މަސައްކަތުގަޑީގަ އަމިއްލަ ކަންކަމުގަ ސޯޝަލް މީޑިއާގަ ހޭދަކުރާ ވަޤުތުގެ މުސާރަ ޙަލާލެއް ނުވާނެއެވެ. މަސައްކަތުގެ ވަޤުތުގައި ކެއިން ބުއިމަށް ކަނޑައަޅާފައިވާ ވަޤުތައްވުރެ ގިނަ ވަޤުތު ބޭކާރު ގޮތުގައި ހޭދަކުރާނަމަ އެވަޤުތުގެ މުސާރަ ޙަލާލެއް ނުވާނެއެވެ.
އެނގޭހެއްޔެވެ؟ ގަޑިޖެހިގެން ހިނގައްޖެނަމަ އިސްކޮށް ހުރި މީހާގެ ގާތުގައި އެވާހަކަ ބުނެ މާފަށް އެދެންވާނެއެވެ. އޭނާ މާފުކޮށްފިނަމަ އެމައްސަލަ ނިމުނީއެވެ. ނަމަވެސް ވިސްނާށެވެ. އެކަން ތަކުރާރުވާނަމަ މާފުކުރަން އުނދަގޫވާނެއެވެ.
މިކަންކަމަށް ބަލައި ބުނަންޖެހެނީ ތިބާ މަސައްކަތްކުރަންޖެހޭ ވަޤުތުގެ ތެރެއިން އަމިއްލަ ކަންކަމަށް ހޭދަކުރެވުނު ވަޤުތުގެ ބަދަލުގައި މަސައްކަތްކުރުވާ ފަރާތަށް ފައިދާކުރާނެ މަސައްކަތްކުރުމުގައި އިތުރު ވަޤުތު ދޭންވާނެއެވެ. އިތުރުގަޑީގެ ގޮތުގައި އުޖޫރަ ނަގަންޖެހޭނީ މިކަންކަމަށް ބަލައިގެންނެވެ.
މުސާރަ ލިބުނަސް އަތަށް ފައިސާއެރިނަމަވެސް ކުރިން ކުރަންޖެހިދާނެ ކަމަށް ހީވެސް ނުކުރެވޭ ޚަރަދުތައް ކުރަންޖެހި ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން އުޅެންޖެހޭ އެއް ސަބަބަކީ ލިބުނު މުސާރަ ޙަލާލް ނުވުމެވެ. އެހެންވެ ލިބުނު ފައިސާގައި ބަރަކާތް ނުލެއްވެވުމެވެ. މުސާރަ ގުޅިފައިވަނީ ރިޒުޤާއިއެވެ. ވީމާ ފުރަތަމަކަމެއްގެ ގޮތުންވެސް ކައިބޮއި ހަދަނީ ޙަލާލް ރިޒުޤްކަން ޔަޤީންކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން