ގައުކަމަށް ހީކޮށް މޫދަށް ޖަވާހިރު އުކި މީހާގެ ވާހަކަ-: ޝައިޚް ޝާފިޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގައުކަމަށް ހީކޮށް މޫދަށް ޖަވާހިރު އުކި މީހާގެ ވާހަކަ-: ޝައިޚް ޝާފިޢް

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައަކު މިއަދު މިވަނީ ވަރަށް ބޮޑު ޣާފިލުކަމެއްގެތެރޭގައެވެ. ޙަޔާތުގެ އަގުހުރި ދުވަސްތައް ނަގާލަމުން ގެންދަނީ ވިސްނާލުމެއްވެސް ނެތިއެވެ. ދުވަސްތަކެއް ނަގައިލެވިއްޖެކަން މިއެނގެނީވެސް މުސްކުޅިވެ ގައިބާރުދެރަވާފަހުންނެވެ. ބޮޑު ބައްޔެއްގައި އެނދުމަތިވުމުންނެވެ.

ކޮންމެއަކަސް މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިފަދަ ގޮތްގޮތަށް އުޅެމުންދާ މީހުން ޝައިޚް ޝާފިޢުގެ މިލިޔުއްވުން ކިޔައި ވިސްނައިލުން ވަރަށް މުހިންމު ކަމަށް ދެކެމެވެ.

ދަންވަރު ގާއުކާމީހާ ----------------

ކަނޑުގެ އައްސޭރީގައި މީހަކު އިށީނދެލައިގެން އިނެވެ. ރޭގަނޑުގެ ކަނު އަނދިރިކަމުގެ ތެރޭގައެވެ. އެއީ ފަތިސްވުމުގެ ހިނދުކޮޅެއް ކުރިއެވެ. އެއްފަރާތެއްގައި ފުރިފައިހުރި ގާކޮތަޅެއް ހުއްޓެވެ. އޭނާ، އެކޮތަޅުން ގާކޮޅެއް ނަގައި މޫދަށް އެއްލިއެވެ. ގާކޮޅު މޫދުގެ ލޮނުގަނޑުގައި ޖެހުނު އަޑުއިވުމުން، އެއަޑު އޭނާއަށް ރީތިވެއްޖެއެވެ. އަނެއްކާ އެހެން ގާކޮޅެއް ނަގައި މޫދަށް އެއްލައިފިއެވެ. އެއްވެސް ފިކުރެއް ވިސްނުމެއް ނެތި އޭނާ މޫދަށް ގާއުކަން ފެށިއެވެ. އެހެން އިންދައި ފަތިސް ވެއްޖެއެވެ. މަޑުމަޑުން އިރުގެ އަލިދޯދިތައް ފާޅުވަމުން އެބަހުރެ އާދެއެވެ. އިރުއެރުމާއެކު، ކޮތަޅުގެ ފުލުގައި އޮތް އެންމެ ފަހު ގާކޮޅަށް އޭނާ ބަލައިލިއެވެ. އަސްތާ ސަހަރޯއެވެ. ކަމަކުދާކަށް ނެތެވެ. އެއީ އަގުބޮޑު ޖަވާހިރެކެވެ.. ވީ ދެރައިގެ ކޮޅެއް ނެތެވެ. މިއޮތްހާއިރު މޫދަށް އުކައި މިހުސްކުރީ ޖަވާހިރުތަކެއްކަން ރޭކާލީ އަދިކިރިޔާއެވެ. އެހިނދު، އޭނާ ހިތާމައިގެ ފުން ނޭވައެއް ލަމުން ބުންޏެވެ. އަހަރެންގެ މޮޔަކަމާއެވެ! މޫދަށް ގާކޮޅެއް ވެއްޓޭ އަޑު އަހާހިތުން، އުކާ މި ހުސްކުރީ އަގުބޮޑު ޖަވާހިރުތަކެކެވެ. ކުރިން އެނގުނުނަމަ މިހެނެއް ނުހެދީމުހެވެ.

ތެދެކެވެ.

އަހަރެމެންކުރެ ކޮންމެ މީހަކީ ވެސް ގާއުކަން އެއިން މީހާއެވެ.

ގާކޮތަޅަކީ އަހަރެމެންގެ ޢުމުރެވެ. އަގުހުރި އުމުރުގެ ދުވަސްތައް މި ހުސްކުރަނީ ވިސްނުމެއް ފިކުރެއް ނެތިއެވެ. ލާބައެއް މަންފާއެއް ނެތް ކަންކަމުގައެވެ.

ގާކޮޅު ފެނުގައި ޖެހުމުން އިވޭ އަޑަކީ މިދުނިޔޭގެ ފަނާވެދަނިވި އުފަލާއި ލައްޒަތެވެ.

ރޭގަނޑުގެ ކަނުއަނދިރިކަމަކީ އަހަރެމެން އުޅެމުން މިދާ ޣާފިލް ކަމެވެ.

ފަތިސްވެ އަލިވުމަކީ "ޙަޤީޤަތް ފާޅުވެ ހާމަވުމެވެ. މަރުވެދިއުމަށްފަހުގައެވެ.

ވަގުތު ފާއިތު ނުވަނީސް ޣަފްލަތުގެ ނިދިން ހޭލަމާހެއްޔެވެ؟

ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން