ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހުމަކީ ލެއްވެވި ރަޙްމަތަކަށް ހަދަން ޢަމަލުކުރަން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހިތްދަތިކަމާ ތަކްލީފް އުފުލަންޖެހުމަކީ ލެއްވެވި ރަޙްމަތަކަށް ހަދަން ޢަމަލުކުރަން އޮތް މަގު-

މީހަކަށް ދިމާވާ ހިތްދަތި ކަމެއް ނުވަތަ ތަކްލީފެއް ކުރިމަތިވުމުން އެއީ ﷲ ތަޢާލާގެ ކޯފާއެއްކަން، ރަޙްމަތެއްކަން ނުވަތަ އިމްތިޙާމެއް ކަމާއިމެދު ގިނަ ބައަކު ސުވާލައުފައްދައެވެ. މިސުވާލުގެ ޖަވާބު އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް ވިސްނައިލެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. 

އެގޮތުން ފުރަތަމަ ކަމަކީ ކާފިރަކަށް އެފަދަ ކަމެއް ކުރިމަތިކުރައްވަވައިފިނަމަ އެކަން ވާނީ ޢަޛާބަކަށެވެ. އެކަން މެދުވެރި އެކުރައްވަވަނީ ސުވަރުގޭގައި އޭނާގެ ދަރަޖަ މަތިވެރިކުރެއްވެވުމަކަށް ނޫނެވެ. 

ހެޔޮ ގޮތުގައި އުޅެމްުން އަންނަ މީހަކަށް ބަލިމަޑުކަމެއް ކުރައްވަވައިފިނަމަ އެއީ އިމްތިޙާނެކެވެ. ކެތްތެރިވެއްޖެނަމަ (ޝަކުވާ ނުކޮށްފިނަމަ) ފާފަތައް ފުއްސަވައި ދެއްވަވައި އަދި ސުވަރުގޭގައި އެމީހާގެ ދަރަޖަ މަތިވެރިކުރައްވަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ   

ހަމައެއާއިއެކު ފާފަކުރެވެމުން އަންނަ މީހަކަށް ކަމެއް ދިމާވުމުން އެކަން ކުރިމަތިވީ އެމީހަކަށް ކުރެވެމުން އަންނަ ފާފަތަކުގެ ސަބަބުންކަމަށް ޤަބޫލުކުރެވި ކިޔަމަންތެރިވެ ކެތްތެރިވެ ޢަމަލުތައް އިޞްލާޙްކޮށްފިނަމަ އެމީހާގެ ފާފަތައް ފުއްސަވަވައި ދެއްވަވައި އަދި ސުވަރުގޭގައި އެމީހާގެ ދަރަޖަ މަތިވެރިކުރައްވަވައި ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ 

ހަމައެއާއިއެކު ބުނެލަންޖެހެނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮލަފާ ގޮތުގައި، ދިރިއުޅެމުން އަންނަ މީހަކަށް ބަޔާންކުރި ފަދަ ޙާލަތެއް މެދުވެރިކުރައްވަވައިފިނަމަ އެކަން ވާނީ އިމްތިޙާނަކަށެވެ. ނަމަވެސް އެފަދަ ކަމެއް ކުރިމަތިވުމުން ކެތްތެރިނުވެ، ޝަކުވާކޮށް، އަޅުކަންކުރުމާއި ދުރުހެލިވުން ފަދަ ކަންކަން ކުރާނަމަ އެކަމަކީ ޢަޛާބަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. 

ވީމާ އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގައި ހިތްދަތި ޙާލަތެއް ކުރިމަތިވިޔަސް، ޢާއިލާ ރޫޅުން ފަދަ ކަމެއް ކުރިމަތިވިޔަސް، ވަޒީފާ ގެއްލުނަސް، އަތްމަތި ދަތިވިޔަސް އަދި ބަލިމަޑުކަމެއްގައި އުޅެންޖެހުނަސް ކެތްތެރިވެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރާށެވެ. ޙާލަތު ދިމާވާގޮތަކުން މަޖުބޫރުވެގެން ނޫނީ ކުރިން ކުރަމުން އައި އަޅުކަމެއް ކުރުން ހުއްޓައިނުލާށެވެ. ހަމަ އެއާއިއެކު ނަމަނަމަ އެއްވެސް އެއްވެސް ކަމަކަށް ޝަކުވާ ނުކުރާށެވެ! އެއިރުން މިބުނި ފަދަ ކޮންމެ ކަމަކީ ރަޙްމަތެއް ކަމުގައި ލައްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

މިއަދު އޮންލައިން