ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް ރަނގަޅަށް ކަންކަން ކޮށްދެމުންވެސް ނުބައި ބަސް ބުނެވޭނަމަ ކޮށްދެވޭ ހެޔޮ ކަންކަމެއް ނުފެންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް ރަނގަޅަށް ކަންކަން ކޮށްދެމުންވެސް ނުބައި ބަސް ބުނެވޭނަމަ ކޮށްދެވޭ ހެޔޮ ކަންކަމެއް ނުފެންނާނެ!: މުފްތީ މެންކް

މިޒަމާނުގައި ކުށެއް ކުރެވުނު ނަމަވެސް އެކަން ޤަބޫލުކުރަނީވެސް ވަރަށް މަދު މީހެކެވެ. ކުށެއް ކުރެވުމުން އެ ކުށްކުރުމަކީ ތިމާއަށް ލިބިފައިވާ ޙައްޤެއްކަމަށްވެސް ގިނަ ބައަކު އެބަ ޤަބޫލުކުރެއެވެ. ވީމާ މުޢާމަލާތުކުރުމުގައި މިއަދުގެ ޙާލަތަށް ބަލަންވާނެއެވެ. މީހުން ވިސްނާ ގޮތަށްވެސް ބަލަންވާނެއެވެ. ޙާބިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވޭނީ އެއިރުންނެވެ!

ދެމަފިރިންނަމަ މިކަމަށް ވެސް ވިސްނައިލާށެވެ! އެކަކު އަނެކަކަށް ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދެމުން ގެންދިއަ ނަމަވެސް ދުލުން ހަރުކަށި ބަސްތައް ބުނެވޭނަމަ ކޮށްދެވޭ ރަނގަޅު ކަންތައްތަކުގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. "މިވެނި ދުވަހަކު މިހެން ވެސް ބުނި" ކަމަށް ބުނެ އަބަދުވެސް ޝަކުވާގެ އަޑު ގަދަވަނީ މުޢާމަލާތުކުރެވޭ ގޮތުންނެވެ. އަނެކާ ހިތްހަމަ ނުޖެހޭ، ހިތަށް އަސަރުކުރާނެ ގޮތަށް ބަސްތައް ބުނެވޭތީއެވެ. ވީމާ އުފާވެރި ދިރިއުޅުމަށްޓަކައި ބަސްބުނުމުގައި ލޯތްބާއި އޯގާތެރިކަން އިތުރުކުރަންޖެހެއެވެ!

ހަމައެކަނި އަޅުކަންކުރުމަކުން ނުފުދެއެވެ. އެމީހަކަށް ކެރިކުޅަދާނަކަމާއި ޤާބިލުކަން ލިބިފައިވާ ވަރަކުން ހެޔޮ އަމަލުތައް ކުރަން އެހެން މީހުންނަށް ހިތްވަރުދޭން ޖެހެއެވެ. އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރަންވެސް ޖެހެއެވެ. އެކަމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ހެޔޮލަފާ ޞާލިޙް އަޅަކަށްވެވޭނީ ތިމާ ހެޔޮ ޢަމަލުކުރަމުން އެހެން މީހުންނަށްވެސް ހެޔޮ އަމަލުކުރަން ހިތްވަރުދީގެންނެވެ.

އެހެން މީހުންނަށް ނަޞޭޙަތް ދިނުމުގައި ބަލަންޖެހޭ 2 ކަމެއްވެއެވެ! ފުރަތަމަ ކަމަކީ ތިމާއަކީ ހެޔޮލަފާ ގޮތުގައި ދުނިޔޭގައި އުޅޭ މީހަކުކަމުގައިވުމެވެ. ދެވަނަ ކަމަކީ އެހެން މީހުން ތިމާ ދައްކާ ވާހަކަ އަޑު އަހާ ހިތްވާގޮތަށް ނަޞޭޙަތްދިނުމެވެ. އަމުރުވެރި ރާގުގައި ބަސްތައް ނުބުނުމެވެ. ޙިކމަތްތެރިކަން އިސްކޮށްގެން މުޢާމަލާތުކުރުމެވެ.

އަމިއްލަ ދިރިއުޅުމުގައި ޙަޔާތުގެ ބައިވެރިޔާއަށް ނަޞޭޙަތްދޭއިރުވެސް މިކަންކަމަށް ވިސްނަންވާނެއެވެ. ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވެގެން ނަޞޭޙަތްދިން ނަމަވެސް ލޯތްބާއި އޯގާތެރިކަމާއިއެކު ނަޞޭޙަތްދޭށެވެ! މައްސަލަ އިތުރަށް ގޯސްވެދާނެ ފަދަ ހަރުކަށި ބަސްތައް ނުބުނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން