ދުނިޔެއިން ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނަސް ހިތްހަޖެހުން ނުލިބޭ މީހުންނަށް ހިތްހަމަޖެހުން ނުލިބެނީ ކީއްވެ؟ ހިތްހަމަޖެހުން ލިބޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދުނިޔެއިން ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނަސް ހިތްހަޖެހުން ނުލިބޭ މީހުންނަށް ހިތްހަމަޖެހުން ނުލިބެނީ ކީއްވެ؟ ހިތްހަމަޖެހުން ލިބޭނީ ކިހިނެއްތަ؟

މިބުނާ ކަންކަމަށް ވިސްނައިލާށެވެ! ބާއްޖަވެރިކަމަކީ އިންސާނާގެ ހިތަށް ލިބޭ ހިތްހަމަޖެހުމެވެ. އެއީ ބޭރުން ކިތަންމެ ގިނަ ކަންތައްތަކެއް، ނުވަތަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ބާއްޖަވެރިކަން ލިބޭނީ ހިތަށް އުފާ ލިބޭކަން ހިތަށް އިޙްޞާޞްކުރެވިގެންނެވެ.

ބާއްޖަވެރިކަމަކީ ހިތަށް ލިބޭ ހަމަޖެހުމާއި ފިނިކަމުގެ ޝުޢޫރުތަކެވެ. ހިތަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން ލިބޭނީ އެމީހެއްގެ ހިތުގައި އީމާންކަން އަށަގަތް މިންވަރަކުންނެވެ. އެހެންކަމުން ކޮންމެ ކަމަކުން ނަމަވެސް ބާއްޖަވެރިކަން ލިބެން އެދޭމީހާއަށް އޮތީ އީމާންކަން ވަރުގަދަކުރުމެވެ. އީމާންކަން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ.

ކީރިތި ޤްރްޢާނުގެ ޢާޔަތްތަކުން އެނގެން އޮތްގޮތުގައި ބާއްޖަވެރިކަން ލިބެނީ ގިނަގިނައިން ﷲ ތަޢާލާ މަތިން ހަނދުމަކުރުމުންނެވެ. މިންވަރަށް އީމާންވުމމުންނެވެ. ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ގޮތަށްކަން ޤަބޫލުކުރުމުންނެވެ.

ކިތަންމެ ގިނަ ފައިސާ އާއި މަތީ މަޤާމުތައް ލިބުނު ނަމަވެސް ބާއްޖަވެރިކަމެއް ނުލިބޭނެއެވެ. އެހެނީ އެ ނިޢްމަތްތައް ކިތަންމެ ވަރަކަށް ލިބުނު ނަމަވެސް އެމީހަކަށް ހިތްހަމަ ޖެހުން ނުލިބޭނަމަ ބާޖަވެރިކަމެއް ނުލިބޭނެއެވެ. ވީމާ މިކަންކަމުން އެނގި ޔަޤީންވަނީ ބާއްޖަވެރިކަމަކީ ބޭރުފުށުން ލިބޭ ކަންކަމުން ޙާޞިލުކުރެވޭނެ ކަމެއް ނޫން ކަމެވެ.

ގިނަ ބައަކު އަބަދުވެސް ދައްކާނީ އެމީހުންގެ ޙަޔާތަށް ހިތްހަމަޖެހުން ނުލިބޭކަމުގެ ވާހަކަތަކެވެ. ތަނަވަސްކަން ލިބި އުފަލުގައި ދިރިއޅުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާފައިވީނަމަވެސް ދިރިއުޅުމުން އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭވާހަކައެވެ.

މިފަދަ މީހުންނަށް ޙަޔާތުގެ ބައިވެރިޔާ ކިތަންމެ ގިނަ ކންތައްތަކެއް ކޮށްދިންނަމަވެސް އެއިންކަމަކުންވެސް ހިތްހަމަޖެހުން ލިބޭ ކަމަކަށް ނުވެއެވެ. އަބަދުވެސް ކަންބޮޑުވެވެނީ ޙާޞިލުނުކުރެވި ހުންނަ ކަންކަމާއިމެދުގައެވެ. ނުވަތަ އަތުން ކޮންމެވެސް އުފަލެއް ބީވެގެން ހިނގައިދާނެ ކަމާއިމެދުގައެވެ.

މިފަދަ ގޮތްތައް މެދުވެރިވަނީ ދުނިޔަވީ އުފާތަކާއިމެދުގައި ވިސްނޭވަރުބޮޑުވުމުންނެވެ. ދުނިޔަވީ އެދުންތަކަށް ހިތުގައި ދަހިވެތިކަން ބޮޑުވުމުންނެވެ. އާޚިރަތަށްވުރެ ބޮޑަށް ދުނިޔެއަށް އެދެވޭތީއެވެ. ދުނިޔެއިން އެއްވެސް ގެއްލިދާނެ ކަމާއިމެދު ކަންބޮޑުވެވޭތީއެވެ.

މިއީ ހިތްހަމަޖެހުން ނުލިބުމުގެ މައްސަލަތަކުގައި އުޅޭ މީހުން ވިސްނައިލަންވީ ކަންކަމެވެ. ހަޤީޤީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ބާއްޖަވެރިކަމުންނެވެ. ބާއްޖަވެރިކަން ލިބުންވަނީ އީމާންކަމާއި ތަޤްވާވެރިކަމުންނެވެ! އެމީހާގެ ކިބައި އީމާންތެރިކަމާއި ތަޤްވާވެރިކަން ހުރެއްޖެ ނަމަ އެމީހަކަށް ދުނިޔެއިން ކިތަންމެ ކުޑަމިންވަރެއް ލިބުނު ނަމަވެސް އަބަދުވެސް ހުންނާނީ ހަމަ ހިތްހަަމޖެހިގެން އުފަލުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން