ރޭއަޅުކަމަށްވުރެ މަތިވެރި އަޅުކަމެއްގެ ވާހަކަ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ރޭއަޅުކަމަށްވުރެ މަތިވެރި އަޅުކަމެއްގެ ވާހަކަ!: ޑރ. ޢަލީ ޒާހިރު

ރޭއަޅުކަންކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ އިތުރުކަން ބޮޑު އެންމެ މަތިވެރި އަޅުކަންކަމުގައި އެނގެން އެބައޮތެވެ! އެހެންކަމާއިއެކުގައިވެސް ރޭއަޅުކަން ކުރުމަށްވުރެ މަތިވެރި އަޅުކަމެއް އެނގެން އެބައޮތެވެ. 

އެއީ އެހެން މީހަކަށް ނުވަތަ ބައަކަށް އިސްލާމް ދީނުގެ ކަމެއް އުނގަންނައި ދިނުމެވެ. ރޭއަޅުކަމަށްވުރެ މީހަކަށް ނުވަތަ ބައަކަށް އިސްލާމް ދީނުގެ ކަމެއް އުނގަންނައި ދިނުމުގެ ފައިދާ މާބޮޑެވެ. 

ސަބަބަކީ ރޭއަޅުކަން ނަމަވެސް އެމީހަކު އަމިއްލައަށް ކުރާ އަޅުކަމެއް އެ ހިސާބުން ކުރެވި ނިމޭތީއެވެ. އަދި ރޭއަޅުކަންކުރާމީހާ މަރުވުމުން އެހިސާބުން އެކަން އިތުރަށް ނުކުރެވި ހުއްޓިގެންދާނެތީއެވެ. 

ނަމަވެސް މީހަކަށް ނުވަތަ ބައަކަށް ދީނުގެ ކަމެއް އުނގަންނައިދީފިނަމަ އެކަން ދިރިހުންނާނެއެވެ. އަދި އެއީ ފެތުރިގެންދާނެ ކަމެކެވެ. އެކަން ދާނީ އެކެއްގެ ކިބައިން އަނެކަކަށް ވާރުތަކުރަމުންނެވެ. އެކަން މީސްތަކުންގެ ތެރޭގައި ވާރުތަވަމުންދާއިރު ހަމަ ކޮންމެ މީހެއްގެ ސަބަބުން އެ ޢިލްމު އުނގަންނައިދިން މީހާއަށް ބައި އެޅި އެކަމުގެ ސަވާބު ލިބޭނެއެވެ. 

މީހަކު މަރުވުމަށްފަހު އެމީހަކަށް ފައިދާކުރާނެ 3 ކަމެއްވާއިރު އެއިގެ ތެރެއިން އެއް ކަމަކީ މީސްތަކުންނަށް ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައި ދިއުމެވެ. އެއީ މީސްތަކުންނަށް ހެޔޮ ކަމެއް ކުރަން ނުވަތަ ކަމެއް ކުރާނެ ހެޔޮ ގޮތް ދަސްކޮށްދިނުމެވެ. 

(ހެޔޮ ކަމުގެ ގޮތުގައި ދަސްކޮށްދެވެނީ އިސްލާމްދީނުގައި ބަޔާންވެގެންވާ ކަންކަމެވެ. އިތުރަށް ކަމެއް އުފައްދައިފި ނަމަ އެކަމެއް ވާނީ ބިދުޢާ އަކަށެވެ. އެއީ ފާފަވެރިވާނެ ކަމެކެވެ. މިސާލަކަށް ބަލާނަމަ މިވެނި އަދަދަކަށް މިވެނި އެއްޗެއް އެސްއެމްއެސް ކުރުން މިވެނި ފައިދާއެއް ލިބޭނެ ކަމަށް ބުނުން ފަދަ.) 

ތިމާއަށް ނުއެނގޭ ކަންކަން ޢިލްމުވެރިންގެ ގާތުން އަހައި އޮޅުންފިލުވުމަކީ ލަދުވެތިކަމެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއަށްވުރެ މާލަދުވެތިކަން ބޮޑީ ނުއެނގި ހުރެ ނުބައިކޮށް ކަންތައްތައް ކުރުމެވެ. އިންސާނުންނަށް ބުއްދި ދެއްވަވައި އެ ނިޢްމަތުން އިންސާނުން މަތިވެރިކުރެއްވެވީ ޢިލްމް އުނގެނި ކަންކަން ރަނގަޅުގޮތުގައި ކުރަން ދަސްކުރުމަށެވެ. ރަނގަޅު ގޮތުގައި އަމަލުކުރުމަށެވެ. އިންސާނާ ބަދަލުވެގެންދަނީ ޢިލްމުގެ ސަބަބުންނެވެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސުން

 

 

މިއަދު އޮންލައިން