ދަރިން ކައިވެންޏަށް އެދުމުން ހަރުކަށި ޢިބާރާތުން ބަސްބުނުމަކީ ޢުމުރަށް ހިތާމަކުރަން ޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ދަރިން ކައިވެންޏަށް އެދުމުން ހަރުކަށި ޢިބާރާތުން ބަސްބުނުމަކީ ޢުމުރަށް ހިތާމަކުރަން ޖެހިދާނެ ކަމެއް!

ދަރިން ކައިވެނިކުރަން ނިންމުމުން ހަރުކަށިކަމާއިއެކު މުޢާމަލާތުކުރުމަކީ ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމެކެވެ. އަހުރެން މިބުނަނީ ދަރިއަކު ކައިވެނިކުރަން ބޭނުންވެގެން ބުނީމާ ހެޔޮ ނަބޭޙަތް ނުދޭކަށްނޫނެވެ. ވިސްނައިނުދޭކަށްވެސް ނޫނެވެ. ހަރުކަށިކަމާއިއެކު މުޢާމަލާތުނުކުރުމަށެވެ. 

ހަރުކަށިކަމާއިއެކު ތިބާ ވާހަކަދެއްކީ ތިބާގެ ދަރިފުޅަށްކަމަށްވެދާނެއެވެ. ނަމަވެސް އެބަސްތައް ތިބާ ބުނި ހަރުކަށި ޢިބާރާތުން ލޯބިވެރިޔާއަށް ޙިއްޞާކުރާނެއެވެ. ތިބާބުނި ހަރުކަށިބަސްތަކަށް ތިބާގެ ދަރިފުޅު މާފުކޮށްފާނެއެވެ. ނަމަވެސް އަނެކާގެ ހިތުގައި އެބަސްތައް ބޮށު ބުރައެއްގެ ގޮތުގައި ހަރުލުމަކީ މެދުވެރިވަމުން އަންނަ ކަމެކެވެ. 

އަންހެން ދަރިފުޅު ކައިވެންޏަށް ރުހުން ހޯދަން އެދުމުން އޯގާތެރިކަމާއިއެކު މޢާމަލާތުކުރަން އިތުރަށް ސަމާލުކަންދޭންވާނެއެވެ. ސަބަބަކީ ތިބާގެ ނުރުހުމުގައި ނަމަވެސް ކައިވެނިކޮށްފިނަމަ ދަރިފުޅުގެ މައްޗަށް އޮތް ހުރިހާ ބާރުތަކެއް ފިރިމީހާގެ މައްޗަށް ބަދަލުވެގެންދާނެއެވެ. އެހިސާބުން އޭނާއަށް ޢަމަލުކުރަންޖެހޭނީ ފިރިމީހާ ބުނި ގޮތަށެވެ. ވީމާ އޭނާގެ ހިތުގައި ނަފްރަތު އުފެއްދިއްޖެނަމަ ދެން ކަންކަން ވެގެންދާނެ ގޮތާއިމެދު ވިސްނައިލާށެވެ. 

މިބުނި ފަދަ ދެރަ ގޮތްތައް މެދުވެރިވުމުން މައިންބަފައިން ދެރަވެގެން އައިސް ޝައިޚްއެވެ. ތިމަންނަގެ ދަރިފުޅުގެ ފިރިމީހާ ތިމަންނައާއިމެދު ކަންކަން ކުރަނީ މިހެންނޭ، އަޅައެއް ނުލައޭ، އަހަރެމެންގެ ގެއަށް އަޔަވެސް ނުދެއޭ ކިޔައިގެން ޝަކުވާކުރިނަމަވެސް ކުރެވޭނެ މާބޮޑުކަމެއް ނުއޮންނާނެއެވެ. އެޙާލަތުގައި ފިރިމީހާއަށް ވިސްނައިދިނުން އޮންނަނީ ވަރަށް ދަތިއުނދަގޫ ކަމަކަށްވެފައެވެ. 

އަހަރެމެން ކިތަންމެ ނުރުހުނު ނަމަވެސް ބަވަނަވެފައިމިވާ ދުނިޔޭގައި ހިތް ނުރުހޭ ކަންކަމާއި ކުރިމަތިލާންޖެހޭނެއެވެ. ދަރިންގެ ކައިވެނީގެ މައްސަލައަކީ މިއަދު އެންމެ ޢާންމު އެއް މައްސަލައެވެ. ބަސްއަހައިގެން ކިޔަމަންތެރިކަމާއިއެކު ގޭގައި ހުންނަ ދަރިފުޅުވެސް މީހަކު ދެކެ ލޯބިވެދާނެއެވެ. އެއީ ސޯޝަލް މީޑިއާގައި ދެމީހުންނަށް ބައްދަލުވެވޭތީއެވެ.

މިކަމަށް އޮތް ހަމައެކަނި ޙައްލަކީ ދަރިންނާއި މައިންބަފައިންގެ ގުޅުން ކުރިއާލައި ބަދަހިކުރުމެވެ. ދަރިފުޅު ކުރާ ކަންކަން ދަރިފުޅުގެ އަމިއްލަ ކަންކަން މައިންބަފައިންނާއި ޙިއްޞާކުރާނެ ވަރަށް ދަރިފުޅާއިއެކު ގުޅުން ބަދަހިކޮށްގެން އުޅުމެވެ. އެކަން ނުކުރެވޭނަމަ މިބާވަތުގެ މައްސަލަތައް އިތުރުވާނެއެވެ. މައްސަލަތައް ކުރިމަތިވުމުން ބުނާ ހަރުކަށި ބަސްތަތަކުން ޙައްލެއްވެސް ނުކުރެވޭނެއެވެ. އަދި ގިނަފަހަރު އޮންނަނީ މުޅި ޢުމުރަށް ހިތާމަކުރަންޖެހޭ ކަމަކަށްވެފައެވެ. 

ވީމާ މިކަންކަމަށް މައިންބަފައިން ވަރަށް ބޮޑަށް ވިސްނައިގެން ކަންކަން ކުރަމުންގެންދިއުމަށް ނަޞޭޙަތްތެރިވަމެވެ. މިވާހަކަ އެކި ޢިބާރާތުން ގިނަގިނައިން ދައްކަން ޖެހެނީ ދަރިޮންގެ ކައިވެންޏަކީ ޢާއިލީ ހަމަޖެހުމަށް އެންމެ މުހިންމު ކަންތައް ކަމުގައިވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން