ކުރާ ކޮންމެ އަޅުކަމެއް ކުރުމުގައިވެސް އެކަމަށް ނިޔަތްގަންނަންވާނެއެވެ! މިސާލަކަށް ބުނާނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޞުލްޙަވެރިކަމާއިއެކު ޙައްލުކުރުމަކީވެސް ހަމަ މަތިވެރި އަޅުކަމެކެވެ. އެކަންކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމުގެ ނިޔަތުގައިކަމަށްވާނަމަ އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވަތެވެ! އިން ޝާ ﷲ
ނަމާދަށްދަނީ ނަމާދުކުރުމަށެވެ! ނަމަވެސް އެވަރުން ފުއްދައިނުލާށެވެ! ނަމާދަށް ދިއަ ނަމަވެސް ދީނީ ދަރުސެއް އަޑު އެހިނަމަވެސް އެކަމުގެ ތެރެއިން ޙާޞިލުކުރަންޖެހޭ ވަރަށް ބޮޑު މަންފާއެއް އެބައޮތެވެ. ނaމަވެސް މަދު މީހަކު ނޫނީ މިއަދު އެކަމަކަށް ނުވެސް ވިސްނައެވެ.
އެއީ ތިމާ އާއި ﷲ ތަޢާލާ އާއިދެމެދުގައި އޮންނަންޖެހޭ ގުޅުން ވަރުގަދަކުރުމެވެ. ބަދަހިކުރުމެވެ. އެކަމަށް ނިޔަތްގަނެގެން މަސައްކަތްކުރާ މީހާއަށް އެކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަވާނެތެވެ! އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ!
ތައުބާގެ އަޞްލު މާނައަށް ބަލައިފިނަމަ އެއީ އެނބުރި އައުމެވެ. ތައުބާވާމީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ އެސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ މަގުދޫކޮށް ދިއުމަށްފަހު އެމަގަށް އެނބުރި ރުޖޫޢަވާތީއެވެ!
ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރަން އެދޭ މީހާވެސް ގިނަގިނައިން ކުރަން އޮތް ކަމަކީ ތައުބާވުމެވެ. ﷲ ތަޢާލާ އާއި އެމީހަކާއި އޮންނަން ޖެހޭ ގުޅުން ބަދަހިކުރުމެވެ. އެއިރުން އެމީހަކާއި ﷲ ތަޢާލާ ގުޅުން ބަދަހިކުރައްވަވާނެތެވެ! އެގޮތަށް އެކަން މެދުވެރިވުމުން އެމީހަކަށް އޮންނާނީ އާޚިރަތްވެސް ކާމިޔާބުކުރެވިފައެވެ!
ވީމާ ކޮންމެ ކަމެއް ޙާޞލުކުރަން ބޭނުންވި ނަމަވެސް އެކަމުގެ ތަޅުދަނޑިއަކީ ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދު އޮންނަޖެހޭ ގުޅުން ބަދަހިކުރުމެވެ. އެގުޅުމުގެ ތެރެއިން ޙާޞިލުނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން