ބޮޑު ދައްޖާލު އެރުން ގާތްވެއްޖެ ކަމުގެ އެންމެ ބޮޑު ދެޢަލާމާތް ވަރަށް ބޮޑަށް ފައުޅުވެއްޖެ!: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބޮޑު ދައްޖާލު އެރުން ގާތްވެއްޖެ ކަމުގެ އެންމެ ބޮޑު ދެޢަލާމާތް ވަރަށް ބޮޑަށް ފައުޅުވެއްޖެ!: އިމާމް ޢުމަރު ސުލައިމާން

އެންމެ ފަހުން ފައުޅުވާނެ ބޮޑު ދައްޖާލު އެރުން ނުވަތަ ފައުޅުވުން ގާތްވެއްޖެކަމާއި އޭއްޗާއި ކުރިމަތިލައި މަރުޙަބާ ކިޔަން މީސްތަކުން ތައްޔާރުވަމުން އަންނަ ކަމުގެ އެންމެ ބޮޑު 2 ޢަލާމާތް ވަރަށް ބޮޑަށް ފައުޅުވެއްޖެއެވެ. 

ފުރަތަމަކަމަކީ ތެދުބުނާމީހުންގެ ބަސް ޤަބޫލުނުކުރުމާއި ދޮގުހަދާ މީހުންގެ ވާހަކަ މީސްތަކުން ޤަބޫލުކުރުމެވެ. ދެވަނަ ޢަލާމާތަކީ ތެދުވެރި އަމާނާތްތެރިންނަށް އިތުބާރު ނުކުރުމާއި މަކަރުވެރިންނަށް، ވަގުންނަށް އިތުބާރުކުރުމެވެ. 

މިހެންމިވާ ސަބަބަކީ ކަންކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބަަލން މީސްތަކުންގެ ޝައުޤުވެރިކަން ކުޑަވުމާއި މީހުންދައްކާ ފޮނި ވާހަކަތަކަށް، ކަނޑާ ސަޅިބައިސާތަކަށް ސަމާލުކަން ބޮޑުވުމެވެ. 

"އެމީހުން، އެމީހުންނާ ނުބެހޭ ކަންކަމުގެ ވާހަކަ ދައްކާނެ. ދުނިޔޭގަ ހިނގާ ހުރިހާ ކަންކަމަށް ވާހަކަ ދައްކާނެ. ކަންކަމުގެ ޙަޤީޤަތް އޮޅުވައިލާނެ. ވާހަކަތައް ވަރަށް މޮޅަށް ގިރިޓީކޮށް މީސްތަކުން ވައުވައްދައިލާނެ!" 

"އެމީހުންގެ ވާހަތަކުން ދުނިޔެއަކީ ސުވަރުގެ ކަމަށް ދައްކުވާނެ. އާޚިރަތާއިމެދު މީހުންގެ ސަމާލުކަން ކަނޑުވައިލާނެ. ދުނިޔޭގެ ކަންކަމަށް ދަހިވެތިކުރުވައި މީސްތަކުންނަށް ދުނިޔޭގައި އުޅުމުގެ ޙަޤީޤަތް އޮޅުވައިލާނެ!" 

މިޙާލަތަށް މީސްތަކުން ދިއުމުން ފާއިތުވެ ގޮސްފައިވާ ކަންކަމުން ތަޖުރިބާ ލިބިގަންނަން ބޭނުންވާ މީހުން މަދުވާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ އެދުވަހަކު އެމީހަކަށް ލިބެން އޮތް އުފާވެރިކަން ލިބިގަތުމަށެވެ. މާދަމާ ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދަކު ނުވިސްނާނެއެވެ. 

"މީސްތަކުން ބަލާނީ ކޮންމިޔުޓަރުން ފެންނަ ގްރެފިކްސްތަކަށް. އެއީ ޙަޤީޤަތް ނޫންކަމަށް ވިސްނާކަށް ބޭނުމެއް ނުވާނެ. މިއީ ނޫންތޯ މިއަދުގެ ޙާލަތަކީ. މީސްތަކުން އެންމެ ބޮޑަށް ސަމާލުކަންދީގެންބަލަމުން ގެންދަނީ ގްރެފިކްސް ބޭނުންކޮށްގެން އުފައްދާފައިވާ ފިލްމްތައް ނޫންތޯ؟" 

ބުއްދީގެ އަހުލުވެރިން މިކަންކަމަށް ވިސްނާށެވެ! ހޭލުންތެރިވާށެވެ! މީހުން ދައްކާހައި ވާހަކަތައް ޤަބޫލުނުކުރާށެވެ! ލޮލަށް ފެންނަ ކޮންމެ އެއްޗަކީ ނުވަތަ މަންޒަރަކީ ޙަޤީޤަތް ކަމަށް ޤަބޫލުނުކުރާށެވެ! އެހެން ނޫންނަމަ ތިމާވެސް ހިމެނިގެންދާނީ ދައްޖާލަށް މަރުޙަބާކިޔަން ތައްޔާރުވަމުންދާ މީހުންގެ ތެރެއިންނެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން