެން ނިދުމުންނެވެ. އަދި ﷲ ތަޢާލާގެ ވާގިފުޅާއިއެކު ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލާނެ ކަމުގެ އުންމީދުގައި ނިދުމުންނެވެ. ހޭލަން ކުރަންޖެހޭ ކަންކަން ކޮށްގެން ނިދުމުންނެވެ. އެއިރުން ނިދީގައި ލިބިގެންދަނީ ކޮންފަދަ މަތިވެރި ނިޢްމަތްތަކެއްހެއްޔެވެ؟ ޝައިޠޯނާ، އޭނާގެ އެބޮޑު ބިޔަ ލަޝްކަރު އެކުގައި ގޮވައިގެން އައި ނަމަވެސް ތިބާ އާއި ވައިވެސް ނުއެޅެވޭނެ އެވެ. ކުޑަބޭރުވެސް ނޭރޭނެއެވެ! ޝައިޠޯނާގެ މުޅި ލަޝްކަރު އެކުގައި އައިންމްވެސް ބަލިކުރެއްވެވޭނެ ވަރުގެ ކުޅަދާނަކަން ދެއްވަވާފައިވާ މަލާއިކަތަކު ތިބާގެ ޙިމާޔަތުގައި ބަހައްޓަވައިދެއްވަވާނެތެވެ. އެކަމަށް އެދި ކުރަން އޮތް ކަމަކީ ނިދުމުގެކުރިން އާޔަތުލް ކުރުސިކިޔަވައިލުމެވެ.

އަދި ކީއްހެއްޔެވެ؟ ވުޟޫކޮށްގެން ނިދައިފިނަމަ ހޭލަންދެން އެމީހަކަށްޓަކައި ހެޔޮދުޢާކުރައްވަވާނެ މަލާއިކަތަކުވެސް ލައްވަވައިދެއްވަވަތެވެ! އަދި ކީއްހެއްޔެވެ؟ ދަމުނަމާދަށާއި ފަތިސްނަމާދަށް ހޭލަން ނިޔގަނެގެން އެކަމުގެ ޢަޒުމުގައި އޮތުމުންވެސް ނިދިން ލިބޭ ޘަވާބު އިތުރުވެގެންދެއެވެ.

މިފދަ ހުރިހާ ކަންކަމުންވެސް އެނގިގެން މިދަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. ސުވަރުގެ ވަނުމަށް ޝައުޤުވެރިވާ މީހާ ޘަވާބު ހޯދަން ބޭނުންނަމަ އެކަމަށް މަގުފަހިކޮށްދެއްވަވާފައިވާ މިންވަރެވެ! އަތްފައި، މޫނު ދޮވެގެން ނިދުމަށް ޑޮކްޓަރުން މިއަދު އިރުޝާދު ދެއްވަމުން ގެންދަވާއިރު ވުޟޫކޮށްގެން ނިދުން ﷲ ތަޢާލާ ލައްވަވާފައި އެތައް ބައިވަރު ޘަވާބުލިބޭ އަޅުކަމެއްގެ ގޮތުގައެވެ. ޑޮކްޓަރުންނަށް އެކަމުގެ ފައިދާ އެނގުމުގެ އެތައް ސަތޭކަ އަހަރެއް ކުރިންނެވެ! ﷲ ތައާލާގެ މަތިވެރިވަންތަކަމުގެ ބޮޑުކަމާއިއެވެ.! ދީލަތިވަންތަކަމުގެ ބޮޑުކަމާއިއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން