ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބުތަކުގެ ތެރެއިން އެންމެ ޢާންމު 3 ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބުތަކުގެ ތެރެއިން އެންމެ ޢާންމު 3 ސަބަބު-

ޣާފިލްކަންމަތީގަ ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވާނެތެވެ. 

މިސާލަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނުވިސްނޭ ގޮތަށް، ހިތުން ދަންނަ އެއްޗެއް ފަތްޗަކަށް އަމުބައިލާހުން ނުވަތަ ފޮތެއް ބަލައިގެން ވާހަކައެއް ކިޔައިލާ އުޞޫލުން ދުޢާކުރުމެއް ނެތެވެ. އެއީ ދުޢާކުރުމެއް ނޫނެވެ. ދުޢާކުރުން އޮތީ އިކްލާޞްތެރިކަމާއި އަދި ތަޤްވާވެރިކަންމަތީގައެވެ. ހިތަށް ނިކަމެތިކަން ވައްދައި ނިކަމެތިވެގެންވާ ޙާލުގައެވެ. 

އެހެންވެ ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވަނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ހިތް އެކަމަށް ޚާލިޞްކޮށްގެން ކުރާ ދުޢާ ކަމަށެވެ. ހިތް އެހެންތަނެއް ގައި ބާއްވައިގެން ދުލުން އެއްޗެތިތަކެއް ކީނަމަވެސް އެއީ ހިތުން ކުރި ދުޢާއަކަށް ނުވާނެއެވެ. 

އެމީހެއްގެ އަމިއްލަ ބަހުން ނުވަތަ ދުޢާގެ މާނަ އެނގިގެން ދުޢާކުރަންވީ އެސަބަބަށްޓަކައެވެ. ޢަރަބިބަހަކީ ޤުރްއާން ޞާވައިލެއްވެވުނު ބަސްކަމަށްވުމުން ޢަރަބިބަސް މަތިވެރިވެގެންވީނަމަވެސް  ކުރާ ދުޢާގައި މިކިޔެނީ ކީކޭކަން ނުއެނގޭނަމަ ދުޢާގެ މަޤްޞަދު ޙާޞީލްވުމަށް އެބަ ހުރަސްއެޅެއެވެ. ހިތާއި ނަފްސުން ދުޢާކުރެވޭނީ ކިޔޭ އެއްޗެއް އެނގިގެންކަމަށްވާތީއެވެ. ވީމާ ޢަރަބި ބަހުން ދުޢާކުރާނަމަ އެއިގެ މާނަ ދަސްކޮށް ހިތަށް ގެންނަމުން ދުޢާކުރާށެވެ!

ދުޢާ ޢިޖާބަ ނުކުރައްވަވާ 2 ވަނަ ސަބަބަކީ ޙަރާމްތަކެތި ކައިބޮއި ޙަރާމް ފޭރާންލައިހެދުމެވެ. އަބަދުވެސް ބުނާ ފަދައިން ޙަރާމް ގޮތުގައި ހޯދާފައިސާއަށް ގަންނަ ޙަލާލް ތަކެއްޗަކީވެސް އެމީހަކަށް ހަމަ ޙަރާމްތަކެއްޗެވެ. ރިޝަވަތާއި ރިބާއާއި އެނޫންވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކޮށްގެން ހޯދާ ފައިސާއާއި އެފައިސާއަށް ގަންނަ ތަކެތިވެސް އެއީ ހަމަ ޙަރާމް ތަކެއްޗެވެ. 

ދުޢާ ޢިޖާބަ ނުކުރައްވަވާ 3 ވަނަ ސަބަބަކީ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވެގެން އުޅުމެވެ. މާޔޫސްވެ ދުޢާކުރުން ހުއްޓައިލުމެވެ. ޢިޖާބަކުރެއްވެވުން ލަސްވެގެން ޝަކުވާކުރުމެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން