ޤުރްއާން ކިޔެވުމާ ދުޢާކުރުމަކީ އޯވަރޑޯޒްވެ ގެއްލުންވާނެ ކަމެއް ނޫން! އަމިއްލައަށް ރުޤްޔާކުރަން ނުވާނެކަމަށް ބުނެ ހަދަނީ ބޮޑު ދޮގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤުރްއާން ކިޔެވުމާ ދުޢާކުރުމަކީ އޯވަރޑޯޒްވެ ގެއްލުންވާނެ ކަމެއް ނޫން! އަމިއްލައަށް ރުޤްޔާކުރަން ނުވާނެކަމަށް ބުނެ ހަދަނީ ބޮޑު ދޮގެއް!

"އަޅުގަނޑަކީ ރުޤްޔާކުރަންޖެހިފައިވާ މީހަކީމެވެ. ނަމަވެސް ބައެއް އެކުވެރިން ބުނަނީ އަމިއްލައަށް ރުޤްޔާކުރަން ނުވާނެ ކަމަށެވެ. ރުޤްޔާކުރަން ކިޔަވާތަކެތި އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑުގެ ސުވާލަކީ އަމިއްލައަށް ރުޤްޔާ ނުކުރަންވީ ކީއްވެގެންތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ރުޤްޔާ ކުރުމުގެ ނަމުގައި ފައިސާގެ ނިޔަތުގައި މަސައްކަތް ކުރާމީހުން ދެކޭގޮތުގައި އަމިއްލަ ނަފްސަށް ރުޤްޔާކުރުމަކީ ނުރައްކާތެރިކަމެކެވެ. އެކި އެކި ވާހަކަތައް ދައްކައި މީހުން ބިރުގަންނަވައި އެއީ ވަކި މީހަކު ނޫނީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ދައްކަން މަސައްކަތް ކުރެއެވެ. އަދި ރުޤްޔާކުރާ މީހާއަކީ ތަފާތު ބާރެއް ލިބިފައިވާ މީހެއްކަމަށް ދެއްކުމަށް މަސައްކަތް ކުރުމުގެ އިތުރުން ތިމާއަކީ މޮޅު މީހެއް ކަމަށް ދެއްކުމަށް ޙަޤީޤަތާއި ޚިލާފު ވާހަކަދައްކައި އުޅެއެވެ. އަދި ބަލި މީހުން ކައިރިއަސްގޮސް އަތުން ފާޑުފާޑުގެ ޙަރަކާތްތައް ކޮށް މީސްތަކުން އޮޅުވާލުމުގެ ނިޔަތުގައި ޙަރަކާތްތައް ކޮށް އެވެނި މިވެނި އެއްޗެއް މިތަނުގައި އެބަ ހުރިކަމަށް ވެސް ބުނެހަދައެވެ. 

މިފަދަ ކޮންމެ ކަމަކީ އެމީހުންގެ މަކަރުވެރިކަމުގެ ތެރެއިން މީސްތަކުން އޮޅުވާލުމަށް ކޮށްއުޅޭ ކަންތައްތަކެވެ. ރުޤްޔާއޭ ކިޔެނީ ކިޔެވުމާއި މެތުރުމަށެވެ.(ފުމެލުމަށެވެ). ތަކުލީފްޖެހިގެންވާ މީހާ އަމިއްލައަށް ކުރެވޭނަމަ އެންމެ ފައިދާ ހުރި އަދި އެންމެ ރަނގަޅުގޮތަކީ އަމިއްލައަށް ފަރުވާ ކުރުމެވެ. އެގޮތުން ދިމާވެގެން އުޅޭ މައްސަލައަކީ މެޑިކަލް ސަބަބަކާއިހުރެ ކުރިމަތިވެގެން އުޅޭ ކަމެއްތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި ޓެސްޓުތައްހަދައި އެ ޓެސްޓުތަކުން އެކަށީގެންވާ މެޑިކަލް ސަބަބެއް ނުފެންނަ ކަމުގައިވާނަމަ ރޫޙާނީ ފަރުވާ ކުރެވިދާނެއެވެ. 

އެހެނީ އެސްފީނާއާއި ސިޙްރުގެ އިތުރުން ޖިންނިއަކު އިންސާނެއްގެ ހަށިގަނޑުގައި ބީހޭނަމަވެސް ޖިސްމާނީ ގޮތުން އިންސާނާ ބަލިވެދާނެތީއެވެ. ވީއިރު އެކަމުން ސަލާމަތްވުމަށް ޤުރްއާން ކިޔަވައި ޛިކުރުކޮށް ދުޢާކުރުމަކީ ނުރައްކާތެރި ކަމެކޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ކުރިމަތިވެގެން އުޅެނީ ޖިންނިއެއްގެ އުނދަގޫ ކަމުގައި ވިޔަސް އެޖިންނިއެއްގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާކުރެވެނީ ވަކި ޚާއްޞަ މީހަކު މެދުވެރި ކޮށްގެންހެއްޔެވެ؟ އަނިޔާ ލިބިފައިވާ މީހާއަށްވުރެ ބޮޑަށް ނުވަތަ ތަކުލީފު ޖެހިފައިވާ މީހާއަށްވުރެ ބޮޑަށް އެކަމުން ސަލާމަތް ކޮށްދެއްވުން އެދި ދުޢާކުރުން އައުލާކަން ބޮޑު ވަކި ފަރާތެއް ވޭ ހެއްޔެވެ؟ އަދި ކިއެއްތަ ޤުރްއާން ކިޔަވައި ދުޢާކުރުމަކުން އޯވަރޑޯޒެއް ނުވާނެއެވެ. ވީއިރު މިކަން ނުރައްކާ ވާންވީ ކޮންސަބަބަކާއި ލައިގެން ހެއްޔެވެ؟  

- (މިއީ މިއަދުނޫޙުގެ ކިޔުންތެރިއަކު ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ.) 

(މިލިޔުމުގައި ބަޔާންކޮށްފައި އެވަނީ އެއްވެސް ޙާލެއްގައި ތިމާއަށް ކުރިމަތިވާ ބޮޑެތި ކަންކަމުން ސަލާމަތްވުމަށް ކަމުގެ ޢިލްމީ ޤާބިލު މީހުންގެ އެހީތެރިކަން ހޯދައިގެން ނުވާނެ ވާހަކައެއް ނޫނެވެ! ނަމަވެސް އެމީހަކަށް ކުޅަދާނަކަން ލިބިފައިވާނަމަ އަމިއްލަ އަށްވެސް ކުރެވޭނެ ކަމާއި އަދި އެމީހަކަށް ކުރެވޭނެ ނަމަ ރަނގަޅު ގޮތަކީވެސް އަމިއްލައަށް ކުރުން ކަމެވެ.) 

 

މިއަދު އޮންލައިން