ދުނިޔެއާ އާޚިރަތް ނަގާނުލާ! ﷲ ގަންދީ ކަމަށްބުނެ ދޮގުހުވާކުރުމާ ހުވާކޮށް ދޮގުހެކިދިނުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑެތިފާފަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދުނިޔެއާ އާޚިރަތް ނަގާނުލާ! ﷲ ގަންދީ ކަމަށްބުނެ ދޮގުހުވާކުރުމާ ހުވާކޮށް ދޮގުހެކިދިނުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ބޮޑެތިފާފަތައް!

ފުރަތަމަ ކަމަކީ ދޮގުހެދުމަކީ ބޮޑުފާފައެކެވެ. ﷲ ތަޢާލާ ޙަޜާމްކުރައްވަވާފައިވާ ކަމެކެވެ. މިއަދު ދޮގުހަދައި އެދޮގަކީ ތެދުކަން ދެއްކުމުގެ ގޮތުން ﷲ ތަޢާލާ ގަންދީ އެބަ ހުވާވެސް ކުރެއެވެ. މިކުރެވެނީ ކިހައި ބޮޑު ފާފައެއްކަމާއިމެދު ވިސްނައިވެސް ނުލައެވެ. ބިރެއްވެސް ނުގަނެއެވެ. ހުވާކޮށްފައި ދޮގުހެކިދޭ މީހުންވެސް އެކަންކުރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

އާދަމްގެފާނަށް ސުވަރުގެ ދޫކުރައްވަވައި ބިމަށް ފައިބާ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ކުރެއްވެވުނު ހަމަ އެންމެ ފާފައަކާއި ގުޅިގެންނެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެ އަމަލެއް ކުރެއްވެވިގެންނެވެ. އެގަހަކާއި ކައިރިވެވަޑައި ނުގަތުމަށް އަމުރުފުޅުކުރެއްވެވި އެންމެގަހަކުން ފަރިއްކުޅުއްވެވުމުންނެވެ.

ސުވާލަކީ އާދަމްގެފާނަށް އެފަދަ ބޮޑު ކުށެއް އެހައި ފަސާހައިން ކުރެއްވެވުނީ ކީއްވެގެން ހެއްޔެވެ؟ ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާގޮތުގައި އެކަމުގައި މެދުވެރިވި ސަބަބަކީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން އެއްވެސް މީހަކު އެއްވެސް މިނަވަރެއްގެ ދޮގެއް ބުނެފާނެ ކަމަށް އާދަމްގެފާނަށް އެއްވެސް ވަރަކަށް ޤަބޫލުފުޅު ކުރެއްވެވިފައިނެތުމެވެ. އެފަދަ ނުބައި އަމަލެއް އެއްވެސް މީހަކު ކޮށްފާނެ ކަމަށް ހިތްޕުޅަށްވެސް ނާރާކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ! މީސްތަކުން މިއަދު ވާހަކަދައްކާއިރު ބުނާކޮންމެ ބަހެއްގެ ކުރިއަށް ﷲ ތަޢާލާގެ ނަންފުޅު އެބަ ބޭނުންކުރެއެވެ! ﷲ ގަންދީ ކަމަށްބުނެ ބޮޑެތި ދޮގުތައް ހަދަން އެއްވެސް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ. ހީވަނީ ދުލުންބުނެލާ އެންމެ އާދައިގެ ބަހެއް ބުނެލާހެންނެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ ނަންފުޅުތަކަކީ އެންމެ މަތިވެރި ނަންފުޅުތަކެވެ. އޮނަސައްތަ އިސްމްފުޅުގައިވާ 99 ނަންފުޅުގެ ތެރެއިންވެސް ﷲ އަށްވުރެ މަތިވެރި އެއްވެސް ނަންފުޅެއް ނުވެއެވެ. އެފަދަ މަތިވެރިކަންބޮޑު ނަންފުޅެއް ބޭނުންކޮށްގެން ދޮގުބަސްތައް ނުބުނާށެވެ! ދޮގުހުވާތައް ނުކުރާށެވެ! ﷲ ތަޢާލާ އިބިލީހަށް ލަޢްނަތް ލެއްވެވިފަދައިން ހަމަ ތިމާއަށްވެސް ލަޢްނަތް ލައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!

ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ދޮގުހުވާކުރާއިއރު ވިސްނައިލާށެވެ! ތިބާހަދާ ބޮޑު ދޮގު ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާއަށް ބޮޑުވެގެންވާ ކޯފާއެއް ލައްވަވައިފާނެކަމަށް ބިރުވެތިވާށެވެ! ތިބާ އެދޭ އެއްވެސް ކަމެއް ޙާޞިލުނުވެ ދުނިޔޭގެ ޙަޔާތްވޭތިކުރަންޖެހި އަދި އާޚިރަތުގައިވެސް އެފަދަ ގޮތެއް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން