ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ މީހަކާ ވެސް އަނބިދަރިންނަށް ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ޙަވާލުކުރުމަކީ މުޅި ދިރިއުޅުން ބަނގުރޫޓުވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ މީހަކާ ވެސް އަނބިދަރިންނަށް ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ޙަވާލުކުރުމަކީ މުޅި ދިރިއުޅުން ބަނގުރޫޓުވެދާނެ ކަމެއް!

މިޒަމާނުގައި ގިނަ މީހުން އެމީހުންނަކީ މާހެޔޮއެދޭމީހެއްކަން ދައްކަނީ އެކަމުގެ އަވާގައި އަނެކާ ޖައްސުވައި އެމީހާގެ ފުރިހަމަ ކޮންޓްރޯލު ނެގުމަށެވެ. ފުރިހަމަ ކޮންޓްރޯލު އަތުލައި ދެވެން އޮތް އެންމެ ބޮޑު ލަނޑެއް ދިނުމަށެވެ! އެއްވެސް ޙާލެއްގައި އަނެކާއަށް ހެޔޮއެދިގެނެއް ނޫނެވެ!

އެއްވެސް މީހަކު ތިބާއަށް މާބޮޑަށް ހެޔޮ އެދޭކަން ދައްކާނަމަ އެމީހަކާއިމެދު ސަމާލުކަން އިތުރުކުރާށެވެ! އެފަދަ މީހުންގެ މަޅީގައި ޖެހި އިތުބާރުކުރެވިއްޖެނަމަ ތިމާ ދިރިއުޅެންކުރާ މަސައްކަތާއި ޢާއިލީ ދިރިއުޅުން ބަނގުރޫޓުވެ ފަނާވެގެން ދިއުމަކީވެސް ހަމަ މެދުވެރިވަމުން އަންނަ ކަންކަމެވެ.

މިސިފައަކީ މުސްލިމުންގެ ކިބައިގައި އެއްވެސް ވަރަކަށް ހުރެގެންވާނެ ސިފައެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ދެމޫނުގެވެރިން ގިނަވުމެވެ. މުނާފިޤަކަށްވެ ނަރަކައިގެ އެންމެ އަޑިއަށް ވަންނަން ޖެހިދާނެކަމަށް ބިރުގަންނަ މީހުން މަދުވުމެވެ. ކޮންމެ ގޮތަކުން ނަމަވެސް ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން ފަސްނުޖެހޭ މީހުން ގިނަވުމެވެ!

ވީމާ އެއްވެސް މީހަކާއި ކަންކަން ޙަވާލުކުރާނަމަ އެކަންކުރަންވާނީ އެމީހާކުރާ އަމަލެއްގެ ސަބަބުން ތިމާއަށް ލިބިދާނެ ގެއްލުމާއިމެދު ފިސާރި ރަނގަޅަށް ހޭލުންތެރިވެހުރެއެވެ. ޚާއްޞަކޮށް ތިމާ އަމިއްލައަށް އަދާކުރަންޖެހޭ ޢާއިލީ ޒިންމާތަކާއިމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ތިމާ އަދާކުރަންޖެހޭ ޢާއިލީ ޒިންމާތައް އެހެން އެއްވެސް މީހަކާއި ޙަވާލުނުކުރާށެވެ!

މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި އެންމެ ގިނައިން މައްސަލަ ޖެހެން މެދުވެރިވާ އެއްކަމަކީ ވެސް ތިމާ އަދާކުރަންޖެހޭ ޖެހޭ ޒިންމާތައް އަދާކުރުމުގައި ފޭލްވުމެވެ. އެހެން މީހުން މެދުވެރިކުރަން ޖެހުމެވެ. މިކަންކަން އެންމެނެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ހިތާމައަކީ ވިސްނަންވާ މިންވަރަށް ނުވިސްނައި ފަރުވާކުޑަކުރެވޭކަމެވެ. ގެއަށް މީހުން ވައްދައި ހެދުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވޭ ކަމެވެ. އަނބިދަރިން ފަރުދާ ނުކުރެވޭކަމެވެ!

މިކަންކަމަކީ އިސްލާމް ދީނުގައި ވަރަށް މުހިންމުކަމެއް ދެވިފައިވާ ކަންކަމެވެ. އެއްވެސް މީހަކަށް އިތުބާރުކޮށް އިސްލާމް ދީނުގެ އިންތަކުން އެއްވެސް ކަމެއްގައި ބޭރުނުވާށެވެ! ޢާއިލީ ދިރިއުޅުން ހިމާޔަތްކޮށް ރައްކައުތެރިކުރުމަކީ އެންމެ ބޮޑު ޒިންމާކަމުގައިދެކޭށެވެ!

އަނބިދަރިންނަށް ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު ކިތަންމެ ގާތް މީހަކާއި ނަމަވެސް ޙަވާލުކުރުމަކީ ވަރަށް ބިރުހުރިކަމެކެވެ. ދިރިއުޅުން ގެއްލިގެން ހިނގައިދާނެ ކަމެކެވެ! އެކަމަށް ރައްކައުތެރިވާށެވެ! ގާތް މީހުންނަށް އިތުބާރުކުރާށެވެ! ނަމަވެސް އިމެއްގެ ތެރެއިންނެވެ.

ފައިސާއަށް ޚިޔާނާތްތެރިވެއްޖެނަމަ އެކަން ފޫބެއްދިދާނެއެވެ! ޢާއިލީ ދިރިއުޅުމުގައި މެދުވެރިވާ އެކަންކަން ފޫބެއްދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ގިނަފަހަރު އޮންނަނީ މުޅި ދިރިއުޅުން ބަނގުރޫޓުވެގެންގޮސްފައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން