ނަމާދުގައި ކިޔާ ތަކެތި ނުއެނގޭކަމަށްބުނެ ނަމާދުނުކޮށެއް ނުހުރެވޭނެއެވެ.
ސުވާލު: ނަމާދުގައި ކިޔާ ބައެއް އެއްޗެހި ނޭންގި ކުރާ ނަމާދު ސައްޙަވާނެތޯ؟ ނޫނީ ނުކުރާ ނަމާދަކާ އެއްވަރު ވާނެތޯ؟
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ ނޭންގޭ ނަމަ ދަސްވަންދެން ބަލައިގެން ކިޔާނީއެވެ.
ހަމަ މިސުވާލަށް ޖަވާބުދެއްވަމުން ބޭރުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އަލްޙަމްދުގެ އިތުރުން ނަމާދުގައި ކިޔަން މަޖުބޫރުވެގެންވަނީ ވަރަށް ކުރުތަކުބީރުތަކެއް ކަމަށާއި ބަލައިގެން ކިޔަންވެސް ނުއެނގޭ މީހާއަށް ޒަމާނީ ވަސީލަތެއް (ތަފާތު އެޕްލިކޭޝަން) އަޑުއަހައިގެންވެސް ދަސްކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ނަމާދުކުރަން ފެށުމުން ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔައިދޭ މުސައްލަ ނުވަތަ ކުނާވެސް މިހާރުވަނީ އުފައްދައިފައެވެ. މާލޭގައި ކުޑަކުދިންގެ އެއްޗެތި ވިއްކުމަށް ޚާއްޞަ ފިހާރަތައް ކަމުގައިވާ ގޫޗިގޫގެ ފިހާރަތަކުން މިބާވަތުގެ މެޓް ވިއްކަމުންދާކަމަށް ވަނީ މަޢްލޫމާތު ލިބިފައެވެ.
ޝައިޠޯނާ އޭތީގެ މަސައްކަތްކުރިއަށްޖެއްސި ވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ ވަނީ ދީނުގައި ޘާބިތުވެ ކުރިއަށް ދެވޭނެ މަގު ފަހިކޮށް ދެއްވަވައިފައެވެ. އިންސާނުންނަށް އޮތީ ބަލައިގަނެ ޢަމަލުކުރުމެވެ. ކަންނެތްވެ ޢަމަލު ނުކޮށްފައި ދެއްކޭނެ ބަހަނާއެއް ނުއޮންނާނެއެވެ.